މަސްތުވާތަކެއްޗާ ގުޅުންހުރި ދެ ވަކި މައްސަލައެއްގައި މާލެއިންނާއި ބ. ކަމަދޫއިން ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަން
ފުލުހުން މައުލޫމާތު ދިން ގޮތުގައި މާލޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. ސެމިޓޯން، މާލެ، ޢުމުރުން 41 އަހަރުގެ އިބްރާހީމް ޝަރީފާއި، އެގޭ ޢުމުރުން 44 އަހަރުގެ ޙަމްޒާ ޝަރީފެވެ. މި ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި އޮޕަރޭޝަނުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާއިރު، އެ އެއްޗެހީގެ ވަގުތީ ބަރުދަނަކީ 90.54 ގުރާމެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން އަންނަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތީގެ މައްސަލާގައި ކަމަދޫއިން ހައްޔަރުކުރި ދެ މީހުން، ފޮޓޯ: ޕޮލިސް
ބ. ކަމަދޫގައި ހިންގި އޮޕަރޭޝަން
ފުލުހުން މައުލޫމާތުދިން ގޮތުގައި ބ. ކަމަދޫގައި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ.
ކަމަދޫ ޕޮލިސް ޕޯސްޓުން ހިންގި މި އޮޕަރޭޝަންގައި ކަމަދޫ ގެއެއް ބަލައިފާސްރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. ކަމަދޫ / ސުވާސާގެ، ޢުމުރުން 53 އަހަރުގެ ޢަލީ ރިޔާޟު ޙަސަންއާއި، ބ. ކަމަދޫ / ފެންފިޔާޒުގެ، ޢުމުރުން 42 އަހަރުގެ އާމިނަތު ފަރީޝާއެވެ.
ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުން، ޢަލީ ރިޔާޟު ޙަސަން 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، އާމިނަތު ފަރީޝާ 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!