ނިކޯބާ އައިލެންޑްސްއަށް ރޭ އައި 6.2 މެގްނިޓިއުޑްގެ ބިންހެލުމުގެ ލޮޅުމުގެ އަސަރު ދިވެހިރާއްޖެއަށް ވެސް ކުރިކަމަށް ރެކޯޑްކުރެވިފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ.

އިންޑިއާގެ ނިކޯބާ އައިލެންޑް ނުވަތަ އިހުގައި ދިވެހިން ކިޔާގޮތުންނަމަ އަންޒަމާންކަރަ އަށް މި ބިންހެލުން އައިކަމަށް ރެކޯޑް ކުރެވިފައި ވަނީ ރާއްޖޭގެ ގަޑިން 23:41 ގައެވެ.

Ad
rt

މި ބިންހެލުމަށްފަހު ލޮޅުމެއްގެ އަސަރުކުރިކަމަށް ބައެއް ދިވެހިން ރޭ މީސްމީޑިއާގައި ބުނެފަވެއެވެ.

މެޓު އޮފީހުން މިއަދު ހެނދުނު ނެރުނު ކުރު ބަޔާނެއްގައި ބުނީ، ބިންހެލުމާ ގުޅިގެން މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމެއް އައިކަމުގެ ރިޕޯޓްތައް ލިބުނުކަމަށެވެ.

"ގދ. ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑްކުރާ މީޓަރަށް، ރާއްޖޭ ގަޑިން 23:48 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ވަނީ ރިކޯޑްކުރެވިފަ އެވެ." މެޓް އޮފީހުން ބުނެފަވެއެވެ.

މެޓުން ބުނިގޮތުގަައި މީގެ ސަބަބުން ރާއްޖެ އަށް އިރުތު ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށެވެ.

ނިކޯބާ އައިލެންޑްސް އަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ މާލެ އާއި 2215 ކިލޯ މީޓަރު ދުރުންނެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިފައެއް ނުވެއެވެ.