މާލޭގައި މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި، ތަނަކަށް ވައްދައި، އެމީހާގެ އެކައުންޓުގައި ހުރި ފައިސާ ފޭރުނު ބަޔަކު ތިބިތަނަށް ވަންނަން އުޅުނު ފުލުހުންނާއި ކުރިމަތިލައި މާރާމާރީ ހިންގައިފިއެވެ.

ފުލުހުން މިއަދު ބުނީ މާލެ، ހ. ލޮނުޒިޔާރަތްމަގުގައި މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި، ތަނަކަށް ވައްދައި، އެމީހާގެ އެކައުންޓުގައި ހުރި 200 ރުފިޔާ ޓްރާންސްފަރ ކުރުވި މައްސަލައެއް ފުލުހުންނަށް 18 ޖުލައި 2025 ވީ ބުރާސްފަތި ދުވަހުގެ ރޭ 23:57 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad
rt

މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަޙައްދަށް ދިޔައިރު، ފޭރުނު ކަމަށް ތުހުމަތުކުރެވޭ މީހުން އެ ސަރަޙައްދުގެ ގެއެއްގައި ތިބި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނުކަމަށް ފުލުހުން ބުންޏެވެ. މި މައުލޫމާތާ ގުޅިގެން ފުލުހުން އެ ގެއަށް ވަންނަން އުޅުމުން، އެ މީހުން ފުލުހުންނާ ކުރިމަތިލައި މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެމީހުން މިގޮތަށް ޢަމަލުކުރުމުގެ ސަބަބުން ބާރުގެ ބޭނުންކޮށް، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ފަރީސާ މަންޒިލް، ޙަސަން ލުޖައިން މުޙައްމަދު (23އ) އާއި މާލެ، ހ. ކަނޑުފިނިގެ، މުޙައްމަދު ޝަފީޢު (55އ) އެވެ.

އެމީހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އަނިޔާވެފައިވެއެވެ. އަދި ފުލުހަކަށް ވެސް ވަނީ އެކަހަލަ އަނިޔާއެއް ލިބިފައެވެ. އަނިޔާވުމާ ގުޅިގެން ހައްޔަރުކުރި މީހުންނަށާއި ފުލުސް އޮފިސަރަށް ވަނީ ފަރުވާ ދީފައެވެ.

ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، ފޭރުމުގެ މައްސަލަ އާއި ފުލުހުންނަށް ހަމަލާދީ ވާޖިބު އަދާކުރުމަށް ހުރަސް އެޅި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.