ބިރުދެއްކުމަށާއި އަނިޔާވެރިކަމަށް ދުވަހަކުވެސް ބޯނުލަނބާނެކަމަށާއި، އަނިޔާވެރިކަމަށް ފުރިހަމައަށް ޖަވާބުދޭނެކަމަށް އީރާނުން ބުނެފިއެވެ.

ފަރަންސޭސި ރައީސް އެމެނުއެލް މެކްރޯނާއެކު ފޯނުން ކުރެއްވި މަޝްވަރާއަކަށްފަހު، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެފައިވަނީ އެމެރިކާގެ އަނިޔާވެރިކަމަށް ޖަވާބުދޭންޖެހޭނެ ކަމަށެވެ.

Ad
rt

އީރާނުގެ ރިޔާސީ އޮފީހުގެ ވެބްސައިޓުގައި ޝާއިރުކޮށްފައިވާ ބަޔާނެއްގައި، ޕެޒެޝްކިއަން ވިދާޅުވެފައިވަނީ އީރާނަށް އަނިޔާވެރިކަން ކުރިމަތިވެފައިވާ ކަމަށާއި، އެކަމާ ދެކޮޅަށް ހަރުދަނާކަމާއެކު ދިފާޢުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ބުނެފައިވާނީ ބައިނަލްއަޤްވާމީ ޤާނޫނުގެ އިމުގެ ތެރެއިން މަޝްވަރާކުރަން ތައްޔާރަށް ތިބިކަމަށް، ނަމަވެސް އަނެއް ފަރާތުން މަންޠިޤު ޤަބޫލުކުރުމުގެ ބަދަލުގައި އީރާނުން ޤައުމުން އަތްދޫކޮށްލުމަށް ވަނީ އެދިފައި،" އެެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޤައުމު ބިރުދެއްކުމަށާއި އަނިޔާވެރިކަމަށް ދުވަހަކުވެސް ބޯނުލަނބާނަން، އަދި އަނިޔާވެރިކަމަށް އެކަށީގެންވާ ގޮތެއްގައި ޖަވާބުދިނުމަކީ ޠަބީޢީ ކަމެއް" ޕެޒެޝްކިއަން ވިދާޅުވެފަވެއެވެ.

އީރާނުން އަންނަނީ ގިނަ ކަންޏާ ދުނިޔޭގެ ބޮޑެތި ބާރުތަކާއި ދެކޮޅަށް ޤައުމުގެ ޙައްޤުގައި ވަކާލާތުކޮށް، ދިފާޢުވުމަށް މަސައްކަތް ކުރަމުންނެވެ.