ފެމިލީކޯޓުގައި މިދިޔަ މޭ މަހާއި ޖޫން މަހު 460 ކައިވެނި އަދި 210 ވަރީގެ މައްސަލަތައް ނިންމާފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުން ދައްކައިފިއެވެ.
ފެމިލީ ކޯޓުގެ މިދިޔަ މޭ މަހާއި ޖޫން މަހުގެ މަސައްކަތުގެ ތަފާސްހިސާބު ހިމެނޭ އުސްއަލިތައް މިއަދު އާންމުކޮށްފައިވާއިރު، އެ ކޯޓުގެ ތަފާސްހިސާބު ދައްކަގޮތުން މޭ މަހު ވަނީ 280 ކައިވެނި ކޮށްދީފައެވެ. އަދި އެ މަހު 147 ވަރީގެ މައްސަލަ ނިންމާފަވެއެވެ. އެ ކޯޓުން ޖޫން މަހު 180 ކައިވެނިކޮށްދީފައިވާއިރު، ވަރީގެ 63 މައްސަލައެއް ނިންމާފަވެއެވެ.
އެ ކޯޓުގައި މެއި މަހު ވަރިވުމަށް އެދި 69 މައްސަލައެއް އަދި ވަރިކުރުމަށް 26 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި މަސް ނިމުނުއުރު އެ ކޯޓުގައި ވަރިވުމަށް ހުށަހެޅި 81 މައްސަލައެއް އަދި ވަރިކުރުމަށް ހުށަހެޅި 19 މައްސަލައެއް ނުނިމި އޮތެވެ.
އެ ކޯޓަށް މޭ މަހު ގެވެށި އަނިޔާގެ 13 މައްސަލައެއް ހުށަހެޅިފައިވާއިރު، ރައްކާތެރިކަމާއި ރައްކާތެރި ކަމުގެ އަވަސް އަމުރު 9 މައްސަލައެއްގައި ނެރެދީފަވެއެވެ.
މޭ މަހު ފެމިލީ ކޯޓަށް ދަރިންގެ ޚަރަދު ހޯދުމަށް 14 މައްސަލައެއް ހުށަހެޅިފައިވާއިރު، އަނބިމީހާ އަށް ޚަރަދު ހޯދުމަށް 2 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
ފެމިލީކޯޓަށް ޖޫން މަހު ވަރިވުމަށް އެދި 61 މައްސަލައެއް އަދި ވަރިކުރުމަށް 15 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި މަސް ނިމުނުއުރު އެ ކޯޓުގައި ވަރިވުމަށް ހުށަހެޅި 100 މައްސަލައެއް އަދި ވަރިކުރުމަށް ހުށަހެޅި 23 މައްސަލައެއް ނުނިމި އޮތެވެ.
އެ ކޯޓަށް ޖޫން މަހު ގެވެށި އަނިޔާގެ 8 މައްސަލައެއް ހުށަހެޅިފައިވާއިރު، ރައްކާތެރިކަމާއި ރައްކާތެރި ކަމުގެ އަވަސް އަމުރު 5 މައްސަލައެއްގައި ނެރެދީފަވެއެވެ.
ޖޫން މަހު ފެމިލީ ކޯޓަށް ދަރިންގެ ޚަރަދު ހޯދުމަށް ހުށަހަޅާފައި ވަނީ އެންމެ މައްސަލައެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!