ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތްތައް ތިން ރައީސެއްގެ ވެރިކަމުގައި ކުރެވިފައިވާތީ، އެއިން ކޮންމެ ރައީސަކަށް ވެސް އެކަމުގެ ޑިއު ކްރެޑިޓް ދޭންޖެހޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

އާ ޓާމިނަލްގެ ކްރެޑިޓް ދޭންވީ ކޮން ރައީސަކަށްތޯ ދެކެވޭ ވާހަކަތަކާއި ގުޅިގެން ޕްރެޒެންޓަރ ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ހުޅުލޭ އެެއާޕޯޓް މިހާރުނަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީއަށް ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުން ފެށިގެން އެކި ވެރިން ކުރެއްވި މަސައްކަތްތައް ފެންނަން ހުރިކަމަށެވެ. އަދި މިހާރު ހުޅުވުމަށް ތައްޔާރުވަމުންދާ އާ ޓަރމިނަލަށް ބެލިނަމަވެސް ކޮން ވެރިކަމެއްގައި، ކޮން މަސައްކަތެއްކަން ހިނގީ ފެންނަން އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މަސައްކަތްތަކުގެ ކްރެޑިޓް އަމިއްލަ ކުރާ "ނުރަނގަޅު އާދަ" ދޫކޮށްލުމަށް އިލްތިމާސްކުރައްވާފައެވެ.

"ޑިއު ކްރެޑިޓް ދޭންޖެހޭނޭ އެއިން ކޮންމެ މީހަކަށްވެސް. މިހާރުގެ މި އެއަރޕޯޓްގެ އެ ޓަރމިނަލް މަސައްކަތް، ރައީސް ޔާމީންގެ ވެރިކަމުގައި ފެށުނީ. ދެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އިތުރު މަސައްކަތްތައް ކުރެވިފައި އެހެރީ. ދެން އަޅުގަނޑުމެންނާ ހަވާލުވެގެން ދެން ބާކީހުރި ހުރިހާ މަސައްކަތެއް މި ނިންމީ، ގާތްގަނޑަކަށް ދޮޅުއަހަރުގެ ތެރޭގައި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކޮން މަސައްކަތެއް، ކޮން ވެރިކަމެއް، ކިހާވަރަކަށްކަން ކުރެވުނީ ފެކްޓްސްތަކުން ވަރަށް ސާފުކޮށް ފެންނާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރާ ވެރިކަން ހަވާލުވިއިރު، އެއަރޕޯޓްގެ މަސައްކަތް ހުރިގޮތް ބެލުމަށް އެންމެ ފުރަތަމަ ދިޔައީވެސް އެ ސަރަހައްދަށް ކަމަށެވެ. ޓްރާންސިޝަން މަރުހަލާގެ ތެރޭގައި އެ މަސައްކަތް ބެލުމަށް ވަޑައިގެން، މިއީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު މަޝްރޫޢު ކަމަށާއި، މި މަޝްރޫޢު ނިންމުމަށް އެންމެ އިސްކަންދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އިންޖިނިއަރިންގ ބެކްގްރައުންޑުން ބެއްލެވިއިރު، ވެރިކަމާ ހަވާލުވިއިރު ޓަރމިނަލްގެ މަސައްކަތުގެ ގާތްގަނޑަކަށް 54 ޕަސެންޓް ނިމިފައި ހުރީ އެ އިމާރާތުގެ ސްޓްރަކްޗަރާއި ބޭރުން ޕްލޭޓް ކުރުން ފަދަ ކަންކަން ކަމަށެވެ. އެހެންނަމަވެސް، އިމާރާތުގެ ތެރޭގެ ގިނަ ކަންތައްތަކާއި، ޓަރމިނަލް އޮޕަރޭޝަނަލް ކުރުމަށް ކުރަންޖެހޭ އެތައް މަސައްކަތެއް ހުރީ ބާކީވެފައި ކަމަށް ވިދާޅުވިއެވެ.

މިގޮތުން، ޓަރމިނަލް ބޭނުންކުރުމަށްޓަކައި އެންމެ މުހިންމު އެއްކަމަކަށްވާ 'ހެޑް އޮފް ސްޓޭންޑް' މަގެއް ހަދާކަށް ހަވާލުކޮށްފައިވެސް ނެތް ކަމަށާއި، އެމަގު ހަދަން ހަވާލުކޮށް މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ޑިއުޓީފްރީއާއި، ކޮމާޝަލް އޭރިއާތައް ހަދާކަށްވެސް އެއްވެސް ފަރާތަކާ ހަވާލުކޮށްފައި ނުވާ ކަމަށް ވިދާޅުވެ، އެކަންވެސް އެމަނިކުފާނުގެ ސަރުކާރުން ހަވާލުކޮށް މިހާރު މިނިވަންދުވަހާ ދިމާކޮށް ހުޅުވުމަށް ބޭނުންވާ މިންވަރަށް ނިންމަނީ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރީގެ ރައީސުންގެ ވެރިކަމުގައި ކުރެއްވި އެއްވެސް މަސައްކަތެއް ނުކުރާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ނުދެންނެވޭނެ ކަމަށާއި، ރައީސް ޔާމީންގެ ވެރިކަމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ފެށުނު ކަމަށާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި އެތަން ފުރިހަމަކޮށް ނިންމީ މިވެރިކަމުގައި ކަމަށް ވިދާޅުވިއެވެ.