މާލެއިން ފުރައިގެން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ "ލައިފްލައިން" ނަމަކަށް ކިޔާ ބޯޓެއް ކާށިދޫގެ އިރުމަތީ ސަރަހައްދުގައި އިންޖީނު ހުއްޓުމާ ގުޅިގެން، އެ އުޅަނދުގައި ތިބި 25 ފަސިންޖަރުން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ ނައިފަރަށް ގެންގޮސްދީފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި، 40 މީހުންނާއެކު ދަތުރުކުރަމުންދިޔަ މި އުޅަނދު ހާލުގައި ޖެހިގެން ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައިވަނީ މިއަދު ހެނދުނު 8:15 ގައެވެ.

Ad
rt

އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ދެ ހާބަރކްރާފްޓް ލޯންޗާއި، އެމްއެންޑީއެފް ގަލްފްކްރާފްޓް ލޯންޗެއް ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.

ކޯސްޓްގާޑުގެ އޮޕަރޭޝަނުގައި އުޅަނދުގައި ތިބި ފަސިންޖަރުންގެ ތެރެއިން ނުރައްކާތެރި ހާލަތެއް ކުރިމަތިވެދާނެ ކަމަށް ބެލެވުނު 25 ފަސިންޖަރުން ވަނީ ރައްކާތެރިކަމާއެކު ނައިފަރަށް ގެންގޮސްދީފައެވެ. މީގެ ތެރޭގައި 9 ކުޑަކުދިންނާއި، 6 އަންހެނުންނާއި 10 ފިރިހެނުން ހިމެނެއެވެ. މި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ، އިންޖީނު ހުއްޓިފައިވާ "ލައިފްލައިން" ބޯޓު، އެހެން އުޅަނދެއްގައި ކަފުޖަހައިގެން ނައިފަރު ބަނދަރަށް ވެއްދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަން ފާހަގަކުރެވެއެވެ.