ދިވެހިރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބާއްވާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލެއާއި ހުޅުމާލޭގައި ކަމަށް ބުނެފި އެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މާލޭގައި ބާއްވާ މަގުމަތީ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ވަނަ ދުވަހުގެ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވޭ މާޗް ޕާސްޓާއި ކުޅިވަރު ހަރަކާތްތަކާ އެކުގައެވެ. އަދި ހުޅުމާލޭގައި ބާއްވާ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 27 ވަނަ ދުވަހުގެ ހަވީރު 16:15 ގައެވެ.
މި ހިނގާލުމުގައި މިލިޓަރީ ބޭންޑާއެކު ފަސް ގެމައެއް ހިމެނޭނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި މަގުމަތީ ހިނގާލުމުގެ މެހިތަރަކަށް ހުންނަވާނީ އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލް، ކާނަލް ޙުސައިން ޢަލީއެވެ.
މާލޭގައި ބާއްވާ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ވެލާނާގޭ ކަންމަތިންނެވެ. މި ހިނގާލުމުގައި ލަޝްކަރު ފަސް ސަރަހައްދެއްގައި ހުއްޓި، މިލިޓަރީ ބޭންޑުން ރާގު ކުޅޭނެއެވެ. އެ ސަރަހައްދުތަކަކީ ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ޖަންކްޝަން، މިލިއަން ބުކްޝޮޕް ކައިރި އަދި ކަޅުތުއްކަލާކޮށީ ހުޅަނގުއުތުރު ކަންމައްޗެވެ.
ހުޅުމާލޭގައި ބާއްވާ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރިންނެވެ. މި ހިނގާލުމުގައި ލަޝްކަރު ދެ ސަރަހައްދެއްގައި ހުއްޓި، މިލިޓަރީ ބޭންޑުން ރާގު ކުޅޭނެއެވެ. އެއީ ސެންޓްރަލް ޕާކް އިރުމަތި އެންޓްރަންސްއާއި ސިފްކޯ/ޕޮލްކޯ ފުލެޓްތަކުގެ ހުޅަނގު ފަރާތެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ހިނގާލުމުގައި ސިފައިންގެ އިތުރުން ސްކޫލުތަކުގެ ކެޑޭޓުން ވެސް ބައިވެރިވާނެ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!