މައިކްރޯސޮފްޓްގެ ވިންޑޯސް އޮޕަރޭޓިންގ ސިސްޓަމްގައި 1985 އިން ފެށިގެން ބޭނުންކުރަމުން އައި މަޝްހޫރު "ބްލޫ ސްކްރީން އޮފް ޑެތް" މި އަހަރުގެ ފަހުކޮޅު އުވާލުމަށް މައިކްރޯސޮފްޓުން ނިންމައިފިއެވެ.
ވިންޑޯސް އޮޕަރޭޓިން ސިސްޓަމް ތަކުގައި މައްސަލަ ޖެހުމުން، ބުލޫ ސްކްރީންގެ ބަދަލުގައި ދެން ފެންނާނީ ކަޅު ކުލައިގެ ސްކްރީނެކެވެ. އަދި ހިތާމައިގެ ސިފަ ރަމްޒުކޮށްދޭ އިމޯޖީ ): ނުހިމެނުމަށްވެސް ވަނީ ނިންމާފައެވެ.
މައިކްރޯސޮފްޓުން މިކަން އިއުލާންކޮށްފައިވަނީ މި އަހަރުގެ ފަހުކޮޅު ވިންޑޯސް 11 ގެ ވާރޝަން 24H2 އަށް ގެންނަ އަޕްޑޭޓާ އެކުގައެވެ. އައު "ބްލެކް ސްކްރީން އޮފް ޑެތް" ގައި ސިސްޓަމް ކްރޭޝްވާން ދިމާވި މައްސަލައިގެ ކޯޑާއި، މައްސަލަ ޖެހުނު ސިސްޓަމް ޑްރައިވަރ ދައްކުވައިދޭނެއެވެ. މިއީ އައިޓީ މަސައްކަތް ކުރާ މީހުންނަށް މައްސަލަ ދެނެގަތުމަށް ފަސޭހަވާނެ ބަދަލެއް ކަމުގައި މައިކްރޯސޮފްޓުން ބުނެއެވެ.

މި ބަދަލަކީ މައިކްރޯސޮފްޓްގެ "ވިންޑޯސް ރެސިލިއެންސީ އިނީޝިއޭޓިވް" ގެ ބައެކެވެ. މި އިނީޝިއޭޓިވްގެ މަޤްޞަދަކީ ވިންޑޯސް ސިސްޓަމްތަކުގެ ސަލާމަތްތެރިކަމާއި ދެމެހެއްޓެނިވިކަން އިތުރުކުރުމެވެ. އަދި ސިސްޓަމް ހުއްޓުމަކަށް އައުމަށްފަހު އަލުން ރަނގަޅު ހާލަތަށް އައުމަށް ހޭދަވާ ވަގުތު 2 ސިކުންތަށް ކުޑަކުރުމަށް މަސައްކަތްކުރެވެއެވެ.
މި ބަދަލު ގެނައުމަށް ނިންމާފައިވަނީ 2024 ވަނަ އަހަރު ކްރައުޑްސްޓްރައިކް އައުޓޭޖްގެ ސަބަބުން 8 މިލިއަނަށްވުރެ ގިނަ ޑިވައިސްތަކަށް ކުރިމަތިވި މައްސަލަތަކަށް ފަހުގައެވެ. އެ މައްސަލައިގެ ސަބަބުން ވިޔަފާރިތަކާއި، ވައިގެ ބަނދަރުތަކާއި، ސަރުކާރުގެ ޚިދުމަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
40 އަހަރުގެ ތެރޭގައި "ބްލޫ ސްކްރީން އޮފް ޑެތް" ވަނީ މަޝްހޫރު ޕޮޕް ކަލްޗަރގެ ބައެއްގެ ގޮތުގައި ހިމެނިފައެވެ. މިގޮތުން ރެޑިޓްގައި މިކަމަށް ޚާއްޞަ ސަބްރެޑިޓެއް އުފެދި، ޓީޝާޓާއި އެހެނިހެން ތަކެތީގައިވެސް މި ސްކްރީންގެ ސިފަ ބޭނުންކުރެވިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!