ށ. އަތޮޅުގައި މިހާރު ކުރިއަށް ގެންދާ ރައްކާ ރޯޑް ޝޯވގެ ތެރެއިން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ގޮތުން ށ. މިލަންދޫގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ މި ހަރަކާތްތަކުގެ ތެރެއިން މި ހަފްތާ މިލަންދޫގެ ސަރުކާރު އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ވަކި ވަކިން ކުރިއަށް ގެންދިޔަ ސެޝަންތަކުގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށް، އުޅަނދު ދުއްވާއިރު ސަމާލުކަންދޭން ޖެހޭކަންކަން ކިޔައިދީފައިވާކަމަށެވެ.

Ad
rt

މީގެ އިތުރުން، މިލަންދޫ ސްކޫލްގެ ދަރިވަރުންނަށާއި ބެލެނިވެރިން ގެ އިތުރުން މުދައްރިއްސުންވެސް ހޭލުންތެރިކުރުމުގެ ގޮތުން މަގުމަތީގައި އުޅޭއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރާނެ ގޮތާއި އުޅަނދު ދުއްވާއިރު ސަމާލުކަނދޭންޖެހޭ ކަންތައްތަކަށް ފުލުހުން ވަނީ އަލި އަޅުވާލާފައެވެ. އެގޮތުން ކާމިޔާބުކަމާއެކު ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ހިންގާނެ ގޮތާއި ދަރިވަރުންގެ ދައުރާއި ޕްރޮގްރާމުގެ ސަބަބުން ދަރިވަރުންނަށް ލިބޭނެ ފައިދާތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މި ހަރަކާތްތަކުގެ ތެރޭގައި ފުލުހުންވަނީ ރަށުގެ އެކި ސަރަހައްދުތަކުން ރައްޔިތުންނާއި ބައްދަލުކޮށް "ފަހިރިސްތާ ޕްރޮގްރާމް" ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގަރާމުގެ ތެރޭގައި ފުލުހުން ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ބެހޭގޮތުން މައުލޫމާތުދީ، ރަށުގައި ދުއްްވާ އެއްގަމު އުޅަނދުތައް ބަލައިފާސްކޮށް، ޤަވާއިދާ ހިލާފަށް ހުރިކަމަށް ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް އިލްތިމާސްކޮށްފައެވެ.

މިލަންދޫގައި ގިނަ އަދަދެއްގެ ބަގީ ދުއްވާ ފަރާތްތައް ދިރިއުޅޭތީ، އެ ފަރާތްތައްކަށް ހާއްސަކޮށްގެން މި ހަފްތާގެ ހޯމަ ދުވަހުވަނީ މައުލޫމާތުގެ ސެޝަންއެއް ކުރިއަށް ގެންގޮސް، ލައިސަންސް ނަގައިގެން ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ބަގީ ދުއްވުމަށާއި، އިތުރަށް ސަމާލުކަންދޭންވީ ކަންކަން ކިޔައިދީ، އަމަލީ ގޮތުން ބަގީ ދުއްވާއިރު ސަމާލުކަންދޭންވީ ކަންކަމަށް އަލިއަޅުވާލާފައެވެ.

ށ. އަތޮޅުގައި ކުރިއަށް ގެންދާ ރައްކާ ރޯޑް ޝޯވް ގެ ތެރެއިން މިލަންދޫގައި ކުރިއަށް ގެންދާ ހަރަކާތްތަކަކީ މިލަންދޫ ކައުންސިލާއި، މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި ވިޔަފާރިވެރިންނާއި ޖަމިއްޔާތަކުން ގުޅިގެންކަން ފާހަގަކޮށްލެވެއެވެ.