ހދ. ނާވައިދޫ ބަނދަރު ތަރައްޤީކޮށް މަރާމާތުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެން ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެގޮތުން ނާވައިދޫ ބަނދަރު ތަރައްޤީކޮށް މަރާމާތުކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރު ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. އަދި މި މަޝްރޫޢު އާއި ގުޅޭ ގޮތުން އެ ކުންފުނިން ބުނެފައިވަނީ މިހާރު މި މަސައްކަތުު ދަށުން ކޭވޯލް އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ.

Ad
rt

މީގެ އިތުރުން މިވަގުތު މަސައްކަތުގެ ސައިޓުގައި ކުރިއަށް ދަނީ ކޭވޯލް ޝަޓަރިންގ، ރީއިންފޯސްމަންޓް އަދި ކޮންކްރީޓް ކެމްޕއިންގގެ މަސައްކަތް ކަމަށްވެސް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ނައިވާދޫ ބަނދަރު ތަރައްޤީކޮށް ނިމޭއިރު، 231 މީޓަރުގެ އެއްގަމު ތޮށިލައި، 73 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 290 މީޓަރުގެ ބޭރު ތޮށި ލުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މި މަޝްރޫޢު ނިމުމުން ނާވައިދޫ ރައްޔިތުންނަށް ފަސޭހަކަމާއެކު ބަނދަރަށް އަރާފައިބައި، ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ މަސްވެރިކަމަށާއި ވިޔަފާރިއަށް ފަހި އަސަރުތަކެއް ކުރާނެކަމަށް ފާހަގަކޮށްލެވެއެވެ.

އެމްޓީސީސީއާއި ހަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ 51.3 މިލިއަން ރުފިޔާއެވެ.