ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ބަންގި އާއި ގަމަތާއި ދެމެދު ހޭދަކުރާ ވަގުތަށް ބަދަލުގެނެސްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މިސްކިތްތަކާއި ބެހޭ ގައުމީ މަޖިލީހުގެ ލަފާގެ މަތީން ބަންގި އާއި ގަމަތާއި ދެމެދު ހޭދަކުރާ ވަގުތުތައް ހުރިހާ މިސްކިތެއްގައި އެއް މިނެއްގައި ހިފެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
ގެނެސްފައިވާ ބަދަލުގައިވާ ގޮތުން ފަތިސް ނަމާދުގައި ބަންގިއާއި ގަމަތާއި ދެމެދު 15 މިނެޓު، މެންދުރު ނަމާދާއި އަސުރު ނަމާދުގައި 12 މިނެޓު، މަޣްރިބް ނަމާދުގައި 8 މިނެޓު އަދި ޢިޝާ ނަމާދުގައި 10 މިނެޓު ދިނުމަށް ވަނީ ނިންމާފައެވެ.
ރާއްޖޭގެ އެކި މިސްކިތްތަކުގައި މިހާރު ބަންގި އާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތުތައް ތަފާތެވެ. އެކި ރަށްރަށުގައި ވެސް އަމަލު ކުރަމުންދަނީ އެކި ވަގުތަށެވެ.
މި ނިންމުމަކީ ބަންގިއާއި ގަމަތާއި ދެމެދު މިހާރު ސުންނަތް ނަމާދު ކުރުމަށް ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން އާއްމުންގެ ޝަކުވާ ވުޒާރާއަށް ލިބުމާއި ގުޅިގެން އެކަމާއި ރިއާޔަތްކޮށްގެން ގެނެސްފައިވާ ނިންމުމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!