ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އިންޓަ މިލާން ބަލިކޮށް ބްރެޒިލްގެ ފުލުމިނެންސޭއިން، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ރޭ ޗާލޮޓްގެ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފުލުމިނެންސޭއިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
އިންޓަ މިލާނަ ޔޫރަޕްގެ ފުޓްބޯޅައިގެ ގަދަ ބާރެކެވެ. ނިމިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް އިންޓަ ކުޅުނެވެ. ވުމާއިއެކު މި މެޗު އިންޓައިން ކާމިޔާބު ކުރާނެ ކަމަށް ގިނަބަޔަކު ލަފާކުރި ނަމަވެސް ފުލުމިނެންސޭއިން މިވަނީ ހައިރާން ކުރުވަނިވި ނަތީޖާއެއް އިންޓަގެ މައްޗަށް ނެރެފައެވެ.
މި މުބާރާތުގައި ބްރެޒިލް ޓީމްތަކުން އަންނަނީ ރަނގަޅު ކާމިޔާބެއް ހޯދަމުންނެވެ. ތަޖުރިބާކާރުން ދެކޭގޮތުގައި މި މުބާރާތުގައި ބްރެޒިލް ޓީމުން ނަތީޖާ ރަނގަޅު އެންމެ ބޮޑު ސަބަބަކީ އެމެރިކާގެ ހޫނު މާހައުލަށް އެ ކުޅުންތެރިން ހޭނިފައިވުމެވެ. ގަދަ ހޫނުގައި ކުޅެން ޖެހުމުން ޔޫރަޕްގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިންނަށް އަންނަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވަމުންނެވެ.
މެޗުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ޖަމަން ކެނޯ ވަނި ލަނޑެއް ޖަހާ ފުލުމިނެންސޭއަށް ކުރި ހޯދަދީފައެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އަރިމަތިން ހުރަސް ކުރި ބޯޅައެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އިންޓަ މިލާނުގެ ކެޕްޓަން އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް އަށް މި މެޗުގައި ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ފުލުމިނެންސޭ އިން ވަނީ ގިނަ ހަމަލަތަކެއް ދިފާއުކޮށްފަ އެވެ. އޭގެ ތެރެއިންވެސް އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ އެޓީމުގެ ގޯލު ކީޕަރު 40 އަހަރުގެ ފަބިއޯއެވެ. އަދި ދުވަސްވީ ތަޖުރިބާކާރު ކެޕްޓަން ތިއާގޯ ސިލްވާވެސް އެ ޓީމުގެ ފަހަތް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ފުލުމިނެންސޭ އިން އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކުރި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.
ފުލުމިނެންސޭ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަރކިއުލެސް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!