ބްރަސަލްސް، ބެލްޖިއަމް: ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިސްރާއީލާ ދެމެދު ވެފައިވާ އެސޯސިއޭޝަން އެގްރީމެންޓާ އިސްރާއީލުން ޚިލާފުވެފައިވާތީ، އެކަމާ ގުޅޭގޮތުން އީޔޫގެ ބޭރުގެ ސިޔާސަތުގެ އިސްވެރިޔާ، މެމްބަރު ޤައުމުތަކަށް 5 އޮޕްޝަނެއް ހުށަހަޅާނެ ކަމަށް ޔޫރޯނިއުސްއިން ބުނެފިއެވެ.

ޣައްޒާއާއި ވެސްޓް ބޭންކުގައި އިސްރާއީލުން އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާކަން އީޔޫއަށް ފާހަގަކުރެވިފައިވާ ކަމަށްވެސް އެ ނޫހުން ރިޕޯޓްކޮށްފަވެއެވެ.

Ad
rt

ޔޫރޯނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން ޣައްޒާއާއި ވެސްޓް ބޭންކުގައި ހިންގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކަކީ އީޔޫއާއި އިސްރާއީލާ ދެމެދު ވެފައިވާ އެސޯސިއޭޝަން އެގްރީމެންޓްގެ ރޫހާ ޚިލާފު ކަންކަމެވެ. މިކަމާ ގުޅޭގޮތުން އީޔޫގެ އިސް ޑިޕްލޮމެޓު، މެމްބަރު ޤައުމުތަކަށް ހުށަހަޅާނެ އޮޕްޝަންތައް ކުރިއަށް އޮތް ހަފުތާގައި ބޭއްވޭ ބައްދަލުވުމެއްގައި ހުށަހަޅާނެ ކަމަށް އެ ނޫހުން ބުނެފަވެއެވެ.

މި އޮޕްޝަންތަކުގެ ތެރޭގައި އެސޯސިއޭޝަން އެގްރީމެންޓް މުޅިން ނުވަތަ ބައެއް ހުއްޓާލުމާއި، އިސްރާއީލުގެ ސަރުކާރު މެމްބަރުންނާއި، ސިފައިންނާއި، ހައްދުފަހަނައަޅާފައިވާ ސެޓްލަރުންނަށް ފިޔަވަޅު އެޅުން (ސެންކްޝަން އެޅުން) ހިމެނެއެވެ. މީގެ އިތުރުން، ވިޔަފާރީގެ ފިޔަވަޅުތަކާއި، ހަތިޔާރު އެމްބާގޯއެއް އެޅުމާއި، ސައިންޓިފިކް އެއްބާރުލުން ހުއްޓާލުން ވެސް މި އޮޕްޝަންތަކުގެ ތެރޭގައި ހިމެނެއެވެ.

ނަމަވެސް، މިކަމާ ގުޅޭގޮތުން އީޔޫގެ މެމްބަރު ޤައުމުތަކުގެ މެދުގައި ތަފާތު ޚިޔާލުތަކެއް އުފެދިފައިވާތީ، މި އޮޕްޝަންތަކުގެ ތެރެއިން އެއްވެސް އޮޕްޝަނަކަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ނުބެލެވެއެވެ.

ޣައްޒާގައި ހަނގުރާމަ ހުއްޓުމަކަށް އަތުވެދާނެ ކަމަށް މިހާރު ބެލެވޭތީ، އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔޫރަޕުގެ ޤައުމުތަކުން ޝައުޤު ހުރި މިންވަރު ވަނީ އިތުރަށް ދަށްވެފައިކަމަށް ވެސް ޔޫރޯ ނިއުސްއިން ބުނެފަވެއެވެ.