ކަޒަކިސްތާނުގައި އާންމު ތަންތަނުގައި މޫނު ނިވާކުރާ ހެދުން އެޅުން މަނާކުރާ ޤާނޫނު އެ ޤައުމުގެ ރައީސް ކަސިމް-ޖޮމާޓް ޓޮކައެވް ތަސްދީދުކުރަށްވާފައިވާކަަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިއީ މެދު އޭޝިއާގެ ގިނަ ޤައުމުތަކުން އިސްލާމީ ހެދުމުގެ ބައެއް ބާވަތްތައް މަނާކުރުމުގެ ޓްރެންޑަކާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

Ad
rt

މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި "މޫނު ދެނެގަތުމަށް ހުރަސްއެޅޭ" ހެދުން އާންމު ތަންތަނުގައި އެޅުން މަނާކުރެވޭނެއެވެ. ނަމަވެސް ޞިއްޙީ ބޭނުންތަކަށާއި، މޫސުން ގޯސްވެފައިވާ ޙާލަތްތަކުގައި އަދި ކުޅިވަރާއި ޘަޤާފީ ހަރަކާތްތަކުގައި މިކަމުން އިސްތިސްނާ ދެވޭނެއެވެ.

މި ޤާނޫނުގައި ސީދާ ދީނާ ގުޅޭ ނުވަތަ ދީނީ ހެދުމުގެ ވަކި ބާވަތްތަކެއް ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް ރައީސް ޓޮކައެވް ވަނީ މި ޤާނޫނަކީ ކަޒަކިސްތާނުގެ މިލްކިއްޔާތު ފާހަގަކުރުމުގެ ފުރުޞަތެއް ކަމުގައި ކުރިން ވިދާޅުވެފައެވެ.

"މޫނު ނިވާކުރާ ކަޅު ހެދުމުގެ ބަދަލުގައި ޤައުމީ ފެންވަރުގެ ހެދުން އެޅުން މާ ރަނގަޅުވާނެ، އަޅުގަނޑުމެންގެ ޤައުމީ ހެދުމުން އަޅުގަނޑުމެންގެ މިލްކިއްޔާތު ވަރަށް ސާފުކޮށް ދައްކުވައިދޭ. އެހެންކަމުން އަޅުގަނޑުމެން ޖެހޭނީ އެ ހެދުންތައް މަޤްބޫލުކުރުވަން މަސައްކަތްކުރަން." ރައީސް ވިދާޅުވިކަމަށް ކަޒަކިސްތާނުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

2021 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކަޒަކިސްތާނުގެ އާބާދީގެ ގާތްގަނޑަކަށް %69.3 މީހުންނަކީ މުސްލިމުން ކަމަށް ފާހަގަކުރެވެއެވެ. ކަޒަކިސްތާނުގެ ގިނަ މުސްލިމުން ތަބާވަނީ އިސްލާމްދީނުގެ ސުންނީ ހަނަފީ މަޒްހަބުތަކަށެވެ. ނަސްލީ ކަޒަކިސްތާނުންނަކީ ގިނައިން މުސްލިމުންގެ ބައެކެވެ.

އިސްލާމްދީނުގައި މޫނު އެއްކޮށް ނިވާކުރުމުގައި ޢިލްމްވެރިން ތަފާތު ރަޢުޔުދެއްވާފަވެއެވެ.