" ކިހިނެއް ވީ؟ ހާދަ ބަސްމަދު ދުވަހެއް؟" މަރިޔަމް އެހިއެވެ.
އެއާއެކު ހަސަން ހިނިތުންވެލަމުން ތަށި ސާފުކޮށްލިއެވެ.
" ކަމެއްނުވެ." ހަސަން ދިނީ ކުރު ޖަވާބެކެވެ.
" ނުބުންޏަސް އަހަންނަށް އެނގޭ ހަސަން ފިކުރު ކުރާކަން. އަދި ފިކުރު ކުރަނީ ކޮން ކަމަކާކަން ވެސް އެނގޭ." މަރިޔަމް ބުންޏެވެ.
ހަސަން މަޑުމަޑުން ބޯ ޖަހާލިއެވެ.
" އެ ކަހަލަ ވާހަކަ ދައްކާ ހިތެއް ނުވެ. އެކަމަކު ނުދައްކާ ވެސް ހިތަކަށް ކުޅަދާނައެއް ނުވެ." އަސަރާއެކު ހަސަން ބުންޏެވެ.
އެ ވަގުތު މަރިޔަމް ހަސަންގެ އަތް މަތީ އަތް ބާއްވާލިއެވެ. ދެ މީހުންގެ ހަތަރުކަޅި ބައްދަލްވުމާއެކު މަރިޔަމް ލުއި ގޮތަކަށް ހިނިތުންވެލިއެވެ.
" މިއަދު އެ ދަރިން ފެނުނީމަ ލިބުނު އުފަލަށްވުރެ ބޮޑަށް ހިތްދަތިވީ. ރިހާކުރު ހުރީމަ ނުކައި އެ ދިޔައީ މުސްކުޅި މައިންބަފައިން މި ރިހާކުރު ކާން ބައިތިއްބާފަ ކެފޭއަށް މީރު އެއްޗެހި ކާން. އެންމެ ފަހަރަކު ވެސް މަންމާއޭ، ބައްޕާއޭ ކާން ދާނަންތޯ ނޫނީ ގެނެސްދޭން ވީ ކޮން އެއްޗެއްތޯ އަހާލި ނަމަ.. މިއީދޯ ހަސަން ތި ހިތަށް އަރާ އެއްޗެއްސަކީ؟" މަރިޔަމް ވާހަކަ ދެއްކީ ނުހަނު މަޑުމައިތިރިކަމާއެކުއެވެ.
ހިންދިރުވާލުމަށްފަހު ހަސަން ބޯ ޖަހާލިއެވެ. އެއާއެކު މަރިޔަމް ހަސަންގެ އަތަށް ބާރަށް ފިތާލިއެވެ.
" އަހަންނަށް އެނގޭ މަރިޔަން ވަރަށް މީރު އެއްޗެހި ކާހިތްވާކަން. އެހެންވެ އަހަރެން ހުރީ މަންމަ ގެންދާށޭ ބުނާ ހިތުން. އެކަމަކު އެ ކުދިންގެ ހިޔާލަކު ނެތް އަހަރެމެން ބައިވެރިކުރާކަށް." ހަސަން ބުންޏެވެ.
" ބާކީ ކުރާކަން އިހްސާސްވާތީ ވަރަށް ދެރަވޭ. " އިސްޖަހާލަމުން މަރިޔަން ބުނެލިއެވެ.
އޭރު ވެސް ހަސަން އިނީ ކަޅި ޖަހައިނުލާ މަރިޔަންގެ މޫނަށް ބަލަހައްޓައިގެންނެވެ.
ރާމިޒް ފާހާނާއިން ނިކުތް އިރު ސާޔާ އިނީ އެނދުމަތީގައެވެ. އޭނާގެ މޫނުމަތިން ކަމަކާ އުދާސްވެފައި އިންކަން ރާމިޒްއަށް ކަށަވަރު ކުރެވުނެވެ. ކިހިނެއްވީތޯ ސުވާލު ކުރުމާއެކު ސާޔާއަށް ދެ ފަރާތަށް ބޯ ހޫރާލެވިއްޖެއެވެ. އޭރު އޭނާގެ ދެ ލޮލުން ކަރުނަ ހިލެމުން ދެއެވެ.
" މަންމަމެން ކައިރީ ކެފޭއަށް ދާން ނުބުނީމަ އަހަރެން ހާދަ ދެރަވިއޭ. ރިހާކުރު ކާން ޖެހޭތީ ދޮންބެމެން ކެފޭއަށް ދިޔައީ. އެކަމަކު މަންމަމެން ކައިރީ ނުބުނި." ސާޔާ ބުންޏެވެ.
އެއާއެކު ހަރުގައި ތުވާލި އަޅާލަމުން ރާމިޒް ޗޮކެއް ކަނޑާލިއެވެ.
" ދެން އެއީ ސާމިހުގެ ކަމެއްނު. މި ތަނަށް އައި އިރު ވެސް އަހަރެން ސާޔާ ކައިރީ ބުނިންދޯ އަހަންނަށް އެއްވެސް ހަރަދެއް ނުކުރެވޭނެޔޭ. އެހެން ނޫނަސް ދެން އެކަމާ އަހަރެމެން ދެ މީހުން ޒުވާބު ކުރާކަށް ނުޖެހޭނެ. ކޮންމެތާކު ހުއްޓަސް ސާޔާގެ މަންމަމެންނާ ހެދި އެބަ މައްސަލަ ޖެހޭ. އަހަރެން މިހާރު ތި ޖަޒްބާތީ ވާހަކަތައް އަޑު އަހާއަހާ ސާޔާދެކެ ވެސް ފޫހިވާން ފަށައިފި ކަންނޭނގެ." ރާމިޒް ބުންޏެވެ.
އެއާއެކު ސާޔާ ތެދުވެއްޖެއެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ރުޅި އައިހެވެ. ނަމަވެސް ރައްދުދޭން ފަށައިފިނަމަ ސާމިހް އިތުރަށް ރުޅި އަންނާނެކަން ސާޔާއަށް އެނގުނެވެ. އެހެންވެ، އޭނާ އެތާ މަޑުނުކޮށް ބާރުބާރަށް ކޮޓަރިން ނިކުމެއްޖެއެވެ. އޭރު މަންމައާއި ބައްޕަގެ އިތުރުން ސާމިހްގެ ދެމަފިރިން ވެސް ސިޓިންރޫމްގައި ތިއްބެވެ.
އެ މީހުން ފެނުމާއެކު ސާޔާ އަވަސް އަވަހަށް އޭނާގެ މޫޑު ބަދަލުކޮށްލިއެވެ. ގަދަކަމުން ހިނިތުންވެލުމަށްފަހު ގޮސް މަންމައާ ޖެހިގެން ހުރި ގޮނޑީގައި އިށީނީ މަންމަގެ ބޮލުގައި ފިރުމާލަމުންނެވެ.
" މާދަމާ ދަތުރު ދާން ވެގެން މި ރާވަނީ. ޑިންގީއެއް ވެސް ހޯދަން ކުއްޖަކު ކައިރި ބުނެފިން." ސާމިހް ބުންޏެވެ.
އެއާއެކު ސާޔާއަށް ބަލައިލެވުނީ ބައްޕަގެ މޫނަށެވެ.
" ބައްޕައަށް އެނގޭދޯ އަދިވެސް ޑިންގީ ދުއްވަން." އުފާވެރި ރާގެއްގައި ސާޔާ އެހެން ބުނުމާއެކު ހަސަން އަވަސް އަވަހަށް ބޯ ޖަހާލިއެވެ.
ދަރިން ގޮވައިގެން ދާހިތުން ހަސަން ހުރީ ކެތްމަދުވެފައި ކަހަލައެވެ.
" އާނ ބައްޕައަށް ނޭނގިއެއް ނުހުންނާނެ އެއްނު." ހަސަން ބުންޏެވެ.
" އައްމަޓީ ކައިރި ބުނިން ޑިންގީ ދުއްވައިދޭން އަންނަން. ބައްޕަދެން ދާނެ ކަމެއް ނެތެއްނު. އެހާ އަވި ގަދަވާނެ. " ސާމިހްގެ ޖުމްލައާއެކު ހަސަންއާއި މަރިޔަމްއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. އެ މަންޒަރު ބަލަން ދާދި ގާތުގައި އިން ސާޔާގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ.
" ނޫން ދޮންބޭ. ބައްޕަމެން ގޮވައިގެން ދާހިތްވަނީ. ބައްޕަ ވެސް މިހާރު ވަރަށް ދުވަސް ވެއްޖެއެއްނު އެ ގޮތަށް ތަނަކަށް ނުދަނީ." ސާޔާ ބުންޏެވެ،
" އެހެންވީމައޭ ބައްޕަ ނުގެންދަން މި އުޅެނީ. މިހާރު ބައްޕަމެން އެހާ ކޮލިޓީއެއް ނުވާނެއެއްނު. މީހެއްގެ ޑިންގީއެއް ގެނެސް ގަަލަކަށް އަރުވާލީމަ މާ ރީއްޗެއް ނުވާނެ." ސާމިހް ބުނެލީ ހެމުންނެވެ.
ހިތަށް ތަދުވީ ނަމަވެސް ހަސަން ވެސް ސާމިހްގެ ވާހަކައިގައި ބައިވެރިވީ ހެމުންނެވެ.
" މަންމައަށް ވެސް ޑިންގީއަށް އަރާ ފައިބަން ފަސޭހައެއް ނުވާނެއެއްނު." ރައުދާ ބުންޏެވެ.
އަނެއްކާ ވެސް ސާޔާއަށް މަންމަގެ މޫނަށް ބަލައިލެވުނެވެ ހެވިފައި އިން ނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައިވާ ހިތްދަތިކަން ސާޔާއަށް އެނގުނެވެ. މަންމައާއި ބައްޕަގެ މޫނަށް ކަޅި ޖަހައިނުލާ ސާޔާއަށް ބަލަން ފެށުނެވެ.
" ރާމިޒް ގޮވައިގެން ހިނގާ ފިހާރައަށް ދާން. މާދަމާއަށް އެއްޗެހި ގަންނަން." ސާޔާއަށް ބަލައިލަމުން ސާމިހް ބުނެލިއެވެ.
" ގެއަށް ބޭނުންވާ އެއްޗެހި ވެސް ގަންނަން ވީއެއްނު. މަސްދަޅެއް ވެސް ނެތް. ދޮންބެ ބުނީމެއްނު ރަށަށް އައިސް މޭވާ ތަރުކާރީ ގަންނާނަމޭ." ސާޔާ ހަނދާންކޮށްދިނެވެ.
" މަންމައަށް ދެން އެންމެންނަކަށް ނުކެއްކޭނެ އެއްނު. އެންމެ ދެ ތިން ދުވަހަށް މި އައީ. ކެފޭއިން ކާލާނީ." ރައުދާ ބުންޏެވެ.
ރައުދާގެ ޖުމްލައިން ސާޔާ ހިތްހަމަ ނުޖެހުނެވެ. ސާޔާއަކަށް އެކަން ވީ ވަރަށް ބޮޑު ވެސް ކަމަކަށެވެ.
" ނޫނޭ ދައްތާ. އަހަރެން ބޭނުމޭ ކައްކަން. އަހަރެން ކައްކާނަމޭ. އަހަރެން ބޭނުމޭ މަންމަމެންނަށް މީރު އެއްޗެހި ކައްކައިދޭން." ސާޔާ ބުނެލިއެވެ.
" ދެން އެހެންވިއްޔާ ސާޔާ ގޮސް އެއްޗެހި ގަނެލަންވީނު. އަހަރެންގެ ހާލަތު ހުރިގޮތުން އަހަންނަށް މަސައްކަތް ނުކުރެވޭނެތީ، މަންމަމެންނަށް އުނދަގޫ ކުރަން ބޭނުން ނުވަނީ. " މަޑުމައިތިރި ރާގެއްގައި ރައުދާ ވާހަކަ ދެއްކި ނަމަވެސް އެ ވާހަކައިގެ ވިހަކަން ސާޔާގެ އިތުރުން މަރިޔަމްއަށް ވެސް ފާހަގަ ކުރެވުނު ކަހަލައެވެ.
" މަންމަމެން ކޮންމެހެން މީރު އެއްޗެހި ކާކަށް ބޭނުމެއް ނުވެޔޭ. މަންމަމެންނާ ހެދި ބޮޑު ބުރައަކަށް އެއްވެސް ކަމެއް ހަދާނެ ކަމެއް ނެތް. ދަރިފުޅުމެންގެ ޗުއްޓީގައި ދަރިފުޅުމެން މަޖާކޮށްލީމަ ރަނގަޅުވާނެ." މަރިޔަމް ބުންޏެވެ.
އެ ވަގުތު ސާމިހް ހެވިފައި ހުރެ ބޯ ޖަހާލިއެވެ. ނަމަވެސް ސާޔާ ހުރީ އޭރު ވެސް ވަރަށް ބޮޑަށް ހިތްހަަަމަ ނުޖެހިފައެވެ.
ކޮޓަރިއަށް ވަތް ގޮތަށް މަރިޔަމްއަށް ހަސަންގެ މޭގައި ބޯ ޖައްސާލެވުނެވެ. އޭރު ހަސަންގެ ހިތް ވެސް ނުހަނު ބާރަށް ތެޅޭކަން އޭނާއަށް އިހްސާސް ކުރެވުނެވެ.
" ދެރަވަނީ؟" މަރިޔަމް ސުވާލު ކުރިއެވެ.
" ނޫން. " ހަސަން ދިނީ ކުރު ޖަވާބެކެވެ.
" ނުބުންޏަސް އެނގެޔޭ." މަރިޔަމް ދެ އަތުން ހަސަންގެ ގައިގައި ބައްދާލިއެވެ. އެ ވަގުތު ހަސަން ވެސް މަރިޔަމްގެ ބުރަކަށީގައި މަޑުމަޑުން ފިރުމާލިއެވެ.
" ދަރިން އެކަނި ކުއްވެރިއެއް ނުކުރާނަން. ދަރިން އިނދެގެން އުޅޭ މީހުންގެ ގޮތުން ވެސް ބައެއް ފަހަރު އެހެން ވާނެ. މާ ބޮޑަށް ލޯބިވާ މީހަކު ލިބިއްޖެއްޔާ މައިންބަފައިންމަތިން ހަނދާން ނައްތާލާ ކުދިން މި ޒަމާނުގައި މަދެއް ނޫނޭ. އަނބިން ނޫނީ ފިރިން ބުނާގޮތް ހަދައިގެން އެ އުޅެނީ އެ ކުދިންގެ ދިރިއުޅުން ސަލާމަތް ކުރަން. " ހަސަން ބުނެލިއެވެ.
" އެކަަމަކު...އަހަރެމެން އުމުރުން ދުވަސްވެ، ބަލިވީ ދުވަހު އަހަރެމެން ބާކީކޮށް، އަހަރެމެން ހިތުގައި ޖައްސާއިރު ހަމަ އެއްވެސް އެއްޗެއް ހިތަށް ނާރަނީތަ؟ ކެފޭއަށް ގޮސް އަހަރެމެންނާއެކީ ކާލަން އެ ކުދިން ލަދުގަންނަނީތަ؟ ދަތުރު ދާއިރު އަހަރެމެން ބައިވެރި ކުރަން އުނދަގޫވަނީތަ؟ " އެ ހިސާބަށް ވާހަކަ ދިޔުމާއެކު މަރިޔަމްގެ އަޑު ބެދޭގޮތްވިއެވެ.
" އަހަރެމެން އެ ދަރިން ބެލީ ކިހިނެއް؟ ކިހިނެއް ބެލީ؟ ކޮން ހާލެއްގައި ބެލީ؟ ކާއެތިކޮޅު އަރު ތެރެއިން ނުދިރޭ ދުވަސްތައް މަދެއް ނުވާނެ. ދަރިންނަށް ކާން ދޭނެ އެއްޗެއް ނެތިގެން ދެރަވެގެން ރޯ ފެންފޮދެއް ބޯން ވެސް އަހަރެން ހަނދާން ނުހުރެ. އެ ކުދިން މީހުންނާ އިންނަން ވަންދެން ވެސް އެންމެ ގާތުގައި ތިބީމެއްނު. އަހަރެމެންގެ އުފާތައް ގުރުބާންކޮށްފައި އެ ކުދިން ވަޒީފާތަކަށް ދާން ދެން ވެސް އަހަރެމެން އެ ކުދިންނަށް ހަރަދު ކުރީމެއްނު. ކޮން ކަމެއް ފުރިހަމަނުވެ އޮތީ؟ ކީއްވެ އަހަރެމެން އެހާ ދުރުކުރަނީ؟ ކީއްވެ އަހަރެމެންނާ ހެދި އެ ކުދިންނަށް އުނދަގޫވަނީ؟ ކީއްވެ އަހަރެމެން އުފާކޮށްދޭން އެ ކުދިން ނޫޅެނީ؟" މަރިޔަމްއަށް ބާރަށް ރޮވިއްޖެއެވެ.
" މަރިޔަން. ނުރޮއިބަލަ. ކަމެއް ވެދާނެޔޭ. ހިތްވަރުކުރޭ. މިންވަރަށް ޝުކުރުކުރޭ. އަދި... އަދި ދަރިންނާމެދު ހިތްހެޔޮކުރޭ. މަރިޔަންއަށް ބުނެވޭ އެންމެ އެއްޗަކުން ވެސް އެ ދަރިންގެ އާޚިރަތް ހަލާކު ވެދާނެ. މައިންނަކީ އެހާ މަތިވެރިބައެކޭ." ހަސަން އެހެން ބުނެ މަރިޔަމްގެ ގައިގައި ހިފަހައްޓާލައިގެން ހުރެ، އެނދުމަތީ ބޭންދިއެވެ.
" މައިންގެ ފައިތިލަ ދަށުގައޭ ސުވަރުގެވަނީ. މައިމީހާގެ ރުހުން ނުލިބި އެ ސުވަރުގެ ދަރިންނަށް ލިބުމެއް ނެތޭ. ކިތަންމެ ދެރަވިޔަސް، ރުޅިއަޔަސް އަދި ހިތްދަތި ވިޔަސް ދަރިންގެ ހަލާކު ކަމުގައި އަހަރެމެން ވެގެން ނުވާނެ." ހަސަން ބުންޏެވެ.
އެއާއެކު މަރިޔަމް އިސް އުފުލައި ހަސަަންގެ މޫނަށް ބަލައިލިއެވެ. އަދި ބަނޑުގައި އަތް ޖައްސާލަމުން އޭނާ ވާހަކަ ދައްކަން ފެށިއެވެ.
" މި ބަނޑުންނޭ އެ ތިން ކުދިން އުފަން ކުރީ. އަހަންނޭ އެ ވޭން އުފުލީ. އެ ދުވަސްތައް ބަރުދާސްތުކުރީ ވެސް އަހަންނޭ. އަހަރެން ކީއްކުރަން އެ ކުދިންނަށް ހިތްބަރު ކުރަންވީ؟ ދެރަވުމަކީ ހިތްބަރު ކުރުމެއް ނޫނޭ. ހެވިފައި މިހެން އުޅުނަސް، ރީތިކޮށް ވާހަކަ ދެއްކިޔަސް އެ ކުދިން އަހަންނާމެދު ކަންތައް ކުރާ ގޮތުން ހާދަ ދެރަވެޔޭ. ހާދަ އަސަރުކުރެޔޭ. ހީވަނީ އެ މީހުންނަށް އަހަރެމެންނަކީ އެއްވެސް ބައެއް ނޫނޭ." މަރިޔަމް ބުންޏެވެ.
" ދެން.. ދެން ނުކިޔާ ތިހެން. މަރިޔަންއަކީ ބަލި މީހެކޭ. ތިހާ ބޮޑަށް ވިސްނަންޏާ ކަމެއް ވެދާނެތީ އަހަރެން ހާދަ ބިރުގަނެޔޭ." ހަަސަން ބުންޏެވެ.
އެއާއެކު މަރިޔަމް މަޑުމަޑުން ހަސަންގެ މޫނުގައި އަތް ޖައްސާލިއެވެ.
" މި ދުނިޔޭގައި އަހަރެންދެކެ ލޯބިވާ ހަމައެކަނި މީހަކީ ތިއީ. އަހަރެން ވެސް ހަސަންދެކެ ފުރާނައަށް ވުރެ ބޮޑަށް ލޯބިވޭ. އެކަމަކު... މިއަދު މި އެދެވެނީ އަހަރެންގެ ހަށިގަނޑުގެ ތެރެއިން އުފަންވި، ހަސަންގެ ލޭ ހިނގާ އެ ދަރިންގެ ލޯތްބަށް. އެ ލޯބިން އަހަރެމެން މަހުރޫމްވާންވީ ކީއްވެ؟ އެ ކުދިންނަށް އަހަރެމެން ގިނަ ވާންވީ ކީއްވެ؟" މަރިޔަމް ބުންޏެވެ.
ދެ ލޯ މަރާލަމުން ހަސަން މަރިޔަމްގެ އަތުގައި އަތް ޖައްސާލިއެވެ. އޭރު ހަސަންގެ ދެ ލޮލުން ވެސް ކަރުނަ ފައިބަން ފަށައިފިއެވެ.
" އަހަރެން ނުބުނަންތަ މި ތަނަށް އައި އިރު ވެސް އެއްވެސް ހަރަދެއް ނުކުރާނަމޭ. އަހަރެން އެހެންވެ ލާރި ނުވެސް ގެންނަން. ފިހާރައަށް ފިހާރައަށް ކިޔާލަކިޔާލަ ތި ހުންނަނީ." ރާމިޒް ބުންނެވެ.
" ރާމިޒް. އަހަރެންގެ މައިންބަފައިންނަށް އެއްޗެއް ދިނުމަކީ ކުށެއްތަ؟ އަހަރެންގެ މައިންބަފައިންނަށް އެއްޗެއް ދޭން އަހަރެން އެދޭނީ ރާމިޒް ކައިރިއަކު ނޫންތަ؟" ރޮވިފައި ހުރެ ސާޔާ ބުނެލިއެވެ.
" ސާބަހޭ ސާޔާއަށް. އަބަދު ތި ވާހަކަ. އަބަދު އެއްޗެހި ނުދެވިގެން. އަބަދު އެ މީހުން އުފާކޮށް ނުދެވިގެން. ބަލަ މަގޭ ގޭގައި ވެސް މަޔަކާ ބަފަޔަކު އިނދެޔޭ. މަ ނޫޅެމޭ އެ މީހުންނާ ހެދި ތި ވަރުންނެއް." ރާމިޒް ބުންޏެވެ.
" އެ މީހުން އެކަމާ ދެރަވާނެވަރު ރާމިޒްއަށް އެނގޭތަ؟ ތިހާ ބާރަށް މާ ފަހުރުވެރިވެފަ ތި ބުނަނީ ވަރަށް މޮޅު ވާހަކައެއްތަ؟ ރާމިޒަކީ އެ މީހުންގެ ހުރި ހަމައެކަނި ފުރާނަ. ރާމިޒްއަށް ކަމެއް ނުވެގެން ވެސް ތި އުޅެނީ އެހެންވެ. މައިންބަފައިންނާމެދު އިހާނެތިކޮށް ކަންތައްކުރާ މީހަކު ދުވަހަކު ވެސް ކުރިއެއް ނާރާނެ. " ސާޔާ ބާރުބާރަށް އެހެން ބުނެ ނިކުންނަން ހިނގައިގަތެވެ.
އެ ވަގުތު ރާމިޒް ސާޔާ ހުއްޓުވިއެވެ. އޭނާ ސާޔާގެ އަތުގައި ހިފިލެއް ބާރުކަމުން ސާޔާއަށް ބޭއިހްތިޔާރުގައި ރޮވިއްޖެއެވެ.
" ތިހާ ޖަދަލު ކުރާ އަންހެނެއް މަ ނުދެކެން. ހިތަށް އައިހާ އެއްޗެއް ގޮވާލަނީއޭ ހަމަ." ރާމިޒް ހުރީ ވަރަށް ބޮޑަށް ރުޅި އައިހެވެ.
" ތަދުވެޔޭ. ދޫ ކުރޭ އަހަރެންގެ އަތުން. " ސާޔާ ތެޅި ގަންނަމުން ބުންޏެވެ.
" މާ ގިނައިން މަ ރުޅި ތި އަރުވަނީ. މިއީ މާލެ ނަމަ މިރޭ ކަލޭ އަތް މަ ބިންދާލީމުސް." ރާމިޒް އެހެން ބުނެ، ސާޔާ ދުރަށް ކޮއްޕާލިއެވެ.
ރޮވިފައި ހުރެ ސާޔާ އަތް ހަރަކާތްކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައިރު އޭނާގެ ދެ ލޮލުން ފެންނަމުން ދަނީ ރުޅިވެރިކަމެވެ.
ރައުދާއާއި ސާމިހް ތިބީ ކެފޭގައެވެ. ހޫނުގަދަ ވަގުތެއް ކަމުން އެ މީހުން އޯޑަރު ކުރީ ފިނި ބުއިމަކަށެވެ. ރައުދާގެ މޫނުމަތިން ނުތަނަވަސްކަން ފެންނަތާ ކިތަންމެ އިރެކެވެ.ސާމިހްގެ ރަށަށް އައިސް ރައުދާ ދެރަވާކަށް ސާމިހް ބޭނުމެއް ނުވެއެވެ. ރައުދާގެ ބަނޑުގައި އޭނާގެ ދަރިޔަކު އޮތްކަން އެނގުނު ދުވަހުން ފެށިގެން ރައުދާގެ ކިބައިގައި ކަމުނުދާ އެއްވެސް ސިފައެއް ވެސް ނެތްކަހަލައެވެ.
" ބަނޑުބޮޑުވީމަތަ އެހާ މޫޑު ގޯސްވަނީ؟" ސާމިހް އެހިއެވެ.
ވަގުތަކީ ވެއިޓަރ އައިސް މޭޒުމަތީގައި އޮރެންޖް ޖޫސްތަށި ބެހެއްޓި ވަގުތެވެ. އޭނާ އެނބުރި ދިޔުމާއެކު ރައުދާ އެ ޖޫސްތަށި އޭނާއާ އިތުރަށް ކައިރިކޮށްލިއެވެ.
" އަަހަރެން މޫޑު ގޯސްވަނީ މަންމައާހެދި. ހުންނަނީ ވަރަށް ފާޑަކަށް. އަހަރެން މިހާރު އެކަމާ އެބަ ބިރުގަނޭ." ރައުދާ ބުންޏެވެ.
އެއާއެކު ސާމިހްގެ ސަމާލުކަން ރައުދާ ދަމައިގެންފިއެވެ. ހައިރާންކަމާއެކު ސާމިހް ރައުދާއަށް ބަލަމުން ދިޔައީ ސުވާލުގެ ނަޒަރަކުންނެވެ.
" ފާޑަކަށޭ؟ ތި ބުނީ؟" ސާމިހް ހުރީ އޮޅުންފިލުވަން ބޭނުންވެފައެވެ.
" ނޭނގެ. ވެދާނެ އަހަންނާމެދު އެހާ ހިތްހަމަ ނުޖެހޭއިރު ބަނޑުބޮޑުވީމަ ރުޅި އައީކަމަށް. ސާމިހްއަށް އެނގޭތަ އެހެންނޭ ދަރިންނަށް އެސްފިނާ ޖެހެނީ. މީހަކު ހިތްހަަމަ ނުޖެހުނިއްޔާ، ނޫނީ ހިތް ނުބައި ކުރިއްޔާ އުފަން ނުވަނީސް ވެސް އެސްފިނާ ޖެހިދާނެ. ކޮންމެ ފަދަ ގޮތެއް ވެސް މި ދަރިފުޅަށް ވެދާނެ." ރައުދާ ބުންޏެވެ.
އެއާއެކު ސާމިހްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
" ސާމިއަށް އެނގެއެއްނު އަހަރެން އައީ ވަރަށް އުފަލުންކަން. އެކަމަކު މަންމަމެން އުފަލެއް ނުވެއެއްނު." ދެރަވެލާފައި ރައުދާ ބުންޏެވެ.
އެއާއެކު ސާމިހްއަށް އަނެއްކާ ވެސް ރައުދާގެ އުދާސްވެރި މޫނަށް ބަލައިލެވުނެވެ.
" އަހަރެން ބިރު ގަންނަނީ މަންމަމެންގެ އެ ނަފްރަތަށް މި ދަރިފުޅަށް ކަމެއް ވެދާނެތީ. ސާމި ހިނގާ އަހަރެމެން ދާން. އަހަރެން ވަރަށް ކަންބޮޑުވެޔޭ." ރައުދާ ސާމިހްގެ އަތުގައި ހިފަމުން ބުންޏެވެ.
ނުނިމޭ
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ ، ހޯމަ އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!