ށ. ގޮއިދޫ ކައުންސިލުން ގޮއިދޫ ސްކޫލުގައި ތަރައްޤީކޮށްދީފައިވާ "ދަރިވަރުންގެ ހިޔާ" ރަސްމީކޮށް ހުޅުވައިފިއެވެ.
އެގޮތުން ގޮއިދޫ ސްކޫލުގައި ތަރައްޤީ ކުރި މި ދަރިވަރުންގެ ހިޔާ ރަސްމީކޮށް ހުޅުވުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި މިތަން ހުޅުއްވައިދެއްވީ ށ. އަތޮޅުގެ ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމެވެ.
މި ރަސްމިޔާތުގައި އިމާރާތް ގޮއިދޫ ސްކޫލާއި ހަވާލުކުރިކަމުގެ ލިއުންވެސް ވަނީ ހަވާލުކޮށްފައެވެ.
ގޮއިދޫ ކައުންސިލްގެ ރައީސް ޝާހިދު، ދަރިވަރުންގެ ހިޔާ ސްކޫލާއި ހަވާލުކުރުމުގެ ލިޔުން ހަވާލުކޮށްދެއްވަނީ، ފޮޓޯ: ގޮއިދޫ ކައުންސިލް
ގޮއިދޫ ކައުންސިލުގެ ރައީސް އިބްރާހީމް ޝާހިދު 'ތިލަދުން' އަށް ވިދާޅުވެފައިވަނީ މި ދަރިވަރުންގެ ހިޔާގެ މައިގަނޑު މަޤުސަދަކީ، ސްކޫލުގެ ދަރިވަރުން ސްކޫލަށް ވަންނަ ގަޑި ޖެހުމުގެ ކުރިން ތިބެވޭނެ ހިތްފަސޭހަ މާހައުލެއް ޤާއިމްކުރުމަށް ކަމަށެވެ. އެގޮތުން ޖާގައިގެ ދަތިކަން ނުވާނެހެން އެއްފަހަރާ 100 ކުދިންނަށް ތިބެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މި ދަރިވަރުންގެ ހިޔާ އަކީ 3 ލައްކަ އަށް ވުރެއް ގިނަ ރުފިޔާ ހޭދަކޮށްފައިވާ މަޝްރޫޢުއެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ފާހަގަކުރައްވާފައިވަނީ މި މަޝްރޫޢު ތަރައްޤީކުރުމުގައި ދަރިވަރުންގެ ހިޔާގެ އަމަލީ މަސައްކަތް ކޮންޓްރެކްޓަރ އަކާއި ހަަވާލުކުރެވުނު ނަމަވެސް، ދަރިވަރުންގެ ހިޔާގައި ކުލަ އާއި ދަވާދުލުމުގެ މަސައްކަތާއި ކަރަންޓު ވަޔަރ ކޮށްފައިވަނީ ގޮއިދޫ ކައުންސިލުގެ ހީވާގި މެންބަރުންނާއި މުވައްޒަފުންކަމަށެވެ.
ށ.ގޮއިދޫ ކައުންސިލުން ތަރައްގީކޮށްދީފައިވާ ދަރިވަރުންގެ ހިޔާ، ފޮޓޯީ: ގޮއިދޫ ކައުންސިލް
ގޮއިދޫގައި ތަރައްޤީކުރި މި ދަރިވަރުންގެ ހިޔާގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިސްކަމެއްދީގެން ފަސޭހަކަމާއެކު ވަދެ ނުކުތުމަށް ރޭންޕެއް ވަނީ ތަރައްޤީކޮށްފައެވެ. އަދި މި ހިޔާގެ ތެރޭގައި ސްކޫލުގެ ވިޝަންއާއި މިޝަންގެ އިތުރުން ސްކޫލުގެ މޮޓޯއާއި ވެލިއުސްތައް ހިމެނޭ ޕޯސްޓަރ ތަކާއި ރަށުގެ މުހިންމު ބައެއް ތަންތަން ދައްކުވައިދޭ ޕޯސްޓަރުތައް ވަނީ ބަހައްޓާފައެވެ.
މީގެ އިތުރުން ސެކިއުރިޓީ ރޫމަކާއި ދަރިވަރުންގެ ހިޔާގައި އޭސީ ކޮށްފައިވާ ގުދަނަކާއި ޒަމާނީ ޑިޖިޓަލް ނޯޓިސް ބޯޑެއްވެސް ވަނީ ބަހައްޓާފައެވެ.
ގޮއިދޫ ކައުންސިލުން ކޮންމެ އަހަރަކުވެސް ބަޖެޓް ކަނޑައަޅާއިރު ބަޖެޓުގެ ތެރެއިން ގޮއިދޫގައި ތައުލީމީ ކަންކަމަށް ހާއްސަ އިސްކަމެއް ދެމުން ސްކޫލުގައި ހައްލުކުރަންޖެހޭ ކަންކަމަށާއި ސްކޫލުގެ އެހެނިހެން ކަންކަމަށް އަހަންމިއްޔަތެއްދޭކަމަށް ގޮއިދޫ ކައުންސިލުގެ ރައީސް އިބްރާހީމް ޝާހިދު ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!