ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޗެލްސީއާއި ފްލުމިނެންސޭއިން ކުޅުނު މެޗުތައް ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ފްލުމިނެންސޭއިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ، ކުއާޓާ ފައިނަލުގައި ރޭ އަލް ހިލާލްގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.

Ad
rt

ރޭ އޯލާންޑޭގެ ކޭމްޕިން ވޯލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ފްލުމިނެންސޭ އިންނެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ 40 ވަނަ މިނިޓްގައި، މާޓިނެލީއެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ އަލް ހިލާލުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ، ކަލީދޫ ކުލިބާލީ ދިން ބޯޅައަކުން މާކަސް ލިއޮނާޑޯއެވެ.

ފްލުމިނެންސޭ އިން މެޗުން މޮޅުވި ލަނޑު 71 ވަނަ މިނިޓްގައި ޖަހައިދިނީ ހާކިއުލެސް އެވެ. އޭނާ ކުޅެން ނުކުމެފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ޒަވިއޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.

ކުއާޓާ ފައިނަލުގައި މިއަދު ހެނދުނު ޗެލްސީއާއި ބްރެޒިލްގެ ޕަލްމެއިރާސް ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޗެލްސީންނެވެ.

މި މެޗުގައި، ޗެލްސީން ވަނީ ފުރަތަމަ ހާފުގައި ލީޑުނަގައިފައެވެ. އެ ޓީމުން މެޗުގައި ކުރިހޯދީ 16 ވަނަ މިނިޓްގައި ކޯލް ޕާމާ ޖަހައިދިން ލަނޑުންނެވެ. ޗެލްސީގެ ޓްރެވާ ޗަލޯބާ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ޕާމާ ތިރިތިރިން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ކަނަށެވެ. މި ލަނޑާއިއެކު ފުރަތަމަ ހާފުގައި ޗެލްސީ ކުރީގައި އޮވެގެން ނިންމާލި ނަމަވެސް، ދެ ވަނަ ހާފު ފަށައިގެން މާ ލަސްތަކެއް ނުވެ، ޕަލްމެއިރާސް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 53 ވަނަ މިނިޓްގައި މި ލަނޑު ޖެހީ މި މުބާރާތަށް ފަހު، ޗެލްސީއާ ގުޅެން ނިންމާފައިވާ ހުނަރުވެރި ތަރި، އެސްޓެވާއޯއެވެ. އޭރިއާތެރެއިން އެސްޓެވާއޯ ފޮނުވާލި ބޯޅަ ގޯލަށް ވަނީ، ޗެލްސީގެ ކީޕަރު ރޮބާޓް ސަންޗޭޒަށް ފުރުސަތެއް ނުދީ ހަނި އޭންގަލުންނެވެ. އެސްޓެވާއޯގެ ސޮއި ހޯދަން ޗެލްސީން ޖުމްލަ އެކު، 50 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ދައްކާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މެޗު އެއްވަރުވެގެން އިތުރު ވަގުތުގެ ދެ ހާފު ކުޅުމާ ދިމާލަށް މިސްރާބު ދަނިކޮށް، ޗެލްސީ މޮޅުވި ލަނޑު ޖެހީ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ހުއްޓަ އެވެ. މިއީ، މެޗުގެ 83 ވަނަ މިނިޓްގައި، ޕަލްމެއިރާސްގެ ކީޕަރު، ވެވާޓަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޗެލްސީގެ ފުލްބެކް، މަލޯ ގުސްޓޯ ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ވެވާޓަން އަތުގައި ޖެހިފައި ބޯޅަ ވަނީ ބައިކޮޅަށެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ޗެލްސީއާއި ބައްދަލުކުރާނީ ބްރެޒިލްގެ ފްލުމިނެންސޭއެވެ.