ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި ރޭ ރެއާލް މެޑްރިޑާއި މެކްސިކޯގެ ޕަޗޫކާ ބައްދަލުކުރި މެޗު، 3-1 ގެ ނަތީޖާއިން ރެއާލުން ކާމިޔާބު ކޮށްފިއެވެ.

މިއީ މި މުބާރާތުގައި ރެއާލުން ކުޅުނު ދެވަނަ މެޗެވެ. މިއީ އެ ޓީމަށް މުބާރާތުގައި ހޯދުނު ފުރަތަމަ މޮޅެވެ. އެ ޓީމުން މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އެފްރިކާގެ ޗެމްޕިއަން އަލް ހިލާލް އާއެވެ. އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

Ad
rt

ރޭ މެޗު އެއްކޮށްހެން ރެއާލުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ޕަޗޫކާގެ ފޯވާޑް ވެނެޒުއާލާ ފޯވާޑް، ރޮންޑޮންއަށް، ރެއާލުގެ ޑިފެންޑަރ އެސެންސިއޯ ކުރި ފައުލަކަށް ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކާފައެވެ. މިއީ އެސެންސިއޯގެ ސީނިއާ ކެރިއާގައި އޭނާއަށް ދެއްކި ފުރަތަމަ ރަތްކާޑެވެ.

މެޗުގެ ބޮޑުބައި ދިހަ ކުޅުންތެރިންނާއި އެކު ކުޅުނު ނަމަވެސް ރެއާލުން ވަނީ މެޗު ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއިއެކުއެވެ. ފުރަތަމަ ލަނޑު 35 ވަނަ މިނެޓުގައި ބެލިންހަމް ޖަހައިދިންއިރު ދެވަނަ ލަނޑު 43 ވަނަ މިނެޓުގައި ޖަހައިދިނީ ގުލާއެވެ. ރެއާލުގެ ތިންވަނަ ލަނޑު 70 ވަނަ މިނެޓުގައި ޖަހައިދިނީ ވަލްވަޑޭއެވެ.

މެޗުގައި ޕަޗޫކާއިން ވެސް ވަނީ ގިނަ ހަމަލާތަކެއް ރެއާލުގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް ރޭ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރެއާލުގެ ކީޕަރ ކޯޓުއާ ވަނީ އެ ހަމަލާތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ޕަޗޫކާގެ ހަމައެކަނި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ޖަހައިދިނީ މޮންޓިއެލްއެވެ.

މި ގްރޫޕްގައި ރޭ އަލް ހިލާލްއާއި ސަލްޒްބާގް ބައްދަލުކުރި މެޗު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ.

މި ގްރޫޕްގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން އޮތީ ރެއާލް މެޑްރިޑެވެ. ދެވަނާގައި ހަތަރު ޕޮއިންޓާއިއެކު ސަލްޒްބާގް އޮތްއިރު ކުޅުނު ދެ މެޗުން ވެސް އެއްވަރުވެ ލިބުނު ދެ ޕޮއިންޓާއިއެކު އަލް ހިލާލް އޮތީ ތިންވަނާގައެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ޕަޗޫކާއެވެ.