ރާއްޖެއަށް މުދާ އެތެރެކުރުމަށް ވިޔަފާރިތަކަށް ދޭ ޑޮލަރު ސަޕޯޓަށް ބޭނުންވާ ޑޮލަރު ހިމެނޭހެން ރާއްޖޭގެ ބޭންކުތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ ޑޮލަރުގެ ނިސްބަތް 10 އިންސައްތަ އިތުރުކުރުމަށް ނިންމައިފިއެވެ.

އެމްއެމްއޭއިން މިއަދު ބުނެފައިވާ ގޮތުން، މި ބަދަލަށް މި ހަފްތާއިން ފެށިގެން އަމަލުކުރަން ފަށާނެއެވެ. މި ބަދަލާއެކު ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ ޑޮލަރުގެ ނިސްބަތް 40 އިންސައްތައަށް އިތުރުވެގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

Ad
rt

މި އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ ހަފްތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާގެ ނިސްބަތް 60 އިންސައްތައިން 90 އިންސައްތައަށް މަތިކޮށްފައިވާއިރު، އެމްއެމްއޭއަށް މާރުކުރާ ޑޮލަރުގެ 60 އިންސައްތަ ބޭނުންކުރަނީ ސަރުކާރުގެ އެކި ބޭނުންތަކަށާއި ރިޒާވް އިތުރުކުރުމަށެވެ.

އެމްއެމްއޭއިން ފާހަގަކުރާ ގޮތުގައި، ދާދި ފަހުން ގެނެވުނު ބަދަލާއެކު ބޭންކުތަކުން އިތުރަށް މާރުކުރާ 30 އިންސައްތަ އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ވިއްކަމުންދެއެވެ. މި ފައިސާ ބޭނުންކުރެވޭނީ އާންމުންގެ އެކިއެކި ޒަރޫރީ ބޭނުންތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންތައްތަކަށެވެ.

އެމްއެމްއޭއިން ބުނާ ގޮތުގައި މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްސަދަކީ ކޮންމެ ހަފްތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ އަދި ހަމަހަމަ ނިޒާމެއްގެ ތެރެއިން، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުމެވެ.

އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށި ފަހުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 364 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވެއެވެ. އަދި މިއަހަރު ދަރަނި އަދާކުރުމަށް 174 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ދަރަންޏަށް ދައްކާފައިވާ އަދަދަށްވުރެ 51 އިންސައްތަ އިތުރު އަދަދެކެވެ.