އިސްރާއީލުން އީރާނާއި ދެކޮޅަށް ހަނގުރާމަ ކުރާތާ ހަފުތާއެއް ވޭތުވިއިރު، މި ހަނގުރާމަ ކުރިއަށް ގެންދަމުން އިސްރާއީލުން ދަނީ ހުއްޓާނުލައި ފަލަސްތީނުގައި ވެސް އަނިޔާވެރިކަން ހިންގަމުންނެވެ.

ޣައްޒާގެ އިތުރުން ޚާން ޔޫނުސް އާއި ރާމަالله އަދި ހުޅަނގު އައްސޭރި ފަދަ ފަލަސްތީނުގެ ބައެއް ސިޓީތަކުގައި ވެސް މި އަނިޔާވެރިކަން ހިންގަމުން އަންނައިރު، މީހުން ޝަހީދުކުރުން ވެސް ވަނީ އިތުރުކޮށްފައެވެ.

Ad
rt

އީރާނާއި ދެކޮޅަށް އިސްރާއީލުން 13 ޖޫން 2025 އިން ފެށިގެން ފަށާފައިވާ ވަރުގަދަ ހަނގުރާމައާއި ގުޅިގެން ފަލަސްތީނުގެ މި އަނިޔާވެރިކަމަށް މީޑިއާގެ ސަމާލުކަން ވަނީ ފަނޑުވެފައެވެ. އެކަން ހުޅަނގުގެ ކޮންޓްރޯލް ނެތް ބައެއް ބައިނަލްއަގްވާމީ މީޑިއާތަކުން ފާހަގަކުރަމުން އަންނައިރު، އެ މީޑިއާތަކުން ފާހަގަކުރާ ގޮތުގައި ހާލަތުގެ ނާޖާއިޒު ފައިދާ ނަގައި އިސްރާއީލުން ޣައްްޒާގައި ހިންގާ އަނިޔާވެރިކަން މިހާރު ހުރީ އިންތިހާގައެވެ.

ފާއިތުވި 3 ގަޑިއިރުގެ ތެރޭގައި، މުޅި ޣައްޒާ ސަރަޙައްދު ވަނީ މުވާސަލާތީ ޚިދުމަތް މެދުކަނޑާލައި މުވާސަލާތީ ބްލެކްއައުޓެއްގެ ތެރެއަށް ވައްޓާލާފައެވެ. މިއީ އިސްރާއީލުން ޣައްޒާގެ މުވާސަލާތީ ވިއުގަތަކަށް ގަސްދުގައި ދެމުންގެންދާ ހަމަލާތަކުގެ ނަތީޖާއެކެވެ.

މީގެ އިތުރުން، މީޑިއާގެ ފަނޑުވެފައިވާ ސަމާލުކަމުގެ ބޭނުން ހިފައިގެން، އިސްރާއީލުގެ ސިފައިން ފަލަސްޠީނުގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދީ މީހުން ޝަހީދު ކުރުން ވަނީ އިތުރުކޮށްފައެވެ.

ކާބޯތަކެތި ބަހާ އެހީގެ މަރުކަޒުތަކުގައި، އެހީ ހޯދުމަށް އަންނަ މީހުންނަށް ގަސްދުގައި ބަޑީގެ ވަޒަން އަމާޒުކޮށް ޝަހީދުކޮށްލުމަކީ މިހާރު ދުވަހުން ދުވަހަށް ކުރަމުންދާ އިސްރާއީލްގެ ޖައްބާރު ސިފައިންގެ އާދައަކަށް ހަދާފައިވާ ކަމެކެވެ.

މީގެ އިތުރުން، ޑްރޯން މެދުވެރިކޮށް ދޭ ހަމަލާތައްވެސް ވަނީ އިތުރުކޮށްފައެވެ. ޚާން ޔޫނުސް ސިޓީގައި އެންމެ ފަހުން ދެވުނު ހަމަލާއެއްގައި އެއް ޢާއިލާއަކަށް ނިސްބަތްވާ 3 މީހުން ވަނީ ޝަހީދުވެފައެވެ.

އަލް-ޝިފާ ހޮސްޕިޓަލް ޒަޚަމްވި ވެފައިވާ މީހުންގެ ސަބަބުން ފުރިފައިވާއިރު، ހޮސްޕިޓަލުގެ ޙާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ޞިއްޙީ ތަކެތީގެ ބޮޑު ދަތިކަމެއް ހުރުމާއެކު، ވަރަށް މަދު މިންވަރެއްގެ ޞިއްޙީ ފަރުވާއެއް މެނުވީ ދެވެން ނެތް ހިސާބަށް ކަންކަން ވަނީ ގޮސްފައިވެއެވެ. މިއީ އެތައް ސަތޭކަ މީހުންނަށް އެއްފަހަރާ ފަރުވާ ދެމުން އައި ހޮސްޕިޓަލެއްނަމަވެސް އިސްރާއީލު ސިފައިން އެތަން ސުންނާފަތިކޮށްލުމުން މިހާރު އެތަނަކީ ސިއްހީ މަރުކަޒެއްގެ ދަރަޖައަށް ހާލަތު ވެއްޓިފައިވާ ތަނެކެވެ. މިވަގުތު ޚިދުމަތްދޭ މަދު ޑިޕާޓްމަންޓްތައް ވަނީ އެމެޖެންސީ ވޯޑަށް ބަދަލުކޮށްފައެވެ. މި ޙާލަތަކީ ޣައްޒާގެ ޞިއްޙީ ދާއިރާ ދުވަހެއް ދުވަހަކަށް ދަށަށް ދިއުމުގެ ހެއްކެކެވެ.

އިސްރާއީލުން ވޭތުވި ހަފުތާއެއްގެ ތެރޭގައި ޝަހީދު ކޮށްލާ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް 70 އިން މައްޗަށް އަރާފައިވާއިރު އިއްޔެ ވަނީ 73 މީހުން އޭގެ ކުރީދުވަހު ވަނީ 70 މީހުން ޝަހީދު ކޮށްލާފައެވެ. އަދި މިއަދު ވެސް ވަނީ މިހާތަނަށް 44 މީހުން ޝަހީދުކޮށްލާފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޣައްޒާއިން 2023 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މިހާތަނަށް 55,806 މީހުން ޝަހީދުވެ، 130,301 މީހުން ވަނީ ޒަޚަމްވެފައިވެއެވެ.