ސަލްމާން މިސްކިތުގައި ތަރައްޤީ ކުރަމުންދާ އިސްލާމީ ކުތުބުޚާނާ މި މަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާޙްކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކުތުބުޚާނާ ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން މިއަދު މަޝްވަރާކުރައްވާފައިވެއެވެ. މި ކުތުބުޚާނާ ހުޅުވިގެންދާއިރު 15 ހާސް ފޮތް ހިމެނޭނެކަމަށް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

Ad
rt

މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ވަޢުދުގެ ދަށުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިހުރި އަދި އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައިވެސް އިސްލާމީ ކުތުބުޚާނާތައް ޤާއިމްކުރެވިގެންދާނެއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރެވޭ އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް ހޯދުމަށް އެކުވެރި ޤައުމެއްގެ ޔުނިވަރސިޓީއަކާއެކު އެއްބަސްވުމަކަށް ވަނީ އާދެވިފައެވެ. މިގޮތުން ޖުމްލަ 60 ހާސް ފޮތް ލިބޭނެކަމަށް އެ ޔުނިވަރސިޓީން ވަނީ އަންގާފައެވެ.

މި ފޮތްތައް ހއ. ދިއްދޫ، ރ. އުނގޫފާރު، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގައި ޤާއިމްކުރެވޭ އިސްލާމިކް ސެންޓަރ ލައިބްރަރީތަކާއި އެހެނިހެން އަތޮޅުތަކުގައި ޤާއިމްކުރެވޭ އިސްލާމީ ލައިބްރަރީތަކަށް ބެހިގެންދާނެއެވެ.