ރިޓަޔަރ ކުރިނަމަވެސް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އެޗްޑީސީ)ގެ ޚިދުމަތުގައި ދެމިހުންނަން ބޭނުންފުޅުވާކަމަށް އެކުންފުނީޣެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މައުރޫފް ރޭ ވިދާޅުވީ، އެޗްޑީސީގެ މަގާމާއި ހަވާލުވެވަޑައިގަތީ ސެމީ ރިޓަޔަރމަންޓެއްގައި ހުންނަވަނިކޮށް، ރައީސަކު ރިކުއެސްޓްކުރެއްވުމުން، އެކަމަށް ނޫނެކޭބުނުން ރަނގަޅުގޮތެއްކަމުގައި ނުވާތީކަމަށެވެ.
އޭނާ ވިދާޅުވީ، ހަ މަސް ދުވަހުގެ ޚިދުމަތުން ވެސް ބޭނުންވާ ލަނޑުދަނޑި ހާސިލްވެއްޖެކަމަށާއި ވިސްނުންފުޅަކީ އެމްޑީކަމުން ރިޓަޔަރ ކުރެއްވިނަމަވެސް އެޑްވައިޒަރީ މަގާމެއްގައި ނަމަވެސް އެޗްޑީސީއަށް ޚިދުމަތްކުރުމުގައި ދެމިހުރުން ކަމަށެވެ.
"ސެމީ ރިޓަޔަރމެންޓުގައި އަޅުގަނޑު ހުރެފައި މި އައީ. މަޤާމަށް އައުމުގެ އެއް ސަބަބަކީ މިކަމުގެ މުހިންމު ކަމާއެކު އެޗްޑީސީއަށް އިސްލާހުތަކެއް ގެންނަން ބޭނުންވާތީ. ރާއީސް ރިކުއެސްޓް ކުރެއްވީމަ ބަލައިގަންނަން ޖެހޭނެ ކަމަށް ޤަބޫލުކުރައްވާތީ. ކުޑަ ދުވަސްކޮޅަކަށްވެސް ކޮށްދެވޭނެ ކަންކަން ޔަޤީންވާތީ" މައުރޫފް ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހުޅުމާލެ ހިއްކުމުގެ މަޝްރޫއު ފެއްޓެވިއިރު އެކަމުގައި އެންމެ އިސްކޮށް އުޅުއްވި މައުރޫފް ވަނީ އެ މަޝްރޫއަށްޓަކައި އޭރުގެ ރައީސް އޮފީހުގެ ދަށުން ހިންގި ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓްގެ ޑިރެކްޓާ ޖެނެރަލްގެ ގޮތުގައި އެތަނުގެ އެންމެ އިސްވެރިއެއްގެ ދައުރު އަދާކުރަށްވާފައެވެ. އަދި، އެޗްޑީސީ އެންމެ ފުރަތަމަ އުފެއްދެވުމަށް ފަހު އެ ކުންފުނީގެ ފުރަތަމަ ސީއީއޯއަކީ ވެސް މައުރޫފެވެ.
މީގެ އިތުރުން މައުރޫފް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރަށްވާފައެވެ. އޭގެ އިތުރުން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ސްޕެޝަލް އެޑްވައިޒަރުކަން ވެސް ކުރައްވައިފައިވެއެވެ. ޑިޒައިން ކުރެއްވުމުގައި ވެސް ކުޅަދާނަ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ މައުރޫފް ޖަމީލް ވަނީ ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، ޑިޒައިން އެނަރޖީ އެފިޝަންސީ އެވޯޑް ވެސް ހާސިލްކުރައްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!