ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ 3-0 އިން ބަލިކޮށް ޗެލްސީ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފިއެވެ.

އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ޗެލްސީން ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު، ޕީއެސްޖީން ވެސް ލިބޭ ފުރުސަތުގައި އެޓޭކް ކުރެވޭތޯ ބަލަމުންދިޔައެވެ. އެ ގޮތުން، ޗެލްސީގެ ޑެޒީރޭ ޑުއޭ އަށް ލިބިގެންދިޔަ ފުރުސަތުގައި ބޭނުން ނުކުރެވިދިޔައިރު، ޑުއޭ ޖެހި ބޯޅައެއް ޗެލްސީގެ ކީޕަރު، ރޮބާޓް ސަންޗޭޒް ވަނީ މަތަކޮށްފައެވެ.

Ad
rt

ޗެލްސީ މި މެޗުގައި ޖެހި ތިން ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. މެޗުގެ 22 ވަނަ މިނިޓާއި 30 ވަނަ މިނިޓުގައި ކޯލް ޕާމާ ކާމިޔާބު ކޮށްދިން ލަނޑުތަކާއިއެކު ލީޑު ކުރ، ޗެލްސީގެ ތިންވަނަ ލަނޑު 43 ވަނަ މިނިޓުގައި ޖަހައިދިނީ ޔާއޯ ޕެޑްރޯއެވެ. މި ލަނޑު އެސިސްޓް ކޮށްދިނީ ޕާމާއެވެ. ޕާމާގެ ފުރަތަމަ ލަނޑުގެ ކުރިން ވެސް އޭނާ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ނަމަވެސް އެ ބޯޅަ ދިޔައީ ގޯލު ދަނޑީ ކައިރިން ބޭރަށެވެ.

ޕީއެސްޖީގެ ހާލަތު އިތުރަށް ގޯސްވެގެން ދިޔައީ، މެޗުގެ 83 ވަނަ މިނެޓުގައި ޖޮއާއޯ ނޭވްސް މާކް ކުކުރޭޔާގެ އިސްތަށިގަނޑުގައި ހިފާ ދެމުމުން ރަތް ކާޑެއް ދައްކާ ދަނޑުން ބޭރުކުރުމުންނެވެ. މެޗު ކުރިއަށް ދިޔަ ވަރަކަށް ޕީއެސްޖީ ކުޅުންތެރިންގެ ފައުލްތައް އިތުރުވަމުން ދިޔައެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ޗެލްސީގެ ސަންޗޭޒް ހޮވުނު އިރު، އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ކޯލް ޕާމާ އެވެ. އެންމެ އުންމދީ ކުޅުންޔތެރިޔާގެ އެވޯޑް ހޯދީ ޑިޒިރޭ ޑޫއޭ އެވެ. އަދި ޓޮޕް ސްކޯރާ އަކީ ރެއާލް މެޑްރިޑްގެ ރައުލްގާސިއާއެވެ.

ޗެލްސީ ވަނީ މީގެ ކުރިން ވެސް ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. ދެ ފަހަރު ފައިނަލް ކުޅެ، ތަށީ އުފުލާލީ 2021 ވަނަ އަހަރެވެ. ނަމަވެސް މިއަހަރު ފީފާ އިން މިވަނީ ފުރަތަމަ ފަހަރަށް މުޅިން އަލަށް 32 ޓީމު ހިމަނައިގެން މުބާރާތުގެ ފޯމެޓް ބަދަލު ކޮށްލައިފައެވެ. އަދި ދެން ކްލަބް ވޯލްޑް ކަޕް ބާއްވާނީ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރެވެ.