ރާއްޖޭގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާދުންދިޔަ 8 މަހުގެ ތުއްތުކުއްޖެއްގެ ނިޔާވި މައްސަލާގައި މީސް މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅިގެން އެ ހޮސްޕިޓަލުން ބަޔާނެއް ނެރެފިއެވެ.

އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނުގައި ވަނީ އެ ކުއްޖާ ނިޔާވުމުން ހިތާމަކުރާކަމަށް ބުނެފައެވެ. އަދި ޢާއިލާއަށް ކެތްތެރިކަމަށް އެދިފައެވެ.

Ad
rt

މިކަމާއި ގުޅޭގޮތުން މީސް މީޑިއާގައި ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން އެ ހޮސްޕިޓަލުން ބުނީ، މިހާތަނަށް ބެލިބެލުމުން ނިޔާވި ކުއްޖާގެ ބަލީގެ ހާލަތު ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމުން އައީ ގާތުން ބަލައި، މޮނިޓަރކޮށް، އެވަގުތަކު އެދެވޭ ފަރުވާދީ، ލޭގެ ތަހުލީލުތަކާއި އެހެނިހެން ތަހުލީލުތައްކޮށް ގެންޖެހޭ ބަދަލުތައް ގެންނަމުންކަން އެނގިފައިވާކަމަށެވެ.

މީގެ އިތުރުން އެ ޑިޕާޓްމަންޓްގެ މެޑިކަލް އޮފިސަރުންގެ އިތުރުން ކުޑަކުދިންގެ ޚާއްޞަ ޑަކްޓަރުން ވޯޑުތަކަށް ޒިޔާރަތްކޮށް ހަމަޖެހިފައިވާ އުސޫލުން ކޮންމެ ދުވަހަކުވެސް ކުއްޖާ ބަލައިފައިވާކަން ރެކޯޑްތަކުން އެނގޭކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

ހޮސްޕިޓަލުން ފަރުވާދިނުމުގައި ޕޭޝަންޓެއް އައިސީޔޫއަށް ބަދަލުކޮށް ފަރުވާދިނުމަށް ޑަކްޓަރުން ލަފާދީފިނަމަ އެކަން ހަމަޖެއްސުމަށް ޑަކްޓަރުންގެ ޓީމުން މަސައްކަތްކުރާނެކަމަށާއި، ހޮސްޕިޓަލްގެ އައިސީޔޫ ފުރިއްޖެ ހާލަތެއްގައި މާލޭގެ އެހެން ހޮސްޕިޓަލެއްގެ އައިސީޔޫއަށް ޕޭޝަންޓް ބަދަލުކުރުމުގެކަންކަން ހޮސްޕިޓަލުން ހަމަޖައްސާނެކަމަށް އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފަވެއެވެ.

އައިޖީއެމްއެޗުން ބުނެފައިވާ ގޮތުގައި ކުޑަކުއްޖަކަށް ނުވަތަ ބޮޑުމީހަކަށް ވެސް ޖެހޭ ހުމަކުން ނުވަތަ އިންފެކްޝަނަކާއި ގުޅިގެން ދިމާވާ ބައެއް ނުރައްކާތެރި ކަންކަމަކީ ފުރާނައަށް ވެސް ގެއްލުންވެދާފަދަ، އަދި ސިއްހީ ފަރުވާގައި ދުރާލާ ދެނެގަންނަން އުނދަގޫ ކަންކަމެވެ. އަދި މިފަދަ ބަލިތަކުގައި ކުއްލިއަކަށް ވެސް ހާލަތު ނުރައްކާވާ ހާލަތު އަންނަކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފަވެއެވެ.

''މިފަދަ ކޮންމެ ހާދިސާއެއް ދިމާވުމާއެކު ހޮސްޕިޓަލްގެ އެތެރޭގެ ތަހްގީގެއްކުރެވި ޚިދުމަތާއި ފަރުވާ އިތުރަށް ރަނގަޅުކުރެވިދާނެގޮތް ދެނެގަނެވެއެވެ. މި މައްސަލަވެސް މި ހޮސްޕިޓަލުން މިގެންދަނީ އިތުރަށް ބަލަމުންނެވެ. އަދި މައްސަލަ ބަލާބެލުމުގައި ހޮސްޕިޓަލްގައި ބަލިމީހުންނާއި ޢާއިލާކުރާ ތަޖުރިބާ ރަނގަޅުކުރުމަށް ކުރެވިދާނެކަންކަން ދެނެގަނެވި އެކަންކަން އިސްލާހްކުރާނެކަމުގެ ޔަގީންކަން އަރުވަމެވެ.'' އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފަވެއެވެ.