ޓެކް ބިލިއަނަރު އެލޮން މަސްކްގެ ކުންފުނި، އެކްސް ނުވަތަ އެ ކުންފުނީގެ އިސްވެރިން، އެލްގޮރިދަމްތަކާއި ޑޭޓާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، މި މައްސަލައިގެ ޖިނާއީ ތަޙްޤީޤެއް ހިންގުމަށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ފްރާންސްގެ ޕެރިސްގެ ޕްރޮސެކިއުޓަރ އޮފީހުން ހުކުރު ދުވަހު ބުނެފިއެވެ.
މި ފިޔަވަޅަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެކުވެރިއެއް ކަމުގައިވާ މަސްކްއަށް ކުރިމަތިވާ އިތުރު ފިއްތުންތަކެކެވެ.
މި މައްސަލައާ ގުޅިގެން ފްރާންސްގެ ފުލުހުންނަށް މަސްކް އަދި އެކްސްގެ އިސްވެރިންނާ ދެކޮޅަށް ހޯދުންތައް ހެދުމާއި، ފޯނު އަޑުއެހުމާއި، ސަރވެއިލަންސް ހިންގުމުގެ އިތުރުން އެ ފަރާތްތަކުގެ ހެކިބަސް ނެގުމަށް ކޯޓަށް ހާޒިރުކުރެވިދާނެއެވެ. މީގެ އިތުރުން، އެ ފަރާތްތަކުން އެއްބާރުލުން ނުދޭނަމަ، ފަނޑިޔާރަކަށް ބައިނަލްއަޤްވާމީ ހައްޔަރު ކުރުމުގެ އަމުރެއް ނެރެވޭނެކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ޕެރިސްގެ ޕްރޮސެކިއުޓަރ ލޯރ ބެކުއޯ ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެކްސްއިން ބޭރުގެ ނުފޫޒު ފޯރުވާފައިވާކަމަށް ތުހުމަތުކޮށް، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކާއި ފްރާންސްގެ އިސް އޮފިޝަލަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން ޖެނުއަރީ މަހު އިބްތިދާއީ ތަޙްޤީޤެއް ފަށާފައިވާ ކަމަށެވެ. މި ތަޙްޤީޤުތަކުން ހޯދި ހެކިތަކުގެ އަލީގައި، ޖުލައި 9 ވަނަ ދުވަހު އެކްސްއާ ދެކޮޅަށް "ޤާނޫނީ ޝަޚްޞެއްގެ ހައިސިއްޔަތުންނާއި ވަކިވަކި ފަރުދުންގެ ހައިސިއްޔަތުން" ތަޙްޤީޤު ކުރުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށް ބެކުއޯ ވިދާޅުވިއެވެ.
ތުހުމަތު ކުރެވޭ ކުށްތަކުގެ ތެރޭގައި "އޮޓޮމޭޓެޑް ޑޭޓާ ޕްރޮސެސިންގ ސިސްޓަމެއްގެ މަސައްކަތަށް ރޭވިގެން ހުރަސްއެޅުން" އަދި "އޮޓޮމޭޓެޑް ޑޭޓާ ޕްރޮސެސިންގ ސިސްޓަމަކުން ރޭވިގެން ޑޭޓާ ނަހަމަ ގޮތުގައި ނެގުން" ހިމެނެއެވެ. މި މައްސަލައާ ގުޅޭގޮތުން އެކްސްއިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
މި ފަހުގެ ތަޙްޤީޤަކީ، އޮންލައިންކޮށް ހުއްދަ ކުރެވޭނީ ކޮން ބާވަތެއްގެ ވާހަކަތަކެއްކަން ކަނޑައެޅުމާ ގުޅޭގޮތުން ވޮޝިންގްޓަނާއި ޔޫރަޕްގެ ވެރިރަށްތަކާ ދެމެދު އޮތް ފަރަގު އިތުރަށް ފުޅާވެގެންދާނެ ކަމެކެވެ.
މަސްކް ވަނީ ޔޫރަޕްގެ ސަރުކާރުތަކުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އޭނާ ވަނީ ޔޫރަޕްގެ ބައެއް ހަރުކަށި ކަނާތްފަރާތުގެ ޕާޓީތަކަށް ތާއީދުކޮށްފައެވެ. މަސްކް ވަނީ އެކްސް މެދުވެރިކޮށް ފްރާންސް، ޖަރުމަނު އަދި އިނގިރޭސިވިލާތުގެ ކަނާތުފިޔައިގެ ޕާޓީތަކާއި ކަންކަމަށް އަމިއްލަ ގޮތުން ތާއީދުކޮށްފައެވެ. ޓްރަމްޕާއެކު ގިނަ ދުވަސްތަކެއް ވަންދެން އެއް ސަފެއްގައި ހުރުމަށްފަހު، އޭނާ ވަނީ ފެޑެރަލް ބަޖެޓާ ގުޅޭގޮތުން ފަހަކަށްއައިސް ޓްރަމްޕާއި ދެބަސްވެފައެވެ. އަދި މިހާރު އޭނާ ވަނީ އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ފަށާފައެވެ.
މީގެ ކުރިންވެސް، ރަޝިޔާގައި އުފަންވެފައިވާ ޓެލެގްރާމް މެސެޖިންގ އެޕްގެ ބާނީ ޕަވެލް ޑޫރޮވް ވަނީ ފާއިތުވި އަހަރު ފްރާންސުން ހައްޔަރުކޮށް، އެ އެޕްގައި ރޭވިގެން ކުށްކުރާ ޖަމާޢަތްތަކުގެ ޙަރަކާތްތައް ހިންގާކަމަށް ތުހުމަތުކޮށް ރަސްމީ ތަޙްޤީޤެއްގެ ހިންގާފައެވެ. އޭނާ ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. މިހާރު އޭނާ ވަނީ ފްރާންސްގެ ޝަރުޢީ ބެލުމުގެ ދަށުގައެވެ. ޑޫރޮވް ހައްޔަރުކުރުމުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ ބަހުސެއް އުފެދުނުއިރު، މި ބަހުސްގައި މަސްކްވެސް ވަނީ ޑޫރޮވް ހައްޔަރުކުރުމަށް ފާޑުކިޔާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!