"ހިނގާ. ހިނގާ އެ ކޮޅަށް ކޮފީއަކަށް. " ސާމިހް އަވަސް އަވަހަށް ބުނެލިއެވެ. އަފްޒާ ވެސް އެ ކަމަކަށް އެއްބަސްވެ، ސާމިހްގެ ފަހަތުން ހިނގައިގަތެވެ.
ވެއިޓަރ އައިސް މޭޒުމަތީގައި ދެ ކޮފީތަށި ބެހެއްޓުމާއެކު އަފްޒާ ހީލިއެވެ.
" ހޫމް. ކޮން ވާހަކައެއް ދައްކަންތަ؟" ސާމިހް ހުރީ އަޑު އަހާހިތުން ކެތްމަދުވެފައެވެ.
" ސާމިހްއަށް އަޑުއަހަން އެހާ ފަސޭހައެއް ނުވާނެ. އެކަމަކު... އަހަރެން ދޮގެއް ނަހަދާނަން. އަހަރެން މި އުޅެނީ ތި ދެ މީހުން ދުރު ކުރާކަށް ވެސް ނޫން. އެކަމަކު، ސިއްރުކޮށްގެން ހުންނަން ހަމަ އުނދަގޫވެގެން ސާމިހްއަށް ކިޔައިދޭން ބޭނުންވީ." އަފްޒާ ބުންޏެވެ.
އޭރު ސާމިހް އިނީ ވަރަށް ބޮޑަށް ހިތް ނުތަނަވަސް ވެފައެވެ. އޭނާގެ މޫނުމަތީގައި ވެސް ހުރީ ހައިރާންކަމުގެ އަސަރުތަކެވެ.
" އަފޫ. މާ ދުރުން ނޫޅޭ ވާހަކައަށް ދޭބަލަ. އަހަންނަށް ވަރަށް އުނދަގޫވާނެ ތިހެން ވާހަކަ ދައްކަންޏާ. ސާފުކޮށް ކިޔައިދީބަލަ. އަނެއްކާ... އަނެއްކާ ރައު ކަމެއް ކުރަނީތަ؟" ސާމިހް އެހިއެވެ.
" ނޫން. ތި ހީކުރާ ކަހަލަ ކަމެއް ނޫނޭ. އަސްލު ސާމިހްގެ މަންމަމެންނާ މެދު ރައުދާ ކަންތައް ކުރީ އަހަރެން އުއްމީދު ނުކުރާ ގޮތަަކަށް. އެ މީހުން ރަށަށް އެ ދިޔައީ ވެސް ރައުދާ ޕްލޭން ކުރި ގޮތަށް. އޭނަ އެ މީހުން ފޮނުވާލީ އަސްލު. " އަފްޒާ ބުންޏެވެ.
އޭރު ސާމިހް އިނީ ފުން ވިސްނުމެއްގައެވެ.
" އަހަންނަށް އޭރު ވެސް ހީވި. ކަމެއް ނުވާނަމަ ބައްޕަ ނުދާނެ މަންމަ ބަލިވެ އުޅޭ އިރު ރަށަކަށް. އަހަރެންގެ މަންމަމެންނަށް ރައުދާ ކަންތައް ކުރާ ގޮތުން އަހަރެން ވަރަށް ހިތްހަމަ ނުޖެހެޔޭ. އެކަމަކު އެއްޗެހި ގޮވާ ރުޅި އައުމަކީ އަހަރެންގެ ތަބީއަތުގައި ހުރި ސިފައެއް ނޫން. އެހެންވެ ޒުވާބު ނުކުރަނީ. އެކަމަކު... ދެން އަހަންނަކަށް މި ވަރު ވީމަ ކެތެއް ނުވާނެ. އަހަންނަކަށް ދެނެއް އޭނަ ބަލައެއް ނުގަނެވޭނެ." ސާމިހް ބުންޏެވެ.
ސާމިހްގެ ވާހަކަތަކުން އަފްޒާ ވަރަށް ބޮޑަށް ބިރުގެންފިއެވެ. އޭނާގެ ސަބަބުން އެ ކައިވެނި ރޫޅި ދާނެތީ ހިތް ނުތަނަވަސް ވެއްޖެއެވެ.
" ސާމިހް. އޭ! ގޯހެއް ނަހަދައްޗޭ. އަހަރެން ބުންޏޭ ވެސް ނުބުނައްޗޭ. އަހަންނަށް ހަމަ ނުހުރެވިގެން ބުނެވުނީ. އެކަމަކު މި ކަން ރައުއަށް އިނގުނީމަ ކަމަކު ނުދާނެ." އަފްޒާ އަވަސް އަވަހަށް ބުންޏެވެ.
" އަފޫ ހާސް ނުވޭ. އަފޫއަކަށް ދެރައެއް ލިބޭ ގޮތަކަށް އަހަރެން އެއްވެސް ކަމެއް ނުކުރާނަން. ވަރަށް ދެރަވެއްޖެ މަންމަމެންނަށް އޭނަ އެހެން ހެދީމަ." އިސްޖަހާލަމުން ސާމިހް ބުންޏެވެ.
އަފްޒާއަށް ސާމިހްގެ ނުތަނަވަސްވެފައިވާ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެވުނެވެ. ސާމިހްގެ މޫނުމަތީގައި އެނބުރެމުންދާ އުދާސްތަކުން އަފްޒާ އިންތިހާއަށް ދެރަވެ މާޔޫސްވިއެވެ.
ގޭ ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު ސާމިހް ކާރުން ފޭބީ، ފައިބާ ހިތަކުން ނޫނެވެ. އޭރު އޭނާގެ ހިތް އޮތީ ވަރަށް ބޮޑަށް ބަރުވެފައެވެ. އިންތިހާއަށް ލޯބިވާ އަނބިމީހާގެ އެ ސިފަތަކަކީ އޭނާއަށް ބަލައިގަނެވޭ ކަމެއް ނޫނެވެ. ލަސް ފިޔަވަޅުތަކާއެކު އެތެރެއަށް ވަދެގެން ގޮސް ކޮޓަރި ދޮރުގައި ހިފާލިއެވެ.
އެއާއެކު ސާމިހްއަށް ލިބުނީ ހައިރާން ކުރަނިވި ކުއްލި ސިހުމެކެވެ. މޮޅިއާއި ހިތްދަތިކަމުން އޭނާގެ މޫނުމަތި ބަނަވެފައިވަނިކޮށް ރައުދާގެ ފަރާތުން ލިބުނީ އޭނާ އުއްމީދުވެސް ނުކުރާ ހަދިޔާއެކެވެ.
" ވެލްކަމް ބެކް މައި ޑެޑީ." ފާރުގައި ތަތްކޮށްފައިވާ ލިޔުންކޮޅު ދެ ތިން ފަހަރަކު ސާމިހްއަށް ކިޔާލެވުނެވެ.
" ސަޕްރައިޒް." ދޮރުފަތުގެ ފަހަތުން ކުއްލިއަކަށް ނިކުމެ ރައުދާ ބުންޏެވެ.
އޭނާގެ މޫނުމަތީގައިވާ ހިނިތުންވުން ފެނުމުން ވެސް ސާމިހްއަށް ހީލަން އުނދަގޫވިއެވެ. ރައުދާ އައިސް ސާމިހްގެ މެދުހަށީގައި ބައްދާލަމުން މޭގައި ބޯ ޖައްސާލިއެވެ.
" ގަބޫލު ނުކުރެވިފައިތަ؟ " ރައުދާ އަހާލިއެވެ.
ސާމިހް ހުރީ ހަމަ ރަނގަޅަށް ވެސް ގަބޫލު ކުރަން އުނދަގޫވެފައެވެ. ނަމަވެސް އެއީ އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހެވެ. ރައުދާއާ ކައިވެނި ކުރީއްސުރެން ކުރަމުން އައި އުއްމީދެވެ. ނަމަވެސް އެ އުފާވެރި ހަބަރު އޭނާއަށް އެ ލިބުނީ އޭނާ އެންމެ ހިތްހަމަޖެހޭ ދަނޑިވަޅަކު ނޫނެވެ. ރައުދާދެކެ އިންތިހާއަށް ފޫހިވެ، ނުރުހުންވެފައި ހުއްޓާ، ރައުދާ އޭނާއަށް އެ ދިނީ ކޮންފަދަ ހަބަރެއް ހެއްޔެވެ؟
ރައުދާއާ ދިމާލަށް ކިޔާނަމޭ ހިތާ ހިތުގައި ލިޔަމަުން ދިޔަ ރުޅިވެރި އިބާރާތްތައް ފުހެލަން އޭނާއަށް މަޖުބޫރު ވީ ކަހަލައެވެ. މިހާރު ރައުދާއަކީ ހަމައެކަނި އޭނާގެ އަނބިމީހާއެއް ނޫނެވެ. އެއީ ލިބެން އުޅޭ ދަރިފުޅުގެ މަންމަވެސް މެއެވެ. ސާމިހްއަށް މަޑުމަޑުން ރައުދާގެ ބުރަކަށީގައި އަތް ޖައްސާލެވުނެވެ.
" އަހަންނަށް އެނގޭ ސާމި ވަރަށް އުފާވާނެކަން. އެއްވެސް މީހަކަށް ނޭނގޭނެ މި ހަބަރެއް. އެންމެ ފުރަތަމަ ވެސް ސާމިއަށް މި ދިނީ." އުފަލުން ހުރެ ރައުދާ ވާހަކަ ދައްކަމުން ދިޔައެވެ.
" އަހަރެން ވަރަށް އުފާވެއްޖެ މިއަދު. " ސާމިހް ބުނެލިއެވެ.
އެއާއެކު ރައުދާ ސާމިހްގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.
" މަންމަމެން ތިބި ނަމަ އަދި މާ އުފާވީސް. ހިތަށް އަރާ ދެން ކީއްވެބާވައޭ މަންމަމެން އެ ދިޔައީ؟" ސާމިހް ބުންޏެވެ.
އޭނާ ރައުދާއާ ދުރުވެލުމަށްފަހު ރައުދާގެ މޫނަށް ބަލައިލިއެވެ. އޭރުވެސް ރައުދާގެ މޫނުމަތީގައި ހުރީ ހިނިތުންވުމެވެ. ހިތްހަމަޖެހުމެވެ. އަދި އުފާވެރިކަމެވެ.
" ދެން މަންމަމެން ބޭނުންވާ ގޮތަކަށް ކަންތައް ކުރީމަ ރަނގަޅުވާނެޔޭ. " ރައުދާ ބުންޏެވެ.
" އަނެއްކާ ރައުއާ މައްސަލައެއް ޖެހުނީތަ؟" ސާމިހް އެހިއެވެ.
ރައުދާ ދެ ފަރާތަށް ބޯ ހޫރާލިއެވެ.
" ނޫނެކޭ. ދެން އުޅެބަލަ މި ހަބަރު ދޭން އެ ރަށަށް ދާން." ރައުދާ ބުންޏެވެ.
އޭރު ވެސް ސާމިހްއަކަށް އެހާ ބޮޑު އުފާވެރިކަމެއް ނުލިބެއެވެ. އަފްޒާ ދެއްކި ވާހަކަތައް ސިކުނޑީގެ ކަނެއްގައި ރައްކާކުރި ގޮތަށް މިހާރު އޭނާއަށް އުނދަގޫވާން ފަށައިފިއެވެ.
" އަހަރެން މި ދަނީ ކާން ހަދަން. އާދޭ ތައްޔާރު ވެލައިގެން." ރައުދާ ބުނެލީ ސާމިހްގެ މޫނުގައި ފިރުމާލަމުންނެވެ.
ރައުދާ ނިކުމެގެން ދިޔައިރު ވެސް ހުރި ފިޔަވަޅުމަތީ ސާމިހްއަށް ހުރެވުނީއެވެ. ވާންވީ އުފާކަމެއް ނޫނީ އަންނަންވީ ރުޅި ކަމެއް އޭނާއަކަށް ނޭނގުނެވެ.
ރައުދާ ނިކުމެގެން ދިޔަ ދޮރާ ދިމާލަށް ބަލަހައްޓައިގެން ހުރި ސާމިހްގެ ހިތަށް އޭރު ވެސް ބައިވަރު އެއްޗެހި އަރާ ފައިބަމުން ދެއެވެ.
ދެން އިތުރު ކަންކަމާ ވިސްނާނެ ކަމެއް ނެތެވެ. ވީ ކަމެއް ވީއެވެ. ކުރިއަށް އޮތް ދުވަސްތައް އުފާވާނީ ރައުދާ އުފަލުގައި ހުރުމުން ނޫން ހެއްޔެވެ؟ އެންމެ ދެކެން ބޭނުންވާ ދުވަސް ވެސް ދެން އޮތީ ނުހަނު ކައިރީގައެވެ.
ސާމިހްގެ ހިތަށް އެރިއެވެ. އިތުރަށް ދިރިއުޅުމުގައި އެއްވެސް މައްސަލައެއް ޖެހޭކަށް އޭނާ ބޭނުމެއް ނުވިއެވެ. ލިބެން އުޅޭ ދަރިފުޅަށްޓަކައި ރައުދާއާ މެދު އޭނާ ހިތް ސާފު ވެސް ކުރިއެވެ. އަދި އުފާވެރިގޮތަކަށް ހިނިތުންވެލަމުން އެނދުގައި އިށީނދެ، އަނެއްކާ ވެސް ފާރުގައި ލިޔެފައި އޮތް ޖުމްލަ ކިޔާލިއެވެ.
" ޑެޑީ..." ސާމިހް ބުނެލިއެވެ.
ބަދިގެ ތެރޭގައި ހުރި މޭޒު ކައިރީ ހަސަން އިނީ މަރިޔަމް ކާން ހަދާތީއެވެ. ރިހާކުރު ފުޅި އާއި ވަޅޯ މަސްގަނޑެއް ހިފައިގެން މަރިޔަމް އައިސް މޭޒު ކައިރީ އިށީނެވެ.
" ރިހާކުރު ނޫން އެއްޗެއް ނެތް ދޯ. އަހަންނަށް ކެވިދާނެ ރިހާކުރު. އެކަމަކު މަރިޔަން ކާކަށް އަހަރެން އެހާ ހިތްހަމައެއް ނުޖެހޭ." ހަސަން ބުންޏެވެ.
އެއާއެކު މަރިޔަމް ހީލިއެވެ. އަދި އަތުގައި އޮތް ވަޅޯ މަސްގަނޑު ހަސަންގެ ތައްޓަށް ކޮށާލިއެވެ.
" ގަރުދިޔަ ކައިކައި ފޫހިވެއްޖެ މިހާރު." މަރިޔަމް ބުންޏެވެ.
" އަހަންނަށް އެނގެޔޭ މަރިޔަންއަށް ވަރަށް މީރުކަން ރެސްޓޯރެންްޓްގައި ކައްކާ އެއްޗެހި." ހަސަން ބުނެލީ ހެމުންނެވެ.
" މީރަކަސް... މިހާރު އެއްޗެއް ގަނެލާނެ ލާރިއެއް ވެސް ނެތެއްނު." މަރިޔަމް ވެސް ވާހަކަ ދެއްކީ ހެވިފައި އިނދެއެވެ.
" އާނ ދެން އޮތީ އެ ރަށަށް ދާން ހުރި ލާރިކޮޅު. މި ހިތަށް އަރަނީ ލާރި ހުސްވީމަ ކިހިނެއްބާއޭ ހަދާނީ؟" ހަސަން ބުންޏެވެ.
" ސާމިހް ކައިރީ ބުނާނެ ކަމެއް ނެތް. ރައުދާ ހިތްހަމައެއް ނުޖެހޭނެ. ސާޔާ ކައިރީ ބުނާނީ ލާރިކޮޅެއް ދެވޭތޯ. ރާމިޒަކީ ވަރަށް ހިތްހެޔޮ ކުއްޖެއްހެން ހީވޭ." މަރިޔަމް ބުނެލީ އުއްމީދާއެކުއެވެ.
" އާނ. އަހަރެން ވެސް ސާމިހް ކައިރީ އެއްވެސް ކަމަކު ދެނެއް ނުބުނާނަން. މިއަދު ސާޔާއަށް ގުޅާލަންވީނު." ހަސަން ބުންޏެވެ.
މަރިޔަމް ބޯ ޖަހާލުމަށްފަހު ރިހާކުރު ފުޅިއަށް ސަމްސަލެއް ލިއެވެ. އޭރު ވެސް ހަސަން އިނީ މަރިޔަމްގެ މޫނަށް ބަލަހައްޓައިގެންނެވެ.
ސާޔާ ފާހާނާއިން ނިކުތް އިރު އެނދުމަތީގައި އޮތް އޭނާގެ ފޯނު ރިންގުވެއެވެ. ބާރުބާރަށް އައިސް ސާޔާ ފޯނަށް ބަލައިލި އިރު ގުޅަނީ އޭނާގެ މަންމައެވެ. ނުނެގި އުޅެނިކޮށް ފޯނު ކެނޑިއްޖެއެވެ. އޭރު ލެޕްޓޮޕް ހިފައިގެން ރާމިޒް ވެސް އިނީ އެނދުމަތީގައެވެ. ހިތްހަމަ ނުޖެހޭ ފަދަ ގޮތަކަށް ސާޔާއަށް ރާމިޒްގެ މޫނަށް ބަލައިލެވުނެވެ.
" ރާމިޒް ކީއްވެ މަންމަގެ ފޯނު ނުނެގީ؟" ސާޔާ ސުވާލު ކުރިއެވެ.
އެއާއެކު ރާމިޒް ފޫހި ގޮތަކަށް ދެ ފަރާތަށް ބޯ ހޫރާލިއެވެ.
" ފޯނު ނަގާފައި އަހަރެން ކީކޭތަ ކިޔާނީ؟ " ރާމިޒް ބުނެލިއެވެ.
" ހަމަ ހާލު ވެސް އަހާލެވޭނެއެއްނު. މަންމަ ކޮންމެ ފަހަރަކު ވެސް ރާމިޒްގެ ވާހަކަ އަހާނެ. ހީވަނީ ވަރަށް ވާހަކަ ދައްކާ ހިތުން ހެން އަހާލަނީ ވެސް." ސާޔާ އެނދުމަތީ އިށީންނަމުން ބުންޏެވެ.
" މަންމަ އަހަރެންގެ ވާހަކަ އެހީމަ ސަލާން ބުނީމަ ނިމުނީނު. ދެން އަހަރެން ކޮން ވާހަކައެއްތަ ދައްކާނީ؟ އޮފީސް ވާހަކަ ދެއްކީމަ މަންމައަށް ކޯއްޗެއް އެނގޭނީ؟ " ރާމިޒްގެ އަޑު ބާރުވިއެވެ.
ދެރަވެފައި އިނދެ ސާޔާ އިސްޖަހާލިއެވެ.
" ދެން ރޯނީކީ ނޫން. އެއްޗެއް ބުނާއިރަށް އަދި ރޯން ފަށާނެ." ރާމިޒް ބުންޏެވެ.
ރާމިޒް އެހެން ބުނުމުން ސާޔާ އިތުރަށް ހިތުގައި ޖެހުނެވެ. އޭނާ އަވަސް އަވަހަށް ތެދުވެގެން ގޮސް ޑްރެސިންޓޭބަލް ކައިރީ ހުއްޓުނެވެ. އޭރު އޭނާ ހުރީ ހަމަ ރަނގަޅަށް ވެސް ފެންކަޅިވެފައެވެ. ހަމަ އެ ވަގުތެވެ. އަނެއްކާ ވެސް ފޯނު ރިންގް ވެއްޖެއެވެ.
ބޮޑު ނޭވާއެއް ދޫކޮށްލުމަށްފަހު ސާޔާ ފޯނު ކަންފަތުގައި ޖެހިއެވެ.
" ހަލޯ. މަންމާ! ކިހިނެއް؟" ސާޔާ އަވަސް އަވަހަށް ވާހަކަ ދައްކަން ފެށިއެވެ.
" ރަނގަޅު. ދަރިފުޅު ނުވެސް ގުޅަމެއްނު. އަދިވެސް ބޭރުން އައި ގޮތަށް ހަމަޖެހިނުލެވޭތަ؟" މަރިޔަމް އެހާ ލޯބިން ވާހަކަ ދައްކަން ފެށުމުން ސާޔާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ.
" އާނ. އައި ގޮތަށް ކިޔަވަން ނިކުންނަން ޖެހުނީ. އެހެންވެ އަދިވެސް ވަރަށް ބުރަކޮށް މި އުޅެނީ." ސާޔާ އަވަސް އަވަހަށް ބުނެލިއެވެ.
" އެހެންތަ؟ ކިޔެވުމަށް ފަރުވާކުޑަ ނުކުރައްޗޭ. " މަރިޔަމް ބުނެލި ރާގުން އަނެއްކާ ވެސް ސާޔާ އޭނާގެ މަންމަގެ ކައިރީ ހުންނަ ހިތް ވެއްޖެއެވެ. މަންމަގެ އެ އޯގާތެރި އަޑުން ވެސް ސާޔާ އިންތިހާއަށް މަންމަ ބޭނުންވެއެވެ.
" މަންމަ ކުޑަ ކަމަކު މި ގުޅީ އަސްލު. އެހީ އެއް ބޭނުން ވެގެން." ވަރަށް ލަދުން ހުރެ މަރިޔަމް ބުނެލިއެވެ.
" އެހީއެއް؟ ކިހިނެއްވީ މަންމާ؟" ސާޔާ އެހިއެވެ.
" އެއީ. މި މަހު ޑޮކްޓަރަށް ދައްކަން ދާ ވަރަށް ބައްޕަ އަތުގައި ލާރި ހުރީ. އެހެންވެ، ލާރިއެއް ބޭނުން ވެގެން. " މަރިޔަމް އެހެން ބުނުމާއެކު ސާޔާއަށް ފަސް އެނބުރި ރާމިޒްގެ މޫނަށް ބަލައިލެވުނެވެ. އޭރު ވެސް އޭނާ އިނީ ލެޕްޓޮޕް އިން މަސައްކަތެއް ކުރާށެވެ.
" ރާމިޒް އަތުގައި ހުރި އެއްޗެއްކަން މަންމައަށް އެނގޭ ދަރިފުޅަށް ލިބޭނީ. އަދި ދަރިފުޅަކީ ކިޔަވާ ކުއްޖެއް ވިއްޔަ. ފަސްސަތޭކަ ރުފިޔާ ވެސް ރަނގަޅުވާނެ. ހަމަ އެއްވެސް އެއްޗެއް ނެތިގެން މި ބުނީ. " މަރިޔަމް ބުނެލިއެވެ.
ސާޔާއަށް ހިންދިރުވާލެވުނެވެ.
" އާނ މަންމާ. އަހަރެން ފޮނުވައިދޭނަން. ކޮންމެވެސް މީހެއްގެ އެކައުންޓް ނަންބަރު އަހަންނަށް ފޮނުވައިދީފައި ބާއްވާ." ސާޔާ އެހެން ބުނުމާއެކު ރާމިޒް އިސްއުފުލައި އޭނާއާ ދިމާލަށް ބަލައިލިއެވެ.
" މަންމަ މި ދަނީ ގެ ކައިރީގައި އުޅޭ މަންޖެއެއް ކައިރިއަށް ތި ކަން ވޭތޯ." މަރިޔަމް އުފާވެރި ރާގަކަށް ބުނެލިއެވެ.
" ކޮން އެކައުންޓު ނަންބަރެއް؟" ސާޔާ ފޯނު ބޭއްވުމާއެކު ރާމިޒް ސުވާލު ކުރިއެވެ.
އެއާއެކު ސާޔާ ވަރަށް ބޮޑަށް ޖެހިލުންވިއެވެ. އޭނާ މަޑުމަޑުން އައިސް އަނެއްކާ ވެސް އެނދުމަތީ އިށީނދެލިއެވެ. އޭރު އޭނާ ހުރީ ހިތް އަވަސްވެ، ބިރުގެންފައެވެ. ރާމިޒްގެ މޫޑު ރަނގަޅު ނޫން ވަގުތަކަށް ވީ ނަމަވެސް މަންމަގެ އެދުން ފަސް ކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ.
" އެއީ... މަންމައަށް ލާރިއެއް ފޮނުވަން ވެގެން." ސާޔާ ބުންޏެވެ.
" ލާރި އޭ؟ ކޮން ލާރިއެއް؟" ރާމިޒް ލެޕްޓޮޕް ލައްޕާލުމުން ސާޔާ އިތުރަށް ޖެހިލުންވެއްޖެއެވެ.
" މަންމަމެން ވެސް ހުންނާނެއެއްނު ކުރަންޖެހޭ ހަރަދު. " ސާޔާ އެ ހިސާބަށް ބުނުމާއެކު ރާމިޒް ދެ ފަރާތަށް ބޯ ހޫރާލިއެވެ.
" ސާޔާ އުޅެނީ ވަޒީފާގައެއް ނޫނެއްނު. ސާޔާއަށް އެނގޭތެ ތި ކޮލެޖަށް ވެސް އަހަރެން ދައްކަން މަހަކު ތިން ހާސް ރުފިޔާ. މިތާ ކުލި ދައްކާފައި ކައިފައި ބިލްތައް ދައްކާފައި ދެން ކޮން ލާރިއެއް މަށަށް ސޭވް ކުރެވޭނީ. ނެތޭ ބުނޭ." ފަރުވާ ކުޑަ ގޮތަކަށް އެހެން ބުނެލުމަށްފަހު ރާމިޒް އެނދުން ފޭބިއެވެ.
" ރާމިޒް ޕްލީޒް. އަަހަންނަކަށް ނުކެރޭނެ ނެތޭ ބުނާކަށް. އަހަންނާއެކު މިރޭ ދާން ތި އުޅޭ ޑިނާ ކެންސަލްކޮށްފައި އެ ރުފިޔާކޮޅު އަހަންނަށް ދޭން ވީނު." ސާޔާ އެދުނެވެ.
އެ އާއެކު ރާމިޒް މަލާމާތުގެ ގޮތަކަށް ބާރަށް ހީގަތެވެ.
" ސާޔާ ތިއީ މޮޔައެއްތަ؟ ސާޔާގެ މަންމައަށްޓަކައި އަހަރެމެންގެ އުފާތައް ވެސް ގުރުބާން ކުރަންވީ؟ އެހެން ނޫނަސް ސާޔާ ދޮންބެމެން އެ މަހުޖަނުން. އެ މީހުން ކައިރީ ބުނެގެން ލާރި ހޯދަންވީނު ސާޔާ މަންމަ." ރާމިޒް ގެ ބަސްތަކުން ސާޔާ ހިތުގައި ޖެހުނެވެ.
އޭނާ ފުންމައިގެން ތެދުވެ ގޮސް ސާމިހްގެ ކުރިމަތީގައި ހުއްޓުނީ އިންތިހާއަށް ރުޅި އައިސް ހުރެއެވެ.
" އަދި ދޮންބެއަށް ވުރެ މާ މުއްސަނދިވާނެ ހާނިމްބެ ވެސް. އެކަމަކު މަންމަ އަހަރެން ކައިރީ އެ ބުނީ ކަމެއް ވީމަ ދޯ؟ މަންމަ ހީކުރީ ރާމިޒަކީ ވަރަށް ހެޔޮއެދޭ ވަރަށް މާތް މީހެކޭ. މަންމައަށް އެނގެޔޭ އަހަރެންގެ އަތުގައި ލޯ ލާރިއެއް ވެސް ނުހުންނާނެކަން. އަހަރެން ކައިރީ އެ ބުނީ ރާމިޒް ހެޔޮ ހިތުން މަންމައަށް އެ އެހީ ވެދޭނެ ކަމަށް." ގަޔަށް ބާރުލައިފައި ސާޔާ ވާހަކަ ދައްކަދައްކާ ހުއްޓާ، ރާމިޒް ސާޔާގެ މޫނުމަތީގައި އެތިފަހަރެއް ވިހެލިއެވެ.
" މާ ވާހަކަ ގިނަ ވެއްޖެ. ފިރިމީހާ ކުރިމަތީގައި ތިހާ އަނގަގަދަ ކުރަންޏާ ވާނީ ތި ހެން." ރާމިޒް އެހެން ބުނެ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
ވީ ތަދުން އޭރު ވެސް ސާޔާ ހުރީ މޫނުގައި އަތް އެޅި ގޮތަށް ހުއްޓުން އަރާފައެވެ.
ނުނިމޭ
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ ، ހޯމަ އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!