ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1447" މިއަދު ހެނދުނު ފަށައިފިއެވެ.
އެގޮތުން މި މުބާރާތް ފެށުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިޓީ ކައުންސިލުން ބުނެފައިވަނީ، މި އަހަރުގެ ޤުރުއާން މުބާރާތުގައި 3 ސްކޫލަކުންނާއި، 7 ޤުރުއާން ކުލާހަކުން އަދި 1 ޔުނިވަރސިޓީއަކުން މުޅި ޖުމްލަ 199 ދަރިވަރުން ވަނީ ބައިވެރިވެފައިވާކަމަށެވެ.
މީގެ އިތުރުން މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކުގެ ތެރޭގައި، ކޯ ސްޕޮންސަރ، ޤިބްލަ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް އާއި ފުވައްމުލަކު ސިޓީ ކައުންސިލަށާއި، ދިރާގު އަދި ވެމްކޯ އަށް ސިޓީ ކައުންސިލުން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
މި މުބާރާތުގެ މަޤުސަދަކީ، ރަށުގައި ކީރިތި ޤުރުއާނުގެ ހަމަތަކުގެ މަތިން އުނގެނުމާއި އުނގަންނައިދިނުމުގައި ތަރުތީލުކޮށް ކިޔެވުމުގެ ޤާބިލުކަން އުފެއްދޭނެ ފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމުގެ އިތުރުން ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިއުމަށް މަސައްކަތްކުރުމަށާއި ޤައުމީ ފެންވަރުގައި ޤުރުއާން ކިޔަވާނެ ރަނގަޅު ދަރިވަރުންތަކެއް އުފެއްދުމަށެވެ.
މި އަހަރު މި މުބާރާތައް ކަނޑައަޅުއްވާފައިވާ ފަނޑިޔާރުންނަކީ، އަލްޤާރީ މުުޙައްމަދު ތައުފީގު އަލީ / މ. މުއިރި، މާލެ އާއި އަލްޤާރީ އިބްރާހީމް ޝިފާއު / ޝާރކް، ރ. އިންނަމާދޫ އަދި އަލްޤާރީ މުޙައްމަދު ވަހީދު / އޯކިޑް ވިލާ، ރ. ހުޅުދުއްފާރު އެވެ.
ޖުލައި 19 އިން 21 އަށް ކުރިއަށްދާ މި މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީ އެން.އޯ.ސީ ފުނަވަލު މާލަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!