ގދ. ގައްދޫއިން ޑިންގީއެއްގައި ފުރި 75 އަހަރުގެ ދިވެހި ފިރިހެނެއް ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ފަށައިފިއެވެ.
ފުލުހުން ބުނިގޮތުގައި އެ މީހާ ޚަބަރެއްނުވެގެން ފުލުހުންނަށް ރިޕޯޓުކުރެވިފައިވަނީ މިއަދު ހަވީރު 17:05 ގައެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތުދިން ގޮތުގައި ގެއްލިގެން ހޯދަމުންދާ ދޮށީ އުމުރުގެ މި މީހާ އަކީ 10 ޖުލައި 2025 ވަނަ ދުވަހުގެ ހެނދުނު 9:30 ގައި ޑިންގީއެއްގައި ގދ. ގައްދޫއިން ފުރައިގެން ގދ. ގަމަށް ދަތުރުކުރި މީހެކެވެ.
މި ހާދިސާއާ ގުޅޭގޮތުން ކުރެވުނު ތަޙުޤީޤުތަކުން، ގެއްލިފައިވާ ފަރާތް ހެނދުނު 11:15 ގައި ގަމުން ފުރާފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.
އެމީހާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ނޫ ކުލައިގެ އައި-ކުރު ގަމީހަކާއި ކަޅު ކުލައިގެ ޝޯޓެކެވެ.
އެމީހާ ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި، އެމް.އެން.ޑީ.އެފްގެ ސަދަން ރީޖަން ކޯސްޓް ގާޑުން ބޭރު ކަނޑުގެ ސަރަޙައްދު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އަދި ގަމާއި ގަން ކައިރީ ފަޅު ރަށްތައް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!