ރައްޔިތުން އިންތިޚާބުކޮށްފައި ތިއްބަވާ ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީއަކީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މި މޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ، އެ މަނިކުފާނު ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތައް ކުރެއްވި ދަތުރުފުޅުގައި، ނ. ވެލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ތަރައްޤީ އަށް ކުރާ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމުގައި ރައްޔިތުން އިންތިޚާބުކޮށްފައި ތިއްބަވާ ބޭފުޅުންގެ އެއްބާރުލުން މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ޖަލްސާގައި މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އިންތިޚާބީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން ފަދަ ބޭފުޅުން ނިސްބަތްވެވެޑައިގަންނަވާ ސިޔާސީ ޕާޓީއަކީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް އޮތް ހުރަހަކަށް ވެގެން ނުވާނޭ ކަމަށެވެ.
އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއެކު ތަރައްޤީގެ މަސައްކަތްތައް މާ ފުރިހަމައަށް ކުރިއަށްގެންދެވޭނެ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން، ޚިޔާލުތަފާތުވިޔަސް، އެއްބާރުލުން ދެއްވުމަށް، އިންތިޚާބީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް، އެ މަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ޒާތީ އަދި އަމިއްލަ ކަންކަމަށްވުރެ ޤައުމު އިސްކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ ކަމަށެވެ. އަޅުގަނޑުމެންގެ ދަރީންނަށް ދިވެހި ޤައުމު ރައްކާތެރިކަމާއެކު ފޯރުކޮށްދެވެން އޮތީ، އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކޮށް، ޤައުމީ ލޯތްބާއި އިހުސާސް އަށަގެންނެވުނު މިންވަރަކުންކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ޤައުމިއްޔަތު އިސްކޮށްގެން މެނުވީ ޙަޤީޤީ ތަރައްޤީ ނާންނާނެކަމަށްވެސް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!