ތައިލެންޑްގެ ކޮންސްޓިޓިއުޝަނަލް ކޯޓުން، އެ ގައުމުގެ ބޮޑުވަޒީރު ޕެއޮންގްތާން ޝިނަވަތްރާ ވަގުތީ ގޮތުން މަޤާމުން ސަސްޕެންޑް ކޮށްފިއެވެ.
ތައިލެންޑްގެ އެންމެ ޒުވާން ބޮޑުވަޒީރުގެ ގޮތުގައި ބޮޑުވަޒީރުގެ މަގާމު ފުރުއްވަމުންގެންދަވާ ޕެއޮންގްތާންގެ މައްޗަށް ވަގުތީ ސަސްޕެންޝަނެއް އައީ ކެމްބޯޑިއާގެ އިސް ވެރިއަކާއެކު އޭނާ ކުރެއްވި ފޯނު މުޢާމަލާތެއްގެ ރެކޯޑިންގ ލީކްވުމާ ގުޅިގެން އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ބަލަމުންދާ ތަޙްޤީޤެއްގެ ދަށުންނެވެ.
ބިލިއަނަރު، ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވާޓްރާގެ ދަރިކަނބަލުން ބޮޑުވަޒީރު ޕެއޮންގްތާންގެ މައްޗަށް މި މައްސަލައިގައި ތުހުމަތު ކުރެވެނީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ސަރަޙައްދީ ޚިލާފަކާ ގުޅޭ ގޮތުން ކެމްބޯޑިއާގެ ސެނެޓް ރައީސް ހުން ސެންއާއެކު ކުރެވުނު މުޢާމަލާތުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް އިޙްތިރާމް ކުރި ކަމަށެވެ. މި މުޢާމަލާތުގެ ރެކޯޑިންގ ލީކްވުމާ ގުޅިގެން ގިނަ ފާޑުކިޔުންތަކާއި އާންމު އިހުތިޖާޖުތަކެއް ކުރިމަތިވެފައިވެއެވެ.
ބޮޑުވަޒީރު ޕެއޮންގްތާން ސަސްޕެންޑް ކުރުމާ ގުޅިގެން ތައިލެންޑްގައި އަލުން ސިޔާސީ ހަމަނުޖެހުން އުފެދުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭއިރު، މިއީ އަދިވެސް ނާޒުކު ޑިމޮކްރަސީއެއް އޮތް ގައުމެއްގައި ކުރިމަތިވެފައިވާ މިފަދަ އެތައް ހާދިސާއެއްގެ ތެރެއިން އެއް ހާދިސާއެވެ. މި ކަންކަމުގެ އަސްލަކީ ޕެއޮންގްތާންގެ ބައްޕާފުޅު، ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތްރާ ފެށި ސިޔާސީ ޚާންދާނުގެ ބާރު މާ ބޮޑަށް އިތުރުވަމުން ދިޔުމާ މެދު ކޮންޒަވޭޓިވް މުއައްސަސާތަކާއި ސިފައިންގެ ކަންބޮޑުވުންތަކެވެ.
ޕެއޮންގްތާންއަކީ އޭނާގެ ޢާއިލާއިން ބޮޑުވަޒީރުކަން ކުރި ތިންވަނަ މެންބަރެވެ. އަދި މުއްދަތު ހަމަވުމުގެ ކުރިން މަޤާމުން ވަކިކުރުމުގެ ނުރައްކާ ކުރިމަތިވި ތިންވަނަ މެންބަރުވެސް މެއެވެ. އޭނާގެ ބައްޕަ ތަކްސިން ވަނީ 2006 ވަނަ އަހަރު ސިފައިންގެ ބަޣާވާތަކުން މަގާމުން ދުރުކޮށްފައެވެ. އަދި އޭނާގެ ދައްތަ، ކުރީގެ ބޮޑުވަޒީރު ޔިންގްލަކް ޝިނަވަތްރާ ވަނީ 2014 ވަނަ އަހަރު ކޯޓު އަމުރަކުން މަޤާމުން ވަކިކޮށް، އޭގެ ކުޑަ އިރުކޮޅެއްގެ ތެރޭގައި ސިފައިންގެ ބަޣާވާތަކުން ވެރިކަން ވައްޓާލާފައެވެ.
ހުން ސެނާ އެކު ފޯނުން ގުޅުއްވައި ދެއްކެވި ފޯނު ކޯލުގެ ރެކޯޑިން ލީކުވުމާ އެކު ޕެއޮންގްތާން ވަނީ އެ ކަމަށް މަޢާފަށް އެދިވަޑައިގަންނަވާފައެވެ.
37 އަހަރުގެ ޕެއެޓޯންގްޓާންއަކީ ތައިލެންޑުގެ އެންމެ ހަގު ބޮޑުވަޒީރަށްވާއިރު، އޭނާއަކީ އޭނާގެ ބޮޑުދައިތާ ޔިންގްލަކް ޝިނަވާޓްރާއަށް ފަހު ޤައުމުގެ ވެރިކަމާ ހަވާލުވާ ދެވަނަ އަންހެން ވެރިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!