ދުބާއީ ޕޮލިހާއި ސީއައިޑީ އާއި އެހެނިގެން އިދާރާތަކުގެ ނަމުގައި ސްކޭމަރުން ވީޑިއޯ ކޯލްތަކެއް ކުރަމުން އަންނާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ކުރި ސަމާލުގެ ޕޯސްޓެއްގައި ބުނީ ދުބާއީ ޕޮލިހާއި، ސީއައިޑީ އަދި އެހެނިހެން އިދާރާތަކުގެ ނަމުގައި ސްކޭމަރުން ވީޑިއޯ ކޯލް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

Ad
rt

މިފަދަ ފަރާތްތަކުން +971 58 532 2946 ފަދަ ނަންބަރުތަކާއި dubaipolicecid5513@gmail.com ފަދަ އީމެއިލްތައް ބޭނުންކޮށްގެން ޒާތީ މަޢުލޫމާތާއި އެކައުންޓްތަކުގެ މަޢުލޫމާތު ހޯދަން މަސައްކަތް ކުރަމުންދާކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ.

މިކަމަށް ސަމާލުވެ ތިބުމަށް އެންޓި ސްކޭމް ސެންޓަރުން ދީފައިވާ އިރުޝާދުތައް

  • ދުބާއީ ޕޮލިހުން ވީޑިއޯ ކޯލްގައި އެއްވެސް ސެންސިޓިވް މަޢުލޫމާތެއް ނުވަތަ ފައިސާއެއް ނުހޯދާނެ!
  • އެއްވެސް ހާލެއްގައި އޯޓީޕީ، ޕާސްވޯޑް ނުވަތަ ބޭންކް މަޢުލޫމާތު ހިއްސާނުކުރައްވާ!
  • ޝައްކުކުރެވޭ ކޯލެއް އަތުވެއްޖެނަމަ، ވަގުތުން ފޯން ކަނޑާލައްވާ!

އެހެންވެ މިކަމަށް ސަމާލުވުމަށް އެދި، އެންޓި ސްކޭމް ސެންޓަރުން ވަނީ މި މެސެޖް ގިނަ ބަޔަކާ ހިއްސާކޮށްދިނުމަށް އެދިފައެވެ. އަދި އާއިލާއާއި ރައްޓެހިން މިފަދަ ސްކޭމްތަކުން ރައްކާތެރިކުރުމަށް އެހީތެރިވެދިނުމަށް ވެސް އެ ސެންޓަރުން ވަނީ އެދިފައެވެ.

ފުލުހުން އަންނަނީ ރައްޔިތުން މިފަދަ ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށް ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.