އެމެރިކާގެ އެލާސްކާ އެއާލައިންސްއިން އެ ކުންފުނީގެ މުޅި ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ހުރިހާ ފްލައިޓްތަކެއް ހުއްޓާލައިފިކަމަށް ހޯމަ ދުވަހުގެ ހެނދުނު އިއުލާނުކޮށްފިއެވެ.
"މިވަގުތު އައިޓީ އައުޓޭޖެއް ދިމާވެފައިވާތީ އަޅުގަނޑުމެންގެ އޮޕަރޭޝަންތަކަށް އޭގެ އަސަރުކުރަމުންދެއެވެ. މި މައްސަލަ ހައްލުވަންދެން ވަގުތީގޮތުން ސިސްޓަމް ވައިޑް ގްރައުންޑް ސްޓޮޕްއަކަށް އެދިފައިވާނެއެވެ،" ސިއެޓަލްގައި ހިންގާ މި ކުންފުނިން ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.
އެ ކުންފުނިން ވަނީ އެއަރޕޯޓަށް ދިއުމުގެ ކުރިން ފްލައިޓްތަކުގެ ހާލަތު ބެލުމަށް ކަސްޓަމަރުންނަށް އިރުޝާދު ދީފައިވެއެވެ.
އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން ދައްކާގޮތުން، އެއާލައިންގެ އެދުމުގެ މަތިން ހޯމަ ދުވަހުގެ ފަތިހު 3 ޖަހަން ކައިރިވުމާއެކު އެލާސްކާ އެއާލައިންސްގެ ހުރިހާ އެއަރޕޯޓްތަކެއްގައި ގްރައުންޑް ސްޓޮޕް އަމުރެއް ނެރެފައިވެއެވެ.
އެފްއޭއޭގެ ވެބްސައިޓްގައި ދެވަނައަށް ކުރި ޕޯސްޓެއްގައި އެލާސްކާ އެއާލައިންސްގެ ސަބްސިޑިއަރީއެއް ކަމަށްވާ އެލާސްކާ މެއިންލައިން އަދި ހޮރައިޒަން އެއަރކްރާފްޓްތަކަށް ގްރައުންޑް ސްޓޮޕް އަމުރެއް ނެރެފައިވާކަމަށް ބުނެފައިވެއެވެ.
އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ބޯޑުން ވޭތުވެދިޔަ މަހު ބުނެފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ 5 ވަނަ ދުވަހު އެލާސްކާ އެއާލައިންސް ފްލައިޓް 1282 ގެ ދޮރުގެ ޕްލަގް ޕެނަލްއެއް މަތިންދާބޯޓު ފުރުމަށްފަހު ވައިގެތެރެއަށް ބުރައިގެން ގޮސް، ކެބިންގެ ތެރެއިން ތަކެތި ބޭރަށް ދިޔަ ހާދިސާގައި ފަސިންޖަރުން ސަލާމަތްވީ އެ ފްލައިޓްގެ ކުރޫގެ ސަބަބުންކަމަށެވެ.
ސެޕްޓެމްބަރު މަހު އެލާސްކާ އެއާލައިންސްއިން ބުނެފައިވަނީ ޓެކްނޮލޮޖީގެ މައްސަލައެއްގެ ސަބަބުން "ބޮޑެތި ދަތިތަކެއް" ކުރިމަތިވެގެން ސިއެޓަލްގައި ވަގުތީގޮތުން ފްލައިޓްތައް ހުއްޓާލަން ޖެހުނު ކަމަށާއި، އެ މައްސަލަ ގަޑިއިރު ތަކެއްގެ ތެރޭގައި ހައްލުކުރެވުނު ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!