އިސްރާއީލުގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒުކޮށްދިމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިގޮތަށް ގޮވައިލީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ބޭއްވި ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 51 ވަނަ ބަައްދަލުވުމުގައި، ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބުދުﷲ ޚަލީލް ދެއްވި ތަގްރީރުގައެވެ.
އޯ.އައި.ސީ.ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ދެއްވި ތަޤްރީރުގައި، އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އަދި ސުލްހައާއި އިންސާފް ގާއިމްކުރުމަށް އޯ.އައި.ސީ. ހަރުދަނާކޮށް އަދި މެމްބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވިއެވެ.
ފަލަސްތީނަށް ކުރިމަތިވެފައިވާ ހާލަތަށް ރިޢާޔަތްކޮށް، އިސްރާއީލުން މެދުކެނޑުމެއްނެތި ޢައްޒާ އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ވަޒީރު ވަނީ ކުށްވެރިކުރައްވާފައެވެ. އަދި އެކަމާ ގުޅިގެން ރާއްޖެއިން ބޮޑު ކަންބޮޑުވުމެއް ފާޅުކުރައްވާފައިވެއެވެ. ރާއްޖެއިން ފަލަސްތީނުގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތުކަމުގައިވާ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ޑރ. ޚަލީލް އެރުވިއެވެ.
މެދުއިރުމަތީގައި ސުލްހައާއި އިންސާފު ގާއިމްކުރުމަށް ފަލަސްތީނު މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުން ޒަރޫރީ ކަމަށާއި، މި މަޤްސަދު ހާސިލްކުރުމަށް އޯ.އައި.ސީ.ގެ ހުރިހާ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށްވެސް ވަޒީރު ވަނީ ގޮވާލައްވާފައެވެ.
ޚާރިޖީ ވަޒީރު ޚަލީލްގެ ތަޤްރީރުގައި، އިސްރާއީލުން އިރާނަށް ދެމުންގެންދާ ހަމަލާތައް ކުއްވެރިކުރައްވައި، އިސްރާއީލުގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒުކުރުމަށްވެސް ގޮވާލެއްވިއެވެ.
މި ބައްދަލުވުމުގެ ހަވާސާގައި، އިސްރާއީލުން އިރާނަށް ދެމުންގެންދާ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ޚާއްސަ ބައްދަލުވުމުގައިވެސް ދިވެހި ވަފްދުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން، އޯ.އައި.ސީ.ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ބައްދަލުވުމުގެ ހަވާސާގައި، ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ ޓަޖިކިސްތާންގެ ޚާރިޖީ ވަޒީރާވެސް ބައްދަލުކުރައްވާފައެވެ.
ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް އޯ.އައި.ސީ.ގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން އެއްތަނަކަށް އެއްވެ އިސްލާމީ އުއްމަތަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!