އަންނަ 2026 ވަނަ އަހަރުގެ ދިރާސީ އަހަރަށް ސަރުކާރުގެ ސްކޫލްތަކުގެ އެލް.ކޭ.ޖީ (ޕްރީ ސްކޫލް) އާއި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.
މިއަދު އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލި މި ފުރުސަތުގެ ދަށުން ފޯމް ހުށަހެޅުމުގެ މުއްދަތު 15 ޖުލައި 2025 އިން 31 އޮގަސްޓް 2025 ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ކުދިން ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތާ ގުޅޭގޮތުން މިދިޔަ އަހަރު ޖެނުއަރީގައި މިނިސްޓްރީން ނެރުނު ސާކިއުލާގައިވާ ގޮތުން، ގްރޭޑް 1 އަށް ވެއްދުމުގައި ބަލާނީ ޑިސެމްބަރު 31 ގެ ނިޔަލަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނަށެވެ. މީގެ މަޤްޞަދަކީ ދިރާސީ އަހަރު ބަދަލުވުމުން ދަރިވަރުންނަށް އުމުރުގެ ގޮތުން ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމެވެ.
މިހާރު ކުރިއަށްދާ ދިރާސީ އަހަރުގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މި މަހު 24 ގައި ފުރަތަމަ ޓާމުގެ ޗުއްޓީއަށް ދެ ހަފްތާ ލިބޭނެއެވެ. މިހާރު ސްކޫލްތަކުގައި ކުރިއަށް ދަނީ މަތީ ގްރޭޑްތަކުގެ އިމްތިހާނުގެ ފަހު ދުވަސްކޮޅެވެ.
މި ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އޮގަސްޓު 10 ގައެވެ. މިހާރު ފަށާފައިވާ ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ގައެވެ.
ސްކޫލްތަކަށް މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27، 2026 އާ ހަމައަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!