ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ކޮންމެ ފަރާތަކަށް 5000 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހައިފިއެވެ.
މުދަލު ޒަކާތް ބަހާފައިވަނީ ފަގީރުންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓްރީވެފައިވާ 2852 ފަގީރުންނަށެވެ. މިއީ މިދިޔަ އަހަރަށްވުރެ 1000 ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހިފައިވަނީ 4000 ރުފިޔާފައެވެ.
ފާއިތުވެދިޔަ އަހަރަކީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރަށް ވަނީ ވެފައެވެ. އެގޮތުން ފާއިތުވެދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވުމާއެކު ޒަކާތަށް އާއްމުން ހޭލުންތެރިކުރުމަށް ޒަކާތު ހައުސްއިން ކުރަމުން އަންނަ މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނަމުންދާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!