ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން އެތުލެޓިކޯ މެޑްރިޑް ކެޓިއިރު، ފްރާންސްގެ ޕީއެސްޖީ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
ރޭ ގްރޫޕް ބީގައި ޕީއެސްޖީން ވަނީ އެމެރިކާގެ ސައުންޑާސް 2-0 ގެ ނަތީޖާއިން ބަލިކޮށްފައެވެ.
މި މެޗުން ޕީއެސްޖީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ޖުމްލަ ހަ ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފަ އެވެ. މި މެޗުން ބަލިވި ސައުންޑާސް އަށް ތިން މެޗުން ޕޮއިންޓެއް ލިބިފައިނުވާއިރު އެ ޓީމު އޮތީ ގްރޫޕުގެ ފުލުގައެވެ. އެ ޓީމް ވަނީ މުބާރާތުން ކަޓާފައެވެ.
މެޗުގައި ޕީއެސްޖީގެ ފުރަތަމަ ލަނޑު 35 ވަނަ މިނެޓުގައި ޖަހައިދިނީ ކްވަރަސްޚޭލިއާއެވެ. މި ލަނޑަކީ އޭރިޔާ ބޭރުން ޕީއެސްޖީގެ ވިޓީނިއާ ފޮނުވާލި ބޯޅައެއް ކްވަރަސްޚޭލިއާގެ ގައިގައި ޖެހިފައިގޮސް ގޯލުގެ ތެރެއަށް ވަދެފައިވާ ބޯޅައެކެވެ. ޕީއެސްޖީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 66 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އަޝްރަފް ހަކީމީއެވެ.
ގްރޫޕް ބީގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ބޮޓަފޮގޯ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އެތުލެޓިކޯއިންނެވެ. ނަމަވެސް އެ ޓީމް މުބާރާތުން ކެޓީ ފައިދާ ގޯލުގެ ތަފާތުންނެވެ
މި މެޗަށް ނިކުތްއިރުވެސް ދެވަނަ ބުރުގެ ޖާގައެއް ހޯދަން ބޭނުންނަމަ 3 ލަނޑުގެ ތަފާތަކުން މޮޅުވާން ޖެހޭނެކަން އެތްލެޓިކޯ އަށް އެނގޭތީ މެޗު ފެށުނީއްސުރެ އެ ޓީމުން މަސައްކަތް ކޮށްފައިވަނީ ޓީމް ކުރިއަށް ޖެހި ގިނަ ލަނޑުތަކެއް ޖެހުމަށެވެ. ނަމަވެސް އެ ޓީމަށް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. މެޗުގައި އެތުލެޓިކޯއިން ޖެހި ހަމައެކަނި ލަނޑު 87 ވަނަ މިނެޓްގައި ޖަހައިދިނީ ގްރިޒްމަންއެވެ.
މި ގްރޫޕް އެއްވަނާގައި އޮތް ޕީއެސްޖީއާއި ދެވަނާގައި އޮތް ބޮޓަފޮގޯއަށް ވެސް ލިބިފައި ވަނީ ހަ ޕޮއިންޓްވެ. އެތުލެޓިކޯއަށް ވެސް ހަ ޕޮއިންޓް ލިބުނުއިރު އެ ޓީމަށް މަދުވީ އެންމެ ގޯލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!