މިއަދު ވިސްނަންޖެހޭ މުހިންމު އެއް ކަމަކީ ދިވެހިރާއްޖޭގައި ރަނގަޅު އިޤުތިސާދެއް ބިނާކޮށް، އިޤުތިސާދީ ގޮތުން މިނިވަން، ވަރުގަދަ ޤައުމަކަށް ދިވެހިރާއްޖެ ވުންކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ.
މޭޔަރ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން، ކުޅުދުއްފުށި ސިޓީ ކައުންސިލުގައި މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ އާޠިފް ވިދާޅުވީ، މިނިވަން ޤައުމެއްގެ ގޮތުގައި މިހާރު ދިވެހިރާއްޖެ ކަޑައްތުކުރަމުންދާ ދުވަސްތަކާއެކު، ވިސްނަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ރާއްޖޭގައި ރަނގަޅު އިޤްތިސާދެއް ބިނާކޮށް، މާލީ ގޮތުން މިނިވަން ވަރުގަދަ ޤައުމަކަށް ދިވެހިރާއްޖެ ވާންޖެހޭކަމަށެވެ.
މިގޮތުން ދިވެހިރާއްޖޭގައި ރަނގަޅު އިޤްތިސާދެއް ބިނާކުރުމަށްޓަކައި އުފެއްދުންތެރިކަން އިތުރުކޮށް، ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްްޤީ ކުރުމަށް ނުހަނު ބޮޑު އިސްކަމެއް ދޭންޖެހޭކަމެއް ކަމަށާއި، މިކަމަކީ ކޮންމެ ފަރުދެއްގެ ކޮނޑުގައިވެސް އެޅިފައިވާ ބޮޑު ޒިންމާއެއްކަމަށް ޤަބޫލުކޮށް މިކަމަށް މަަސައްކަތް ކުރުމަށް މޭޔަރ އިލްތިމާސްކޮށްފައިވެއެވެ.
މި ފުރުސަތުގައި މޭޔަރ އިތުރަށް ފާހަގަކޮށްފައިވަނީ ފަރުދީ މިނިވަންކަން ރައްޔިތުންނަށް ހޯދައިދިނުމަކީވެސް މުހިންމު ކަމެއްކަމަށެވެ.
ފަރުދީ މިނިވަންކަން ބަރޯސާވާ މައިގަނޑު އެއްކަމަކީ ފަރުދެއްގެ އިޤްތިސާދީ ހާލަތު. ފަރުދުންގެ އިޤްދިސާދީ މިނިވަންކަން. ފަރުދެއްގެ ފުދުންތެރިކަން. އަޅުގަނޑުމެން މިއަދު ކުރަންޖެހޭ ބޮޑު އެއް މަސައްކަތަކީ އަޅުގަނޑުމެންގެ ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް އުޅެވޭނެފަދަ ބޯހިޔާވަހިކަމަކާއި އަސާސީ ޚިދުމަތާއެކު ވަޒީފާގެ ފުރުސަތު ނުވަތަ އާމްދަނީ ލިބޭނެ ފުރުސަތުތައް ތަނަވަސް ވާނެ ގޮތަށް އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަންކުރުން.
މޭޔަރ އާޠިފް ވިދާޅުވެފައިވެއެވެ.
މިއަދު ކުޅުދުއްފުށީގައި ބޭއްވި މި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ މޭޔަރ މުޙައްމަދު އާޠިފް އެވެ. އަދި މި ރަސްމިއްޔާތުގައި ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ އަދި ކައުންސިލް މެންބަރުންގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންނާއި ސްކޫލްތަކުގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!