އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގަވައިދުން ބޭނުންކުރާ މީހުންގެ ސިކުނޑީގެ ޤާބިލްކަން، އެ ޓެކްނޮލޮޖީއަށް ބަރޯސާ ނުވާ މީހުންނާ އަޅާބަލާއިރު ވަރަށް ބޮޑުތަން ދަށްވެ ގަމާރުވާކަމަށް ދެ ދިރާސާއަކުން ހާމަވެއްޖެއެވެ.
ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިއާގެ ވޯޓަން ސްކޫލުން ކުރި އެންމެ ފަހުގެ ދިރާސާގައި 4،500 އަށްވުރެ ގިނަ ބައިވެރިން ހިމެނެއެވެ. މި ދިރާސާގައި ބެލީ ޗެޓްޖީޕީޓީ ފަދަ ލާރޖް ލެންގުއޭޖް މޮޑެލް (އެލްއެލްއެމް) ތައް ބޭނުންކޮށްގެން ދިރާސާކުރާ މީހުންނާއި ގޫގުލް ސާރޗް ބޭނުންކުރާ މީހުންގެ މެދުގައި ހުރި ތަފާތުތަކެވެ. ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި އެލްއެލްއެމް ޗެޓްބޮޓް ބޭނުންކުރި ފަރާތްތަކުގެ މައުލޫމާތު ހޯދުމުގެ ފެންވަރު ދަށްކަން ފާހަގަކުރެވުނެވެ.
އެ ދިރާސާގައި ބައިވެރިންނަށް ތަރުކާރީ ދަނޑެއް ފަށައިގަތުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެންގުނެވެ. އޭގެ ތެރެއިން ބައެއް މީހުން އޭއައި ބޭނުންކުރިއިރު އަނެއްބައި މީހުން ސާރޗް އިންޖިން ބޭނުންކުރިއެވެ. ނަތީޖާއިން ދެއްކިގޮތުގައި ޗެޓްޖީޕީޓީ ބޭނުންކުރި ފަރާތްތަކުން ދިން ލަފާ، ސާރޗް އިންޖިން ބޭނުންކުރި ފަރާތްތަކާ އަޅާބަލާއިރު ދެރަކަން ފާހަގަކުރެވުނެވެ.
"އެލްއެލްއެމްތަކުގެ އަސްލު ސިފައަކީ މައުލޫމާތު އެއްކޮށްލައިގެން ދިނުން، ސާރޗް އިންޖިންތަކާ ޚިލާފަށް މައުލޫމާތު ދަސްކުރުމުގައި އަމިއްލައަށް ބައިވެރިވުން ކުޑަވެގެންދޭ. އަދި އެ ދަސްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ލަފާދޭއިރު، އެލްއެލްއެމް މެދުވެރިކޮށް ދަސްކުރި މީހުންނަށް އެކަމަށް ދަސްވާ މިންވަރު ކުޑަވެ، އަދި އެމީހުން ދޭ ލަފާ އަސްލާއި އެއްގޮތް ނޫންކަން ފާހަގަވޭ" ދިރާސާގައި ބަޔާންކޮށްފައިވެއެވެ.
މީގެ ދެ ހަފްތާ ކުރިން އެމްއައިޓީން ޝާއިޢުކުރި ދިރާސާއިންވެސް ހާމަވެފައިވަނީ އޭއައި ބޭނުންކުރުމުން ސިކުނޑީގެ މަސައްކަތަށް ނޭދެވޭ އަސަރުކުރާކަމެވެ. އީއީޖީ މެޝިނެއް ބޭނުންކޮށްގެން ކުރި މި ދިރާސާއިން ދައްކާގޮތުގައި ޗެޓްޖީޕީޓީ ބޭނުންކުރާ ކިޔަވާކުދިންގެ ސިކުނޑީގެ ހަރަކާތްތެރިކަން، ގޫގުލް ސާރޗް ބޭނުންކުރާ ކުދިންނާ އަޅާބަލާއިރުވެސް ވަރަށް ބޮޑުތަން ދަށްވެއެވެ.
އޭއައި ބޭނުންކުރުމުން ކިޔެވުމުގެ ފެންވަރު ދަށްވާކަމަށް ފާހަގަކުރެވޭއިރު، ގޭގައި ހަދަންޖެހޭ މަސައްކަތްތައް އެޕްލިކޭޝަނެއް ބޭނުންކޮށްގެން ކުރުމުން އަމިއްލައަށް ވިސްނައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ދަށްވެގެންދާކަމީ، ވަރަށް ސާފުކޮށް މި ދިރާސާއިން ފެންނަން އޮތް ޙަޤީޤަތެކެވެ. ސިކުނޑީގެ މަސައްކަތްތައް ސޮފްޓްވެއަރ ޕްރޮގްރާމަކާ ހަވާލުކުރުމުން، އެ މަސައްކަތް އަމިއްލައަށް ނުކުރެވޭކަން ވަރަށް ސާފެވެ.
އިންޓަނެޓް ތައާރަފުވީއްސުރެ އިންސާނުންގެ ސިކުނޑީގެ ހަރަކާތްތެރިކަން ދަށްވަމުން އައިސްފައިވާކަން މީގެކުރިން ކުރި ދިރާސާތަކުންވެސް ވަނީ ހާމަވެފަ އެވެ. މިސާލަކަށް، ގޫގުލް މެޕްސް ބޭނުންކުރަން ފެށުމަށްފަހު، މަގުތައް ހަނދާން ބެހެއްޓުމުގެ ޤާބިލްކަން ގިނަ ބަޔަކަށް ގެއްލިފައިވާކަން ފާހަގަކޮށްފައިވެއެވެ.
އޭއައިގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ކުރަމުންދާ ނޭދެވޭ އަސަރު އިތުރަށް ހާމަވަނީ އެމެރިކާގެ ތަޢުލީމީ ނިޒާމުގައި ފެތުރެމުންދާ ކޮޕީކުރުމުގެ ވަބާގެ ސަބަބުންކަމާއި ދަރިވަރުން ހައިސްކޫލާއި ކޮލެޖު ފުރިހަމަކުރަމުންދަނީ އެސޭއެއް ލިޔަން ނުވަތަ ފޮތެއް މާނަކުރަން ދަސްނުކޮށްކަން އެ ދިރާސާ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
"ޗެޓްބޮޓެއްގެ އެހީތެރިކަމެއް ނެތި އެސޭއެއް ލިޔަން ނޭނގޭ ދަރިވަރަކަށް، ތަޢުލީމީ ގޮތުން އުޖާލާ މުސްތަޤުބަލެއް އޮތްކަމަކަށް ނުބެލެވޭ،" މި ދާއިރާގެ މާހިރުން ފާހަގަކުރެއެވެ.
އޭއައިގެ ސަބަބުން އިންސާނުންނަށް ކުރާ އަސަރުތަކާ ބެހޭގޮތުން އަދިވެސް ގިނަ ކަންތައްތަކެއް ދެނެގަންނަން ޖެހުނު ނަމަވެސް، އޭގެ ބައެއް ނޭދެވޭ އަސަރުތައް މިހާރުވެސް ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ. މިކަމުގެ ސަބަބުން ކުރިމަގުގައި ތަޢުލީމީ ދާއިރާއަށް ކުރާނެ އަސަރުތަކާމެދު ކަންބޮޑުވުން ފާޅުކުރެވެމުންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!