ދުނިޔޭގެ މަޝްހޫރު އެއަރލައިން އެމިރޭޓްސް އިން ޑިޖިޓަލް ފައިސާގެ ދުނިޔެއަށް ބޮޑު ފިޔަވަޅެއް އެޅުމަށް ތައްޔާރުވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރޮއިޓަރޒް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމިރޭޓްސްއިން ވަނީ ކްރިޕްޓޯ.ކޮމް އާއެކު އިބްތިދާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، އެމިރޭޓްސްއިން ދޭ ޓިކެޓާއި އެހެނިހެން ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް ފަސިންޖަރުންނަށް ކްރިޕްޓޯކަރަންސީ ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެމިރޭޓްސްގެ މައި ކުންފުނިން ލަފާކުރާ ގޮތުގައި، މި ޕާޓްނަރޝިޕް އަންނަ އަހަރު ފެށޭނެއެވެ. އެމިރޭޓްސްގެ ޑެޕިއުޓީ ޕްރެޒިޑެންޓް އަދި ޗީފް ކޮމާޝަލް އޮފިސަރ އަދުނާން ކާޒިމް ވިދާޅުވީ، ޑިޖިޓަލް ފައިސާ ބޭނުންކުރުމަށް އިސްކަންދޭ، އަދި ޓެކްނޮލޮޖީއާ ރައްޓެހި ޒުވާން ދަތުރުވެރިން އެއަރލައިނަށް ހިތްޖެއްސުމަކީ އެމީހުންގެ އަމާޒެއް ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ވަނީ ކްރިޕްޓޯ ކުންފުނިތަކަށް ވަރަށް މަޤްބޫލު މަންޒިލަކަށް ވެފައެވެ. އެގޮތުން ގިނަ ކްރިޕްޓޯ ކުންފުނިތަކުން ދަނީ އެތާނގައި އޮފީސްތައް ހުޅުވައި ނުވަތަ ވިޔަފާރި ފުޅާކުރުމުގެ ރޭވުންތައް ރާވަމުންނެވެ. މިހާރު ޔޫއޭއީގައި ރިއަލް އެސްޓޭޓް، ސްކޫލް ފީ އަދި ދަތުރުފަތުރުގެ ޚިދުމަތްތަކަށް ވެސް ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ފައިސާ ދެއްކެއެވެ.
ދުބާއީ އިން ވެސް ވާރޗުއަލް އެސެޓް އިންޑަސްޓްރީ ރެގިއުލޭޓްކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅާފައިވާއިރު، 2022 ވަނަ އަހަރު، ދުބާއީން ވަނީ ވާރާ (VARA) ނަމަކަށް ކިޔާ، މި ދާއިރާ ބަލަހައްޓާ ވޮޗްޑޯގެއް އުފައްދާފައެވެ. ދުބާއީ މަލްޓި ކޮމޮޑިޓީޒް ސެންޓަރ (ޑީއެމްސީސީ) ފްރީ ޒޯންގައި މިހާރު 650 އަށްވުރެ ގިނަ ކްރިޕްޓޯ ކުންފުނި ހިމެނެއެވެ. މިއީ ޔޫއޭއީގައި ކްރިޕްޓޯ މާކެޓް ކުރިއަރަމުންދާ ބާރުމިނުގެ ހެއްކެކެވެ.
ކްރިޕްޓޯ ޕޭމަންޓް ބޭނުންކޮށްގެން ޚިދުމަތް ދިނުމުގެ ތެރެއަށް ވަދެފައިވަނީ ހަމައެކަނި އެމިރޭޓްސްއިން ނޫނެވެ. އެހެން އެއަރލައިންތަކުން ވެސް ދަތުރުފަތުރުގެ ބުކިންގތައް އިތުރަށް ފްލެކްސިބަލްކުރުމަށްޓަކައި ކްރިޕްޓޯކަރަންސީ ބަލައިގަންނަން ފަށާފައިވެއެވެ. މި އަހަރުގެ ކުރީކޮޅު، ދުބާއީގައި ލިސްޓުކޮށްފައިވާ އެއަރލައިނެއް ކަމަށްވާ އެއަރ އަރަބިއާ އިން ވެސް ވަނީ އިޔޫއޭއީ ދިރުހަމުން ބެކްކޮށްފައިވާ ސްޓޭބަލްކޮއިންއަކުން ދަތުރުފަތުރަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ޢިއުލާންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!