އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުމަށް އައު ދޮރެއް ހުޅުވައިދިން ތާރީޚީ ދަތުރުފުޅެއްކަމާމެދު ޔަޤީންކަން އޮތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

29 ޖޫން 2025 ގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން ރައީސް މީސް މީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި ވަނީ ސިންގަޕޫރުގެރައީސް ތާމަން ޝަންމުގަރަތްނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޯންގ އާއި، ސިންގަޕޫރު ސަރުކާރާއި ރައްޔިތުންނަށް، މި ދައުލަތުގެ އެމަނިކުފާނަށާއި އަރިހުގައި ގެންދެވި ދިވެހި ވަފުދަށް ދެއްވި މެހެމާންދާރީއަށްޓަކައި އިޝުކުރު ދަންނަވާފައެވެ.

Ad
rt

ރައީސް އިތުރަށް ވިދާޅުވެފައިވަނީ، ސިންގަޕޫރުގައި ކުރެވުނު މުހިންމު މަޝްވަރާތަކުގެ ރޫޙު އެމަނިކުފާނުގެ ހިތްޕުޅުގައި ސާބިތުވެފައިވާ ކަމަށާއި، މި މަޝްވަރާތަކުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މުހިންމުކަން އަލުން ހާމަވެގެން ދިޔަ ކަމަށެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިންނާއި، މަތީ ތަޢުލީމާއި ފަންނީ އަދި ވޮކޭޝަނަލް ތަމްރީނުގެ ދާއިރާއިންނާއި، ސިންގަޕޫރު ކޯޕަރޭޝަން އެންޓަރޕްރައިޒްއާއެކު އެއްބާރުލުން އިތުރުކުރުމަށް، އަދި ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ ދިރާސާ ދަތުރުަތުރުތަކާ ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރެވުނުކަން ރައީސް އުފަލާއެކު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެ-ސިންގަޕޫރު ވިޔަފާރި ފޯރަމުން ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގިނަ ފުރުޞަތުތަކެއް ފާހަގަކުރެވުނު ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވެފައި ވަނީ، ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނުތާ 50 އަހަރު ފުރޭ މި މުހިންމު ދުވަސްވަރު، މި ދަތުރަކީ ދެ ޤައުމުގެ ގުޅުމަށް އާ ބާބެއް ހުޅުވައިދިން ދަތުރެއްކަމާމެދު އެމަނިކުފާނަށް ޔަޤީންކަން ލިބިވަޑައިގެންފައިވާކަމަށެވެ.