ޓެސްލާގެ ސީއީއޯ އެލޮން މަސްކަކީ އިންސާނަކަށް ލިބޭ އެންމެ ބޮޑު ސަބްސިޑީ ލިބޭ މީހާ ކަމަށާއި، ސަބްސިޑީ ނުލިބޭނަމަ މަސްކްގެ ވިޔަފާރިތައް ބަންދުކޮށް އަނބުރާ ދެކުނު އެފްރިކާއަށް ދާންޖެހިދާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ އެފިޝެންސީ ޑިޕާޓްމަންޓުން ޓެސްލާގެ ވެރިޔާ މަސްކްގެ ކުންފުނިތަކަށް ލިބިފައިވާ ސަބްސިޑީތައް ބަލައި، ފެޑެރަލް ސަރުކާރަށް "ބޮޑު" އަދަދެއްގެ ފައިސާ ސަލާމަތް ކުރެވިދާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕާއި އޭނާގެ ވަރަށްގާތް އެކުވެރިއެއްކަމަށް ބެލެވުނު މަސްކްއާ ދެމެދު ބަހުގެ ހަނގުރާމައެއް އަލުން ވަނީ ފެށިފައެވެ.
އެމެރިކާގެ ރައީސް ވަނީ މަސްކް އޭނާގެ ޓެކްސް ބިލާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން މަސްކަށް އަމާޒުކޮށް ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ.
އަންގާރަ ދުވަހު، މަސްކް ވަނީ އެކްސް ޕްލެޓްފޯމުގައި ޓްރަމްޕްގެ "ބިގް ބިއުޓިފުލް ބިލް" އަށް ވޯޓުދޭ ރިޕަބްލިކަން ސެނެޓަރުންގެ އަލުން އިންތިޚާބުވުމުގެ ފުރުސަތު ނައްތާލާނެ ކަމަށް ބުނެ އިންޒާރުދެއްވާފައެވެ.
މަސްކް ވަނީ މި ފުޅާ ދާއިރާގެ ޓެކްސް އަދި ޚަރަދު ކުޑަކުރުމުގެ ބިލާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނެފައި ވަނީ ރިޕަބްލިކަން ސެނެޓަރުން އަވަސްއަވަހަށް ފާސްކުރަން މަސައްކަތްކުރާ މި ބިލުގެ ސަބަބުން ވަޒީފާތައް ގެއްލި، އަދި އަލަށް ކުރިއަރަމުން އަންނަ ސިނާއަތްތަކަށް ހުރަސްއެޅިގެންދާނެ ކަމަށެވެ.
"ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ކެމްޕޭންކޮށްފައި، ވަގުތުން ތާރީޚުގައި އެންމެ ބޮޑު ދަރަނި އިތުރުކުރުމަށް ވޯޓުދިން ކޮންގްރެސްގެ ކޮންމެ މެންބަރަކު ލަދުވެތިވާންޖެހޭނެ،" މަސްކް ބުނެފަވެއެވެ.
މަސްކް ތަކުރާރުކޮށް ބުނެފައި ވަނީ އޭނާ މި ބިލާ ދެކޮޅުހައްދަވަނީ އޭގެ އަގުބޮޑުކަމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް ޓްރަމްޕް ބުނެފައި ވަނީ މަސްކް މި ބިލާ ދެކޮޅުހަދަނީ މި ބިލުގެ ސަބަބުން އިލެކްޓްރިކް ވެހިކަލްތަކާއި އެހެނިހެން އިއާދަކުރަނިވި ހަކަތައަށް ދެމުންދާ ޓެކްސް ކްރެޑިޓްތައް ނިމުމަކަށް އަންނާނެތީ، އެކަމުގެ ސަބަބުން މަސްކްގެ ވިޔަފާރިއަށް ގެއްލުން ވާނެތީ ކަމަށެވެ.
އަންގާރަ ދުވަހު، މަސްކް އަލުން އޭނާގެ ބިލާ ދެކޮޅަށް ފާޑުކިޔުންތައް އަމާޒުކުރުމާ ގުޅިގެން، ޓްރަމްޕް ވަނީ އެ ވާހަކަތަކަށް ޖަވާބުދެއްވައި، އަދި މަސްކްގެ އަނެއް ވިޔަފާރި ކަމުގައިވާ ސްޕޭސްއެކްސްއަށް ދީފައިވާ ފައިދާ ބޮޑު ސަރުކާރުގެ ކޮންޓްރެކްޓްތަކަށް ސަމާލުކަން ދެއްވާފައެވެ.
"އިލެކްޓްރިކް ކާރުތަކަކީ ރަނގަޅު އެއްޗެހި، އެކަމަކު އެންމެންނަށް އެފަދަ ކާރެއް ގަންނަން މަޖުބޫރުކުރުވުމަކީ ރަނގަޅުކަމެއް ނޫން،" ޓްރަމްޕް އޭނާގެ ޓްރުތް ސޯޝަލް ޕްލެޓްފޯމުގައި ވިދާޅުވިއެވެ.
"އެލޮންއަށް ލިބިފައިވާ ސަބްސިޑީގެ އަދަދަކީ ތާރީޚުގައި އެއްވެސް އިންސާނަކަށް ލިބިފައިވާ އެންމެ ބޮޑު އަދަދު ކަމަށް ވެދާނެ. އަދި ސަބްސިޑީތައް ނެތިއްޔާ، އެލޮންއަށް ފަހަރެއްގައި ވިޔަފާރި ބަންދުކޮށް އަނބުރާ ދެކުނު އެފްރިކާއަށް ދާންޖެހިދާނެ." ޓްރަމްޕް ވިދާޅުވެފަވެއެވެ.
"އިތުރު ރޮކެޓް ދަތުރުތަކެއް، ސެޓެލައިޓްތަކެއް، ނުވަތަ އިލެކްޓްރިކް ކާރު އުފެއްދުމެއް ނޯންނާނެ، އަދި އަޅުގަނޑުމެންގެ ޤައުމަށް ބޮޑު އަދަދެއްގެ ފައިސާ ސަލާމަތްކުރެވޭނެ. ފަހަރެއްގައި އަޅުގަނޑުމެން ޑޯޖްއަށް މިކަން ރަނގަޅަށް ބަލަން ޖެހިދާނެ. ބޮޑު އަދަދެއްގެ ފައިސާ ސަލާމަތްކުރެވިދާނެ." އޭނާ އިތުރަށް ވިދާޅުވެފަވެއެވެ.
އެމެރިކާގެ ރައީސާއި ދުނިޔޭގެ އެންމެ މުއްސަނދި މީހާއާ ދެމެދު އޮތް ގުޅުން ވަނީ ފާއިތުވި މަހު ޓްރަމްޕްގެ ޚަރަދުކުރުމުގެ ބިލާ ގުޅިގެން ވަރަށް ބޮޑަށް ގޯސްވެފައެވެ.
ޓްރަމްޕްގެ އިސް ލަފާދޭ ފަރާތެއްގެ ގޮތުގައި އެމެރިކާ ސަރުކާރުގައި އަދާކުރި މަޤާމުން ވަކިވުމަށްފަހު ދުވަސްކޮޅެއް ފަހުން، އޯވަލް އޮފީހުގައި ބޭއްވި ރަސްމިއްޔާތަކަށްފަހު، މަސްކް ވަނީ ރައީސްގެ ބިލަކީ "ޕޯކް އެކުލެވޭ" އަދި "ނުބައި ގޮތަކަށް ހަޑިވެފައިވާ" އެއްޗެއް ކަމަށް ބުނެ ފާޑުކިޔާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!