އުތުރަށް 4.5 ގެ ބިންހެލުމެއް، ދިއްދޫއާ 47.2 މޭލު ބޭރުން 10 ކިލޯމީޓަރު ފުނަށް

ބިންހެލުމާ ބެހޭ މައުލޫމާތު ގެނެސްދޭ އިތުބާރުހުރި ބައެއް ވެބްސައިޓްތަކުގައި ބުނެފައިވާ ގޮތުގައި ރޭ ރާއްޖޭގެ އުތުރުގެ ރަށްރަށަށް ބިންހެލުމެއްގެ އަސަރުކޮށް ފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

Ad
rt

އެގޮތުން އޫއެސްޖީއެސް ސައިޓުގައި ބުނެފައިވާ ގޮތުން ބިންހެލުން އައީ ހއ. ދިއްދޫއާ 47.2 މޭލު ބޭރުން ކަނޑުގެ 10 ކިލޯމީޓަރު ފުނުންނެވެ. ބިންހެލުމުގެ ބާރުމިނަކީ 4.5 އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން ބުނީ އުތުރުގެ ބައެއް ރަށްރަށުގެ ބިންގަނޑަށް ލޮޅުމެއް އެރިކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށާއި ރާއްޖޭ ގަޑިން ރޭ ދަންވަރު 1:47 ހާއިރު ލޮޅުމެއް އެރިކަން، ހދ. ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑްކުރާ މީޓަރަށް ފާހަގަވެފައިވާ ކަމަށެވެ.

މި ލޮޅުމުގެ ސަބަބުން ރާއްޖެ އަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުންޏެވެ.

މިބިން ހެލުމާއި ގުޅިގެން އުތުރު އަތޮޅު ތަކުގެ ގިނަ ރައްޔިތުން ރޭގަ ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.