ރާއްޖޭގައި ގާއިމްކުރާ އާއްމު ފެރީ ހިދުމަތަށް ބޭނުންވާ 14 ހައި ސްޕީޑް އުޅަނދު ބަނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން ބިޑަށް ހުޅުވާލައިފި އެވެ.

ޕްލޭނިން މިނިސްޓްރީން ކުރިއަށް ގެންދާ ފެރީ ނިޒާމްގެ މަޝްރޫއުގެ ދަށުން ފުރަތަމަ މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ރީޖަން އެކެއްގެ ގޮތުގައި ކަނޑައަޅާފައިވާ އުތުރުގެ ތިންއަތޮޅު ހއ ހދ ށ އަތޮޅުގަ އެވެ.

Ad
rt

ފިނޭންސް މިނިސްޓްރީން ވަނީ އެ ސަރަހައްދުގައި ބޭނުންކުރުމަށް 14 ހައި ސްޕީޑް އުޅަނދު ބަނދެ، ޓެސްޓްކޮށް އަދި ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ. މި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަން ފާޅު ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ބަޔާނުގައި މި ފެރީ ނިޒާމާއި ބެހޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެވެ.

ރާއްޖޭގެ ރަށްތައް ކަނޑު ދަތުރުފަތުރުގެ ލުއިފަސޭހަ ނިޒާމަކުން ގުޅައިލުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހއ، ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް، މުޅިން އައު ދަތުރުތަކެއް ފެށުމަށް ތައްޔާރުވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ހާމަކުރެއްވިއެވެ. އެގޮތުން މިމަޝްރޫޢުގެ ދަށުން، ދުވެލި ހަލުވި، ތިމާވެއްޓާ ރަޙްމަތްތެރި އަދި ރައްކާތެރި އުޅަނދުތަކެއްގެ އެހީގައި މިއަހަރުގެ ތެރޭގައި ޚިދުމަތް ފެށިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.