މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން އިސްލާމިކް ފައިނޭންސިން ދާއިރާއިން ކިޔަވަން 35 ސްކޮލާޝިޕަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެމްއޭ އިން ބުނީ މިއީ އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް އެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް ހާއްސަކޮށްގެން ހުޅުވާލާ ފުރުސަތުތަކެއް ކަމަށެވެ. އެގޮތުން އެ އިދާރާގެ "އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް" ތައާރަފްކުރީ މިދިޔަ ފެބްރުއަރީ މަހުއެވެ.

Ad
rt

ސްކޮލާޝިޕް ހުޅުވާލާފައިވާ ދާއިރާތައް
- އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސް: އޭގެ ތެރޭގައި ފުލީ ފަންޑެޑް ފަސް ފުރުސަތާއި ޕާޝަލް ޕަންޑިންގެ ފަސް ފުރުސަތު ހިމެނޭ

- މެލޭޝިއާގެ ޔުނިވަސިޓީގެ އިންސީއީއައިއެފް (އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިއުކޭޝަން ފޯ އިސްލާމިކް ފައިނޭންސް) އީއެމްއައިއެފް އިން މައިކްރޯ ސަޓިފިކޭޝަން: ފަސް ފުރުސަތު

- ސެޓްފިކެޓް އިން ޝަރީއާ އިކޮނޮމިކްސް ފޯ ބޭންކިން އެންޑް ފައިނޭންސް (ސީއެސްއީބީއެފް) ބައި ޔުނިވާސިޓީ އިސްލާމް ސެލެންގޯ (ޔޫއައިއެސް) މެލޭޝިއާ: 20 ފުރުސަތު

އެމްއެމްއޭގެ މި ޕްރޮގްރާމްގެ އަމާޒަކީ މަތީ ފެންވަރުގެ ތައުލީމާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކާއި ސްޕެޝަލައިޒްޑް ޓްރެއިނިން މެދުވެރިކޮށް ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާ ކުރިއެރުވުމެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސެފް) އާއި ޔުނިވަސިޓީ އިސްލާމް ސެލެންގޯ (ޔޫއައިއެސް) ގުޅިގެންނެވެ.

އެމްއެމްއޭ އިން ބުނީ، މެލެޝިއާގެ ސެންޓްރަލް ބޭންކް، ބޭންކް ނެގަރާ މެލޭޝިއާއިން ގާއިމްކޮށްފައިވާ އިންސެފް ޔުނިވަސިޓީ އަކީ އިސްލާމިކް ފައިނޭންސްގެ ތައުލީމް ފޯރުކޮށްދިނުމާއި، ދިރާސާާާ ކުރަން ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ މުއައްސަސާއެއް ކަމަށެވެ. އަދި ޔޫއައިއެސް އަކީ އިސްލާމިކް ފައިނޭންސް އަދި އިސްލާމިކް އިކޮނޮމިކްސް ގެ ދާއިރާއިން ތައުލީމު ފޯރުކޮށްދިނުމަށް މަޝްހޫރު މެލޭޝިޔާގެ ޔުނިވަސިޓީއެއް ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.