މާލެ، މައްޗަންގޯޅި ގެއަކުން ވަގަށް ނަގާފައިވާ ފަސްދޮޅަސްހާހަށް ވުރެ ގިނަ ރުފިޔާގެ ތަކެތި، ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހޯދައި، އެ ތަކެތީގެ ވެރިފަރާތާއި ހަވާލުކޮށްފިއެވެ.

ފުލުހުންގެ މަޢުލޫމާތު ދިން ގޮތުގައި، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖޫން 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ގެއްލިފައިވާ ތަކެތި ހޯދުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތުން، އޭގެ ތެރެއިން ބައެއް ތަކެތި ހޯދާފައިވަނީ ޖޫން 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ.

ފުލުހުންގެ މަސައްކަތުން މިހާތަނަށް ހޯދިފައިވާ ތަކެތީގެ ތެރޭގައި، އައިފޯނު، ލެޕްޓޮޕް، އެކި ބްރޭންޑުތަކުގެ އަވިއައިނު، ޕްރިންޓަރު، އެކި ބްރޭންޑުތަކުގެ ހާޑު އަދި ސްޕީކަރުގެ އިތުރުން އަތުކުރީ ގަޑިއާއި އެހެނިހެން ތަކެތި ހިމެނެއެވެ. މި ތަކެތީގެ އަގު 60,000 (ފަސްދޮޅަސްހާސް) ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ވެރިފަރާތުން މަޢުލޫމާތު ދީފައިވެއެވެ.

އެ ގެއިން ވަގަށް ނަގާފައިވާ ތަކެތީގެ ޖުމުލަ އަގު 72,000 (ހަތްދިހަ ދެހާސް) ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ވެސް ވެރިފަރާތުން ބުނެފައިވެއެވެ. މި މައްސަލާގައި، މިހާތަނަށް ނުފެނިވާ ތަކެތި ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.