އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކިޔެވި ސްކޫލުގެ ދަރިވަރުން އެ ސްކޫލުގެ ހޯލް އޮފް ފޭމްއިން އޭނާގެ ފޮޓޯ ނެގުމަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ނިއު ޔޯކް ޓައިމްސްގެ ރިޕޯޓުގައިވާ ގޮތުން، އެމެރިކާގެ ފިލަޑެލްފިޔާ ކައިރީގައިވާ ޗެލްޓެންހަމް ހައި ސްކޫލުގެ 200 އަށްވުރެ ގިނަ ދަރިވަރުން މި ޕެޓިޝަނުގައި ސޮއިކޮށްފައިވެއެވެ.
ސްކޫލުގެ ދަރިވަރުންގެ 14 އިންސައްތަ އަށްވުރެ ގިނަ ދަރިވަރުން ހިމެނޭ މި ގްރޫޕުން އެމީހުންގެ އީމެއިލްގައި ބަޔާންކޮށްފައިވަނީ ނެތަންޔާހޫގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ދައުވާތަކާއި، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ނެރެފައިވާ ހައްޔަރު ވޮރަންޓުގައި ހިމެނޭ ހަނގުރާމައިގެ ކުށްތަކުގެ ސަބަބުން އޭނާގެ ފޮޓޯ ނެގުމަށެވެ. މި ތުހުމަތުތައް ނެތަންޔާހޫ ވަނީ ދެކޮޅު ހަދާފައެވެ.
"ކޮންމެ ދުވަހަކު އަޅުގަނޑުމެން ހޯލް އޮފް ފޭމްގެ ކުރިމަތިން ދާއިރު، އެ ފޮޓޯތަކުގައި ތިބި މީހުންނަކީ އަޅުގަނޑުމެން މިސާލަކަށް ބަލަންޖެހޭ މީހުންކަމާއި، އެމީހުން ކަހަލަ މީހުންނަށް ވާން އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭކަން އެނގޭ،" ރިޕޯޓުގައިވާ ގޮތުން ދެ ދަރިވަރުން ސްކޫލުގެ އެލަމްނައި އެސޯސިއޭޝަނަށް ފޮނުވި އީމެއިލްގައި ބުނެފައިވެއެވެ.
"އެހެންކަމުން، އޭނާ އަޅުގަނޑުމެންގެ ސްކޫލުގައި ފާހަގަކުރެވިފައި ބެހެއްޓުމަކީ ރަނގަޅުކަމެއް ނޫންކަމަށް އަޅުގަނޑުމެން ދެކެމޭ،" ޕެޓިޝަނުގައި ބުނެފައިވެއެވެ.
ހުކުރު ދުވަހު އެލަމްނައި އެސޯސިއޭޝަންގެ މެމްބަރުން ސްކޫލުގެ އިސްވެރިންނާ ބައްދަލުކޮށް ނަތަންޔާހޫގެ ފޮޓޯ ނެގުމުގެ ޕެޓިޝަނާ މެދު މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.
"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ބޯޑުގެ ގިނަ މެމްބަރުން ބޭނުންވަނީ ނަތަންޔާހޫގެ ފޮޓޯ ބަހައްޓަން، އެކަމަކު އޭނާގެ ބަޔޯގްރަފީއަށް އަޕްޑޭޓެއް ގެނެސްގެން ކަންނޭނގެ." އެސޯސިއޭޝަނާއި ސްކޫލު ޑިސްޓްރިކްޓް ތަމްސީލުކުރާ ވަކީލަކަށް ފޮނުވި އީމެއިލެއްގައި، އެލަމްނައި އެސޯސިއޭޝަންގެ ސެކްރެޓަރީ އެމިލީ ބްރެކަރ ގްރީންބަރގް ލިޔެފަވެއެވެ.
"ވަރަށް އިންޓްރެސްޓިންގ ކަމެއް އެއީ، ދުނިޔޭގައި އެހެން ޑިކްޓޭޓަރުން އެމީހުންގެ ރައްޔިތުންގެ ތެރެއިން ހާހުން މީހުން މަރާލާއިރު މާބޮޑު ކަމެއް ނުކުރޭ، އެކަމަކު އިޒްރޭލަކީ އަބަދުވެސް ވަރަށް ނެގެޓިވް ނިއުސްގައި އޮންނަ ޤައުމެއް، އަދި އަޅުގަނޑު މިހެން މިބުނަނީ އަޅުގަނޑުމެންގެ ކޮމިޓީގެ އެއްވެސް މީހަކު ޣައްޒާގެ ހާލަތާމެދު އުފާވެފައި ނެތްކަން އަންގާލަން.... ދެފަރާތުންވެސް!!!!" " އޭނާ އިތުރަށް ބުނެފައިވެއެވެ.
ނަތަންޔާހޫ އަކީ ކުށެއްނެތް ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށް، ފަލަސްތީނުގެ ބިންތަކާއި ރައްޔިތުންގެ ގެދޮރު ފޭރި، ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގަމުން އަންނަތާ ޒަމާންތަކެއްވީ މުޖުރިމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!