" އަހަރެމެން ދިޔައީމަ މަންމަ މާ އުފާވާނެ. ދެން ވަދޭ ގެއަށް. ދޮންބެ މި ދަނީ ގެއަށް ދާން. ރައު އިންނާނެ ނުކެވިފައި." ސާމިހް އެހެން ބުނެ ސައިކަލް ސްޓާޓް ކޮށްލިއެވެ.
އަތުގައި އޮތް ޓިކެޓަށް ބަލައިލަމުން ސާޔާ ގެއަށް ވަންނަން ހިނގައިގަތީ ނުތަނަވަސް ހިތަކައިގެންނެވެ.
" އެ ރަށަށް ދިޔަޔަސް އެއްވެސް ކަމަކު އެއްވެސް ހަރަދެއް އަހަންނަކަށް ނުކުރެވޭނެ. ތަނަކަށް ކާން ދިޔަސް، ޕިކްނިކް ދިޔަސް، ގެއަށް އެއްޗެއް ގަތަސް. ސާޔާ ނުވާނެ އެއްވެސް ވަރަކަށް ހަރަދުގައި ހިފައިގެންނެއް. " ރާމިޒްގެ ޖުމްލަތައް އޭރު ވެސް ސާޔާގެ ކަންފަތުގައި ހަރުލާފައި ހުއްޓެވެ.
ގޭ ކައިރީ ސައިކަލް ޕާކު ކުރުމަށްފަހު ސާމިހް ގެއާ ދިމާލަށް ހިނގައިގަތެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ އެ ގެއިން ނިކުތް އަފްޒާއެވެ. ސާމިހް ފެނުމުން އަފްޒާގެ މޫނުމަތި ނުތަނަވަސްވިކަން ހުދު ސާމިހްއަށް ފާހަގަ ކުރެވުނެވެ.
" ރައު ކައިރިއަށް ގޮސްތަ؟" ސާމިހް އަހާލިއެވެ.
އެއާއެކު ކޮނޑުގައި އަޅުވާފައި އޮތް އަތްދަބަހުގައި އަފްޒާ ބާރަށް ހިފަހައްޓާލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލުމަށްފަހު ހޫމް އަޅުވާލިއެވެ.
" މަރުހަބާ. ރައު ބުނެގެން މި އައީ. ވަރަށް އުފާވެރި ހަބަރެއް ލިބިއްޖެ." އަފްޒާގެ އަޑުގައި ހުރީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.
" އަހަރެން އެ ދުވަހު ގެއަށް އައި ވަގުތު ރައު އެ ހަބަރު ދިނީ ސަޕްރައިޒްއަކަށް. ދެން... އޭނަ އެ ހާލުގަ އިންދާ، ސްޓްރެސް ކުރަން އަހަރެން ބޭނުން ނުވީ. އެހެންވެ ދެން އަޅާނުލީ." ސާމިހް ބުންޏެވެ.
އެ ވަގުތު އަފްޒާ އެއް މިޔަކަނުން ހީލަމުން ސާމިހްއަށް ބަލައިލިއެވެ.
" ހޫމް. ގޯހެއް ނޫނޭ ތި ނިންމުމެއް." އަފްޒާ އެހެން ބުނެ އިތުރަށް މަޑުނުކޮށް ހިނގައިގަތެވެ.
އަފްޒާ ދިޔުމުން ސާމިހް ވެސް ލަސްނުކޮށް ގެއަށް ވަނެވެ.
މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތެވެ. ޖަނބުރޯލުގަސް ދޮށުގައި މަރިޔަމް އިނީ ހަސަން ނަމާދުން އަންނަން ދެނެވެ. ކިތަންމެ ބަނޑުހައިވީ ނަމަވެސް ހަސަންއާ ނުލައި ކާކަށް އޭނާ ބޭނުމެއް ނުވެއެވެ. ޖެހެމުންދާ ވައިރޯޅިތަކުން ހަށިގަނޑަށް ލިބެމުންދާ އަރާމުން މަރިޔަމްއަށް ނިދިޖެހޭ ގޮތްވިއެވެ. ކުރިމަތީގައި ހުރި އަށިމައްޗަށް ދެ ފައި ދަމާލީ މާ ބޮޑަށް ނިދި އަންނަ ގޮތް ވުމުންނެވެ.
" މަންމާ."
މަންމާއޭ ކިޔާ ގޮވާލި އަޑަށް މަރިޔަމް ދެ ލޯ ހުޅުވާލީ ވަރުބަލިކަމާއެކުއެވެ. އޭރު ވެސް ނިދީގެ އަސަރުތަކުން އޭނާގެ އެސްފިޔަތައް ތަތްވަމުން ދެއެވެ. ލޯބިވާ ދަރިން މަތިން ހަނދާންވާތީ އޭނާގެ ކަންފަތުގައި އަބަދު ވެސް އެ އަޑުތައް ހަރުލާފައި ހުންނަ ކަހަލައޭ އޭނާގެ ހިތަޢް އެރިއެވެ. އަނެއްކާ ވެސް މަރިޔަމް އަރާމުކޮށް ދެ ލޯ މަރާލިއެވެ.
" މަންމާ."
މި ފަހަރު އެއީ ހީވި ހީވުމެއް ނޫންކަން އޭނާއަށް ޔަގީން ކުރެވުނެވެ. ސިހިފައި ދެ ލޯ ހުޅުވާލުމާއެކު އިތުރަށް އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ކުރިމަތީގައި ހެވިފައި އެ ތިބީ އޭނާގެ ލޯބިވާ ދަރިންނެވެ.
އަވަސް އަވަހަށް ސާޔާ އައިސް މަންމަގެ ގައިގައި ބައްދާލީ ވާރަށް ހެމުންނެވެ.
" ހުވަފެނެއް ނޫނޭ." ސާޔާ ބުންޏެވެ.
އޭރު ރާމިޒްއާއި ސާމިހްގެ އިތުރުން ރައުދާ ވެސް ހެމުން ދިޔައެވެ.
" މަންމަ ސަޕްރައިޒް ވެއްޖެތަ؟" ސާޔާ އެހިއެވެ.
" މަންމަ މިއިނީ ބުނާނެ އެއްޗެއް ނޭނގިފަ. " މަރިޔަމް ބުންޏެވެ.
މީހަކު ހޯދާ ފަދައިން މަރިޔަމް އެކި ދިމަދިމާލަށް ބަަލަން ފެށިއެވެ. އަދި ހާނިމް ނާދޭތޯ ސުވާލު ކުރިއެވެ.
" ހާނިމްއަކަށް އެހާ އަވަހަކަށް ނާދެވޭނެ. އެކަމަކު.... އިތުރު މީހަކު އަހަރެމެން ގެނައިން." ސާމިހް ބުންޏެވެ.
އެއާއެކު މަރިޔަމްގެ އުފާވެރި މޫނުމަތީގައި ހައިރާންކަމުގެ ކުލަވަރު އުތުރެން ފެށިއެވެ.
" އިތުރު މީހެކޭ؟ " މަރިޔަމް އެހިއެވެ.
އެ ވަގުތު ރައުދާ ބޯ ޖަހާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" މާމައަކަށް ވަނީއޭ. " ރައުދާގެ ޖުމްލައިން މަރިޔަމްއަށް ތެޅިގަނެވުނެވެވެ. ސާޔާގެ އެހީތެރިކަމާއެކު އޭނާ ޖޯލިފަތިން ތެދުވެގެން ގޮސް ރައުދާގެ ކުރިމަތީގައި ހުއްޓުނެވެ.
" މަންމަ ދުނިޔޭގައި ހުއްޓަ ތި ދުވަސް ފެންނާބާވައޭ އަބަދު ކިޔަން. މިއަދު ވަރަށް އުފާވެއްޖެ." މަރިޔަމް ބުންޏެވެ.
" އެހެންވެ މި ހަބަރު ދޭން ވެގެންނޭ އަހަރެމެން މި އައީ ވެސް." ސާމިހް ހެވިފައި ހުރެ ބުންޏެވެ.
" މަންމާ. ކޯއްޗެއް ހުރީ ކާން؟ " ސާޔާ އައިސް މަރިޔަމްގެ ކޮނޑުގައި ހިފަހައްޓާލަމުން އެހިއެވެ.
" ރިހާކުރު ހުންނާނީ." މަރިޔަމް ބުންޏެވެ.
" ރިހާކުރު ނުކެވޭނެ އަހަންނަކަށް. ފަހަރެއްގައި މިހާރު ބަނޑުބޮޑުވީމަ އެލާޖިކް ވެސް ވެދާނެ. މި ރަށުގައި ކެފޭ ނުހުރޭތަ؟" ރައުދާ އެހިއެވެ.
" ކޮންބައެއް މި ތިބީ؟ މާ ދުރުން ބައްޕަ ސިއްސައިގެން ދިޔައީ." ހެމުން ހެމުން އައިސް ހުއްޓުނު ހަސަން ބުންޏެވެ.
" ސަޕްރައިޒެއް ދިނިއްޔޭ." ސާޔާ ބާރުބާރަށް ބުންޏެވެ.
" ހަސަން، ކާފައަކަށް ވާން އުޅޭ ހަބަރު ދޭން ވެގެން އެ އައީ." މަރިޔަމް ބުންޏެވެ.
އެއާއެކު ހަސަންއަށް ބަލައިލެވުނީ ސާޔާގެ މޫނަށެވެ.
" ތެދެއްތަ ދަރިފުޅާ." ހަސަން ސުވާލު ކުރީ ސާޔާއާއެވެ.
" ބައްޕާ މަށެއް ނޫނޭ. ރައުދައްތަ." ސާޔާ ބުންޏެވެ.
އެއާއެކު ހަސަންއަށް ފެނުނީ ރައުދާގެ ފުސްވެފައިވާ މޫނެވެ. ނަމަވެސް ހަސަން ބަލައިލުމާއެކު ރައުދާ ގަދަކަމުން ހޭން ފެށިއެވެ.
" އެހެންތަ؟ ތި ކަހަލަ ހަބަރެއް ބޭނުން ވެގެން މި ތިބެނީ ވެސް." އަވަސް އަވަހަށް ހަސަން ބުނެލިއެވެ.
" މަރިޔަން. މި ކުދިންނަށް ކާން ދޭން ވާނެ އެއްނު." ހަސަން ބުނެލިއެވެ.
" ކެފޭއެއް ނުހުރޭތަ؟" ރައުދާ އެހިއެވެ.
" ނޫން. ހުންނާނެ މި ގެއާ އެހާ ދުރެއް ނުވާނެއޭ." ހަސަން ޖަވާބު ދިނެވެ.
" މަންމާ. އަހަރެމެން ކެފޭއަށް ދާނީ އިނގޭ. ރައުއަށް ރިހާކުރުކޭމަ އަނެއްކާ ގޮތެއް ވެދާނެ އެއްނު. ހިނގާ ކޮއްކޯ ދާން." ސާމިހް ބުންޏެވެ.
" އާނ ހިނގާ ދާން." ރާމިޒް އެހެން ބުނެ ސާޔާގެ އަތުގައި ހިފުމާއެކު ސާޔާއަށް މަރިޔަމްގެ މޫނަށް ބަލައިލެވުނެވެ.
އެ އާއެކު މަރިޔަމް އާދައިގެ ގޮތަކަށް ހިނިތުންވެލިއެވެ. ސާމިހްއާއި ރައުދާގެ އިތުރުން ސާޔާއާއި ރާމިޒް ނިކުމެގެން ދާން ދެން މަރިޔަމްއާއި ހަސަންއަށް ތިބެވުނީ ހިނގައިގަންނަން ވެސް ނޭނގިފައެވެ.
" ހިނގާ ބަދިގެއަށް." ހަސަން އެދުނެވެ.
އެއްވެސް އެއްޗެއް ނުބުނެ މަރިޔަމް މަޑުމަޑުން ބަދިގެއާ ދިމާލަށް ހިނގައިގަތެވެ. ފަހަތުން ހަސަން ވެސް ގޮސް ވަނެވެ. ކާމޭޒު ކައިރީ ތިބެގެން ދެ މީހުން ކަމުން ދިޔައިރު ވެސް އެކަކު އަނެކަކު އެއްވެސް ވާހަކައެއް ނުދައްކައެވެ. އަނގައިން ބަހެއް ނެތި މަޑުމަޑުން އެ މީހުން ކުރިއަށް ގެންދިޔައެވެ.
" ކިހިނެއް ވީ؟ ހާދަ ބަސްމަދު ދުވަހެއް؟" މަރިޔަމް އެހިއެވެ.
އެއާއެކު ހަސަން ހިނިތުންވެލަމުން ތަށި ސާފުކޮށްލިއެވެ.
ނުނިމޭ
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ ، ހޯމަ އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!