ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނަ އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
އިނގިރޭސި ރަސްގެފާނު ޗާލްްސް އާއި ރައީސް ބައްދަލުކުރެއްވީ ރައީސް މިހާރު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިއަދު ހެނދުނު ވިންޑްސަރ ކާސްލްގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ، މި ބައްދަލުވުން ކުރިއަށް ދިޔައީ ޤައުމުތަކުގެ އެންމެ އިސްވެރިންނާއި އެކު ރަސްގެފާނު ޚާއްޞަ ބައްދަލުވުން ބާއްވަވާ ޕްރައިވެޓް އޯޑިއެންސް ރޫމްގައިކަމަށެވެ.
ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ރައީސް މިހާރު އިނގިރޭސިވިލާތަށް ކުރަށްވާ ދަތުރުފުޅުގައި ކުރިން ވަނީ އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް، ރައިޓް ޑޭވިޑް ލެމީ އެމް.ޕީގެ އިތުރުން އިނގިރޭސިވިލާތުގެ ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސް، ރައިޓް ސަރ ލިންޑްޒޭ ހޮޔިލް އެމް.ޕީ އާއި ބައްދަލުކުރަށްވާފައެވެ.
މީގެ އިތުރުން ރައީސް ވަނީ އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕް (އޭ.ޕީ.ޕީ.ޖީ)ގެ މެމްބަރުންނާއި ވެސް ބައްދަލުކުރަށްވާފައެވެ.
ރައީސުލްޖުމުހޫރިއްޔާ، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އާއި އެކު ޕްރައިވެޓް އޯޑިއެންސް އެއް މި ބޭއްވެވީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްވިތާ 60 އަހަރު ފުރޭ މުނާސަބަތާވެސް ދިމާކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!