އއ. މާޅޮހުގައި ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވާ ފެނުމުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެނިކޮށް ނިޔާވި އަބްދުއްރަހްމާން އާދަމުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.
ފުލުހުން މިއަދު 8:15 ހާއިރު މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ބުނެފައި ވަނީ މާޅޮހު ގެއެއްގައި ނިދާފައި އޮތް އުމުރުން ދުވަސްވީ މީހަކަށް (އަބްދުއްރަހްމާން އާދަމް، އއ. މާޅޮހު/އޯކިޑްމާގެ) ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވާ ފެނިގެން އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދާކަމުގެ ރިޕޯޓް ރޭ މެންދަމު 1:50 ހާއިރު އެ އިދާރާއަށް ލިބުނުކަމަށެވެ.
އަބުދުއްރަހްމާނަށް ފަރުވާދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ. މި ހާދިސާއާއި ގުޅިގެން ފުލުހުންގެ ހާއްސަ ތަހްގީގް ޓީމެއް ވަނީ ހެނދުނު މާޅޮހަށް ގޮސްފައެވެ.
އެއަށްފަހު ޔަހްގީގަށް ބޭނުންވާ ތަހްލީލްތައް ކުރުމަށް އަބުދުއްރަހްމާންގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނައުމުގެ މަގުމަތީގައެވެ.
ފުލުހުން ބުނިގޮތުގައި، އަބްދުއްރަހްމާން އާދަމުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމާފައެވެ.
އަބުދުއްރަހްމާންގެ މަރާއި ގުޅިގެން ފުލުހުން ދަނީ މާޅޮހަށް އަރާފައިބާ މީހުން މޮނިޓަރ ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
އަބުދުއްރަހްމާންގެ ތިން ކުދިން ތިބެއެވެ. އެ ތިން ކުދިންވެސް އުޅެނީ މާލޭގައެވެ. އޭނާ ދިރިއުޅޭ ގޭގައި އުޅެމުން އަންނަނީ އަބުދުއްރަހްމާނާއި އޭނާގެ އަންހެނުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!